19:00


ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގައި ތިބި ކުދިންނަށް ސަރުކާރުން ވީ މިންވަރަކުން އަޅާލަމުން ގެންދަވާނީ ސީދާ ދަރިންގެ ގޮތުގައި ދެކެވަޑައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލެއަތޮޅު މާފުށީގައި ހުންނަ ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގެ ދަރިވަރުންނަށް މާފަންނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިސްނައިގެން ހިންގި ތަފާތު ހަތް ޕްރޮގްރާމެއްގެ ނިމުން ފާހަގަކުރެއްވުމަށް، މިއަދު މެންދުރުފަހު އެ މަރްކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ މަރްކަޒުގައި ތިބި ކުދިން އަލުން އަނބުރާ މުޖްތަމަޢަށް އައުމަށްޓަކައި އެހީތެރިކަމެއް ފޯރުވައިދިނުމަކީ، އޯގާތެރި ދައުލަތެއްގެ ވާޖިބެއް ކަމަށް ސަރުކާރުން ދެކޭ ކަމުގައި ވިދާޅުވި އެވެ. އަދި ހުރިހާ ކުދިންނަކީ ބަސްއަހައިގެން ރިވެތި ގޮތުގައި އުޅޭ ކުދިންނަށް ނުވަނީ ކީއްވެތޯ ބަލައި، އެކަންކަމުގެ ސަބަބުތައް ހޯދަންޖެހޭ ކަމުގައި ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ ވާޖިބަކީ މިކުދިންނާ ދޭތެރޭގައި އަޅާލެވެން އޮތް މަގަކީ ކޮބައިތޯ ބައްލަވައި، އެމަގުން މަސައްކަތް ކުރުން ކަމުގައި ވިދާޅުވި އެވެ.


ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގެ ބޭނުމަކީ، މައިންބަފައިންގެ އަޅާލުން ކުޑަ، އެހެން ގޮތެއް ނެތް ކުދިންނާ ސަރުކާރުގެ ފަރާތުން އަޅުއްވައިލެއްވުން ކަމަށާއި، އިރާދަކުރެއްވިއްޔާ، މިމަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.


ތަޢްލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރްކަޒުގެ ދަރިވަރުންނަށް މާފަންނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިހިންގި ޕްރޮގްރާމްތަކުގެ ތެރޭގައި، ބައެއް ކޯސްތައް ހިންގުންވެސް ހިމެނެ އެވެ. އޭގެ ތެރޭގައި، ފަހަން ދަސްކޮށްދިނުމުގެ ބޭސިކް ކޯހާއި، ފޮތީގައި ކުލަ ޖެއްސުމާއި، ކުރެހުމާއި، ފަހަން ދަސްކޮށްދިނުމުގެ ކޯހާއި، ބޯކޮށަން ދަސްކޮށްދިނުމުގެ ކޯހާއި، ކޭކް ޑެކަރޭޝަން ބޭސިކް ކޯހާއި، ސްޓޮކިން ފްލާވަރ ކޯސް ހިމެނެ އެވެ. އަދި ސްވިމިން އެސޯސިއޭޝަނުން ހިންގި ފަތަން ދަސްކޮށްދިނުމުގެ ކޯހާއި، ޑޯން ޖަމްޢިއްޔާގެ ފަރާތުން ހިންގި ޤުރްއާން މުބާރާތް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މި ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި، ޤުރްއާން މުބާރާތްތަކުގެ ވަނަތަކަށް އިނާމުތައް ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އަދި މާފަންނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުޑަކުދިންގެ މަރްކަޒަށް ދިން ހަދިޔާ، އެމަރްކަޒާ ޙަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.