28 Nov 2011, 14:42
ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ކޮށްފައިވާ ސެކްޝަނެއް ސަން އޮންލައިންގައި ގާއިމްކޮށްފި އެވެ.
ސާކް ގައުމުތަކުގެ ފުޓްބޯޅައިގެ އެންމެ ބޮޑު އީދުގެ ގޮތުގައި ހިމެނޭ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ މަހު އިންޑިޔާގެ ވެރި ރަށް ދިއްލީގައި ކުރިޔަށްދާއިރު sun.mv/saff ގައި މެދުވެރިކޮށް ސަރަހައްދުގެ ފުޓްބޯޅަ އީދުގެ ހުރިހާ ހަބަރުތަކެއް ގެނެސްދޭނެ އެވެ.
ސާކް އަށް ގައުމުގެ ފުޓްބޯޅައިގެ ތާރީހާއި ކާމިޔާބުތަކާއި މުބާރާތަށް ޓީމް ތައްޔާރުވެފައިވާ ގޮތާއި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތާއި ޓީމްތަކުގެ ޓެކްޓިކްސް އާއި ކުޅުންތެރިންގެ މައުލާމާތުތައް މި ސެކްޝަންގައި ހިމަނާފައިވާއިރު ކޮންމެ ގައުމަކަށް ވެސް މުބާރާތާ ގުޅޭ އެ ގައުމުގެ މައުލޫމާތާއި ހަބާރުތަކާއެކު ވަކި ސަފުހާއެއް ހާއްސަކޮށްފައި ވެއެވެ.
މުބާރާތުގެ ފޮޓޯތަކާއި ވީޑިއޯ ވެސް ހިމަނާ ގޮތަށް ފަރުމާކޮށްފައިވާ މި ސެކްޝަންގައި ސަން މީޑިއާ ގްރޫޕްގެ ރޭޑިއޯ ޗެނަލް، ސަން އެފްއެމް މެދުވެރިކޮށް ސާފް ޗެމްޕިއަންޝިޕާ ބެހޭ ގޮތުން ފުޓްބޯޅަ އެނިލިސްޓްން ކަމަށް، އަލީ ސުޒޭނާއި އިސްމާއީލް ޒަރިޔަންދާއި އަހުމަދު މުޖުތަބާ (ފެސްކޯ) ހުށަހަޅައިދޭ "ސާފް ޗެމްޕިއަން ޝިޕަށް ރާއްޖެ ކުރާ ދަތުރު" ޝޯގެ އޯޑިއޯ ވެސް ހިމަނާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން ދިވެހި ޓީމް މުބާރާތުގައި ކުޅޭ މެޗުތަކާއި ދިވެހި ޓީމަށް މުހިންމުވާ މެޗުތައް ކުޅޭ އިރު ލައިވް ބްލޮގް ކުރާ ގޮތަށް ހަމަޖައްސާފައިވާ މި ސެކްޝަންގައި ދިވެހި ސަޕޯޓަރުން ބައިވެރިވެ ތަރުހީބު ދިނުމާއި ހެޔޮ އެދުމުގެ މެސެޖްތައް ފޮނުވާލެވޭ ގޮތަށާއި އެ މެސެޖްތައް ކިޔުންތެރިންނަށް ދައްކާލެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.
ސަން އޮންލައިންގެ މި ސެކްޝަން މެދުވެރިކޮށް މުބާރާތުގެ ކަވަރޭޖް ގެނެސްދޭއިރު މުބާރާތް ކަވަރުކޮށް ހަބަރާއި ފޮޓޯ އާއި ވީޑިއޯ ގެނެސް ދިނުމަށް ސަން އޮންލައިނާއި ސަން އެފްއެމްގެ ނޫސްވެރިން ދިއްލީގައި ވެސް ގާއިމުވެ ތިބޭނެ އެވެ.