22 Dec 2019, 13:11
ރާއްޖޭގެ ލީޑިން ކޮލެޖެއް ކަަމަށްވާ އެވިޑް ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާގެ މަގާމަށް ޑރ. ސުނީނާ ރަޝީދު އައްޔަންކޮށްފިއެވެ.
ޑރ. ސުނީނާއަކީ ގައުމީ ޔުނިވާސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
އެ ކޮލެޖުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ޑެޕިއުޓީ ވައިސް ރެކްޓާގެ އިތުރުން އެ ކޮލެޖުގެ އިތުރު ދެ މަގާމަކަށް ބޭފުޅުން ވަނީ ހަމަޖައްސަވައިފައެވެ.

ބިޒްނަސް ފެކަލްޓީގެ ޑީންކަމުގެ މަގާމު ހަވާލުކުރިކަމުގެ ލިޔުން އަލީ ނާފިޒްއަށް އަރުވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް
އެގޮތުން އެ ކޮލެޖުގެ ބިޒްނަސް ފެކަލްޓީގެ ޑީންކަމުގެ މަގާމަށް އަލީ ނާފިޒް މިއަދު ވަނީ އައްޔަންކޮށްފައެވެ.
އޭގެ އިތުރުން ޑރ. އަހުމަދު ޒިޔާދު ބާގިރުވަނީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންކަމަށްވެސް މިއަދު ވަނީ އައްޔަނުކޮށްފައެވެ. ޑރ. ޒިޔާދު މީގެ ކުރިން ވަނީ ނިމިގެން ދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

އެވިޑް ކޮލެޖްގެ ޝަރީއާ ފެކަލްޓީގެ މަގާމު ހަވާލުކުރި ޑރ. ޒިޔާދުއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް
އިސްލާމިކް ސްޓަޑީޒް އިން ޕީއެޗްޑީ ހާސިލްކުރައްވާ އަދި އިސްލާމިކް ފިގުހުން ސްޕެޝަލައިޒްޑް ވެފައި ހުންނެވި ޑރ. ޒިޔާދު މީގެ ކުރިން ވަނީ އެވިޑް ކޮލެޖްގެ އިސްލާމިކް ސްޓަޑީޒްގެ ފެކަލްޓީގެ ޑީންގެ މަގާމު ފުރުއްވައިފައެވެ.