ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައި ހަންގޭރީ އާއިލާއެއްގެ ހޮޓެލް ބުކިން ކެންސަލްވުމުގެ ސަބަބުން ފުލުހުންގެ އެހީތެރިކަމާ އެކު އެ އާއިލާގެ އެކޮމޮޑޭޝަން ހަމަޖައްސައިދީފި އެވެ.

ފުލުހުން ބުނީ އެމީހުން ބުކިން ހައްދާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ކަމަށެވެ. އަދި ހޮޓެލް ބުކިން ކެންސަލްވެފައިވާކަން އެމީހުންނަށް އެނގުނީ އިއްޔެ ރާއްޖެ އައި ފަހުން ކަމަށެވެ.

ހެޓޮލް ބުކިން ކެންސަލް ވެގެން އެ އާއިލައިން ވަނީ ޓޫރިސްޓު ޕޮލިސް އަށް ރިޕޯޓުކޮށްފަ އެވެ.

"އެ އާއިލާއިން ޓޫރިސްޓު ޕޮލިސްގެ އެހީތެރިކަމަށް އެދިގެން އައީ ކުދިކުދި ވެފައިވާ ހިތަކާ އެކު،" ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ތިން މެމްބަރުންގެ އެ އާއިލާގެ ބުކިން ކެންސަލްވެފައި ވަނީ ދިވެހި އޭޖެންޓެއް މެދުވެރިކޮށް ހޮޓަލެއް ބުކް ކޮށް، ހޮޓަލަށް ފައިސާ ދެއްކި ނަމަވެސް، އެޖެންޓު އެ ފައިސާ ހޮޓަލަށް ދައްކާފައި ނުވާތީ އެވެ.

މިދިޔަ ޖެނުއަރީ މަހު ބުކިން ހެދުމާއެކު ހޮޓެލް ބުކް ކުރެވުނު ކަމުގެ ޔަގީންކަން، ކޮންފަމޭޝަން މެއިލް އަކުން އެ އާއިލާއާށް ލިބުނު ނަމަވެސް، ބުކިން ކެންސަލްވިކަން އާއިލާއަށް އަންގާފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައި، އެމްއެމްޕީއާރްސީއާ ގުޅިގެން މާލެ އަތޮޅު ރިޒޯޓަކުން އެ އާއިލާއަށް އެކޮމޮޑޭޝާން ހަމަޖައްސައިދީފަ އެވެ.

"އެ އާއިލާ މިހާރު އެހެން ރިސޯޓަކަށް ގޮސްފައި ވަނީ ބޮޑު ހިނިތުންވުމަކާ އެކު،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ނަން ހުތުރުވާ ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.