22 Dec 2019, 17:36
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތަކަށް ވަގުތީ ގޮތުން ބަންދުކުރުމާ ގުޅިގެން ވައިގެ ޓްރެފިކް ބޮޑުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެމުން ވެލާނާ އެއާޕޯޓު ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވަނީ ރަންވޭގެ މަރާމާތަށް ދާދި ދެންމެއަކު ރަންވޭ ބަންދުކޮށްފައިވާ ކަމަށެވެ.
އަދި އެހާ ގިނަ އިރެއް ނުވެ މަރާމާތުގެ މަސައްކަތް ނިންމާލާނެ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެމްއޭސީއެލް އިން ބުނެފައިވަނީ އެ މަރާމާތަކީ ހަމަ އާންމުކޮށް ކުރާ ފަދަ މަރާމާތެއް ކަމަށެވެ.
ވައިގެ ޓްރެފިކަށް ބަލާއިރު މަރާމާތުކުރުމަށް ރަންވޭ ބަންދުކުރުމާ ގުޅިގެން ބައެއް ފްލައިޓުތަކަށް ނުޖެއްސިފައި އެބަތިއްބެވެ.
އެއާޕޯޓު ރަންވޭގެ މަރާމާތާ ގުޅިގެން މޯލްޑިވިއަން އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން ކުރިއަށް ހުރި ބައެއް ފްލައިޓުތަކުގައި ޑިލޭ އުޅުން އެކަށީގެންވާ ކަމަށެވެ. އަދި އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
ގިނަ އިރުތަކަކަށްފަހު މިހާރު ވަނީ ރަންވޭ ހުޅުވާފައެވެ.