އެމްއެންބީސީގެ ޔޫތު ޓީވީ ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖާ އިބްރާހިމް މުއާޒް (މުއާ) ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބެލުމަށް ފަހު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ގާނޫނާއި ޚިލާފަށް ކަމަށް ނިންމައިފި އެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު މުއާ ވަޒީފާއިން ވަކިކުރީ ރީކޯ މުސާ މަނިކު އެމްއެންބީސީ ޗެނަލް ވަންގެ ލައިބްރަރީ ތެރޭ އިންނަވަނިކޮށް ފޮޓޯ ނަގައި ލީކުކޮށްލި ކަމަށް ތުހުމަތުކޮށެވެ.

މުއާ ކުންފުންޏަށް ޚިޔާނާތްތެރި ވެފައިވަނީ ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ކުންފުނީގެ ލައިބްރަރީ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ކުންފުންޏާއި ވާދަވެރި ކުންފުންޏަކަށް ލީކްކޮށްގެންކަމަށް އެމްއެންބީސީން ވަނީ ޓްރައިބިއުނަލުގައި ބުނެފައެވެ.

ނަމަވެސް ޓްރައިބިއުނަލުން މިއަދު ނެރުނު އަމުރުގައި ވަނީ ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް ކުންފުނީގެ ލައިބްރަރީ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ކުންފުންޏާއި ވާދަވެރި ކުންފުންޏަކަށް ފޮނުވާފައިވަނީ މުއާޒުކަން ކަށަވަރު ކުރުމަށްޓަކައި އެމްއެންބީސީގެ ފަރާތުން އެކަށީގެންވާ މިންވަރަށް ބަލައި ތަހުގީގުކުރިކަން އެނގޭނެފަދަ ހެއްކެއް އެމްއެންބީސީން ޓްރައިބިއުނަލަށް ހުށަހަޅާފައި ނުވާކަމަށެވެ.

އެ އަމުރުގައި ވަނީ މުއާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިއަދާއި ހަމަޔަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ދޭންޖެހޭ ފައިސާ މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މުއާޒަށް ދީ ހަލާސް ކުރުމަށްފަހު ލިޔުމުން އެކަން ޓްރައިބިއުނަލަށް އެންގުމަށެވެ.

"...ވަޒީފާ އާއިބެހޭ ގާނޫނޫގެ 29 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އިބްރާހިމް މުއާޒު އަލީ ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އިބްރާހިމް މުއާޒު އަލީ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ޖޫން 2011،5 ވަނަ ދުވަހުން ފެށިގެން މައްސަލަ ނިމުނު ތާރީޚާއި ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި އޭނާއަށް ދޭންޖެހޭ ފައިސާ ނޮވެމްބަރު 2011،28 ވަނަ ދުވަހުންފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އޭނާއަށް ދީ ޚަލާސްކުރުމަށް ފަހު އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވާ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންއަށް އަންގާ އަމުރުކުރަމެވެ،" ޓްރައިބިއުނަލްގެ އަމުރުގައި ވެއެވެ.