22 Dec 2019, 12:26
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޝުޖޫން އެ މަގާމަށް އައްޔަން ކުރެއްވީ، ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. އެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝޫޖޫން ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޝުޖޫންއަށް ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ޝުޖޫންއަށް ޑރ. އަޒްމިރަލްދާ ހުވާލާދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހް ޝުޖޫންއާ ވަނީ ހަވާލުކުރައްވާފައެވެ.
ޑިސެމްބަރު، 23 1977 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޝުޖޫން ވަނީ ސްރީލަންކާގެ ރޯޔަލް އިންސްޓިޓިއުޓްގައި ޔުނިވާސިޓީ އޮފް ލަންޑަންގެ އެކްސްޓާނަލް ޕްރޮގްރާމްގެ ދަށުން ގާނޫނީ ދާއިރާއިން ބެޗްލާސް އޮފް ލޯސް (އޮނާސް) ފުރިހަމަ ކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިޔާއިން މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފައިވެއެވެ.
ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާށް އައްޔަން ކުރެވުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.