22 Dec 2019, 14:03
ހަވާނާ (ޑިސެމްބަރު 22): ކިއުބާގެ ރައީސް މިގޭލް ޑިއޭޒް ކަނާލް އެގައުމުގެ ބޮޑުވަޒީރު ކަމަށް ޓުއަރިޒަމް މިނިސްޓަރު މެނުއެލް މަރޭރޯ ކްރޫޒް އައްޔަން ކުރައްވައިފި އެވެ.
ކިއުބާގައި ޓުއަރިޒަމް މިނިސްޓަރުކަން ކުރައްވާތާ 15 އަހަރުވެފައިވާ މަރޭރޯ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް އެގައުމުގެ ޕާލިމެންޓުގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
މިއީ ކިއުބާގެ ކުރީގެ ލީޑަރު ފިޑޭލް ކާސްޓްރޯ ވެރިކަމުގައި ހުންނެވި އިރު، 1976ގައި ބޮޑުވަޒީރުގެ މަގާމު އުވާލި ފަހުން އެގައުމުގައި އެ މަގާމަށް މީހަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.
ކިއުބާއިން މިދިޔަ އޭޕްރިލް މަހު އަމަލު ކުރަން ފެށި އާ ގާނޫނު އަސާސީގެ ދަށުން އަނެއްކާވެސް ބޮޑުވަޒީރުގެ މަގާމު ތައާރަފް ކުރުމަށް ފަހު، އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ވަނީ ރައީސްގެ ބައެއް ޒިންމާތައް ހަވާލުކުރަން ނިންމާފަ އެވެ. ނަމަވެސް އެގައުމުގައި އަދިވެސް އެންމެ ބާރުގަދަ ބޭފުޅަކަށް ހުންނަވާނީ ފަސްޓް ސެކްރެޓަރީ އޮފް ދަ ކޮމިއުނިސްޓު ޕާޓީގެ ގޮތުގައި ހުންނަވާ ރައުލް ކާސްޓްރޯ އެވެ. އަދި ދެވަނައަށް އެންމެ ބާރުގަދަ ލީޑަރަކަށް ހުންނަވާނީ ރައީސް އެވެ.
ކިއުބާގައި 1959އިން 1976އަށް ބޮޑުވަޒީރުކަން އަދި 1976އިން 2008އަށް ރައީސްކަން ކުރެއްވި ފިޑޭލް ކާސްޓްރޯ ވަނީ 2016 ވަނަ އަހަރު އަވާހަރާވެފަ އެވެ. އޭނާއަށް ފަހު ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ކޮއްކޯފުޅު ރައުލް އެމަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު އެވެ.