22 Dec 2019, 18:21
ހަ ދާއިރާއަކުން ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދަ ކުންފުނީގެ އޮފިޝަަލަކު ވިދާޅުވީ ހުޅުމާލޭގައި މިހާރު އާބާދީ އިތުރުވަމުންދާތީ އެކަންކަމަށް ވިސްނައި އެ ހޮސްޕިޓަލް އެކްސްޕޭންޑްކުރުމުގެ ޕްލޭންތައްހަދައި އިމްޕްލިމަންޓްކުރުމަށް ޓަކައި ޑްރާފްޓެއް އެކުލަަވާލައިފައިވާ ކަަމަށެވެ. އަދި އެ ޕްލޭނަށް އަމަލުކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެންމެބޮޑަށް ޑިމާންޑް އޮންނާނީ ކުޑަކުދިންގެ ބަލިތަކަށް އެކުދިންނަށް ޖެހޭ ހުމާ މިކަހަލަ ކަންތައްތައް. އެހެންވީމާ އަޅުގަނޑުމެން މިހުރީ ސިކްސް އޭރިއާއެއް އައިޑެންޓިފައިކޮށްފަ. މިއަންނަ އަހަރު ސްޕެޝަލް އެމްފަސިސްއެއް ދީގެން އޭރިއާސްތަކަށް އަޅުގަނޑުމެން ވޯކްކުރާނަން. ދެން އޭގެތެރެއިން ކުޑަކުދިންނަށް އެންއައިސީއެއް ހެދުންވެސް ވަރަށް މުހިއްމުކަމަކަށް އަންނަ އަހަރުގެ ޓާގެޓްތެރޭގައި ހިމެނޭކަމެއް،" އޮފިޝަލް ވިދާޅުވިއެވެ.
އަންނަ އަހަރު ކުރީކޮޅު އެންއައިސީޔޫއާއި އައިސީޔޫ ހުޅުވޭވަރުވާނެކަމަށް ބެލެވޭކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޭގެ އިތުރުން ބެޑްކެޕޭސިޓީ އިތުރުކުރުމަށް 12 ޕްރައިވެޓް ރޫމް އަންނަ ހަފްތާގައި ހުޅުވާނެ ކަަަމަށާއި އަންހެނުންނަށް ޖެހޭ ބަލިތަކާއި ވިހެއުމާ ގުޅޭ ހިދުމަތްތަށް ރަނގަޅުކުރުމަށްވެސް ނިންމާފަިއވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ދެން ޑެންޓަލް މިއީ މިހާރު އެންމެ ޑިމާންޑް އެންމެ ބޮޑު އޭރިއާ. ދެން ޑެންޓަލް ޗެއާ އިތުރުކޮށް ޑެންޓަލް ރިންގްއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ. މީގެ އިތުރުން އީއާރު އެންޑް ޓްރޯމާ. މިވާގޮތަކީ ހުޅުމާލެއަކީ އެންމެ ގިނައިން އެކްސިޑެންޓްވާ ތަނަކަށް ވެފައި ދައުލަތުންވެސް ބޭނުންވޭ އެކަމަށް އެކްޝަން ނަގަން. މިސާލަކަށް އެކްސިޑެންޓްވާކުދިން ނަގާފަ ބޭސްފަރުވާކުރުމުގެ ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ދެން އޭގެ އިތުރުން އޯތޯއާއި ޖެނެރަލް ސާޖަރި މަސައްކަތްތަކަށް އަޅުގަނޑުމެންއާ އޮޕަރޭޝަން ތިއޭޓަރުތަކެއް ހުޅުވާނެ،" އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓްލުން މިހާރުވެސް އެވެރެޖްކޮށް ދުވާލަކަު 1300 އެއްހާ މީހުން ފަރުވާ ހޯދާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.