އިސްލާމް ދީނުގެ ހުކުމްތަކަށް ގޮންޖައްސަވައި އެ ހުކުމްތައް ބަދަލު ކުރުމަށް އާންމު ބަހުސަކަށް ގޮވާލި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކަށް ރައީސް ނަޝީދު ހިއްވަރުދެއްވުމުން އެމަނިކުފާނުގެ ހަގީގަތާ މެދު ޝައްކު ކުރާނެ ޖާގައެއް ނެތް ކަމަށާއި އިސްލާމް ދީނުގެ ވަހުދަތު ނައްތާލުމަށް ކުރަމުންދާ ކަންތަކާ މެދު ދިވެހި ރައްޔިތުން ހަމަހިމޭނުން ނުތިބޭނޭކަން ދެއްކުމަށް ޓަކައި ކުރާ އިހުތިޖާޖުތަކުގައި ބައިވެރިވުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީގެ ވެބްސައިޓްގައި އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން މިއަދު ވިދާޅުވެފައި ވަނީ ޕިއްލޭ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަށް ރައީސްގެ ރޭޑިއޯ ހިތާބުގައި އަލިއަޅުއްވާނުލައްވައި ރޭ ބޭއްވި ގައުމީ އިނާމް ދިނުމުގެ ޖަލްސާގައި ޕިއްލޭގެ ވާހަކަތަކަށް ހިތްވަރު ދެއްވާފައި ވުމުން ރައީސް މުހައްމަދު ނަޝީދުގެ ޙަގީގަތާ މެދު އެއްވެސް ދިވެއްސަކު ދެން ޝައްކު ކުރާނޭ ޖާގައެއް ނެތް ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

"ގައުމީ ޖޯޝާއި ރޫހު އުފެދިގެން އަންނަނީ ކަންކަން ފޮރުވުމާއި ވާހަކަތައް ނުދެއްކުމަކުންނެއް ނޫން. ކަންކަން ފޮރުވުމަކުންނެއް ނޫން. ސާފު ސާދާ ގޮތުގައި ދެފުށް ފެންނަ ގޮތުގައި އަޅުގަނޑުމެންގެ ހިތަށް އަރާ ވާހަކަތަށް އަޅުގަނޑުމެންގެ ދުލުން ބުނެވި އެ ވާހަކަތަކުގައި ހުރި ހެޔޮ ނުބައި އަޅުގަނޑުމެން އެންމެންގެ މެދުގައި ބަހުސްކޮށް މަޝްވަރާކުރެވި އެޔަށް ބުރަވެ އަޅުގަނޑުމެންގެ ކަންކަން ނިންމުން،"

ޑރ. މައުރޫފު ވިދާޅުވީ ޕިއްލޭގެ ވާހަކަފުޅުތަކަކީ ދިވެހި ސަރުކާރު ހިންގަން ތިބި ފަރާތްތަކުން ހިންގި ޖަރީމާއެއް ކަމަށް ތުހުމަތު ކުރައްވާ ކަމަށެވެ. އަދި އެކަން ސާބިތުވާ ފަދަ ވާހަކަތަކެއް ބޭރުގެ މީޑިއާތަކުން ފަތުރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޮއިސް އޮފް އެމެރިކާގެ ވެބްސައިޓްގައި މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ ޕިއްލޭ ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގައި ޒިނޭ ކުރާ މީހުންގެ ގައުގައި ޙައްދު ޖެހުން ހުއްޓުވާނޭ ގޮތަކާ މެދު ރައީސް މުޙައްމަދު ނަޝީދު އާއި ސަރުކާރުގެ އިސްވެރީންނާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ޙައްދު ޖެހުން އެއްކޮށް މަނާ ކުރެވެންދެން އެކަން ވަގުތީ ގޮތުން ހުއްޓާލުމަށް ވެސް ނަވީ ޕިއްލޭ ދިވެހި ސަރުކާރަށް ލަފާ ދެއްވާފައިވާ ކަމަށް އެ ޚަބަރުގައި ބުނެފައިވެ އެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ ހައިސިއްޔަތުން ޕިއްލޭ ދެއްކެވި ވާހަކަ ރައީސް އަޑު އެއްސެވުމަކީ ފަހަރެއްގައި ވެސް ސަރުކާރުން އެކަން ބަލައިގަތީ ނޫން ކަމަށާއި އެކަމަނާ ދެއްކެވި ވާހަކަ ރައީސް އަޑުއެއްސެވި ކަމަށެވެ. އަދި ޝަރުއީ މަރުހަލާ ތެރޭގައިވާ ދުވަސްވަރު ހައްދު ޖެހުން މަޑުޖައްސާލުމަށް އެކަމަނާ ރައީސް އަރިހު އެދިވަޑައިގަތް ކަމަށާއި އަދި އެކަމަނާ ބައްދަލު ކުރެއްވި ހުރިހާ ބޭފުޅުން އަރިހު ވެސް އެ ވާހަކަ އެގޮތަށް ދެއްކެވި ކަމަށެވެ.

"ދީނާ ހިލާފު އެއްވެސް ބާވަތެއްގެ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ހިންގުމަށް [ސަރުކާރުން] މަގުފަހިކޮށްދީފައެއް ނުވާނެ،" ޒުހައިރު ވިދާޅުވި އެވެ.

ޑރ. މައުރޫފު ވިދާޅުވީ އިސްލާމް ދީނާއި ހަގުރާމަ ކުރާ ޑިޕްލޮމެޓެއް ގެނެސްގެން ސަރުކާރުން ހިންގި ކަންތަކަކީ، ދިވެހި ރާއްޖެއިން އިސްލާމީ އެއްބައިވަންތަކަން ނައްތާލާ، އިސްލާމް ދީނުގެ ޝަރީޢަތުގެ ބާރު ކަނޑުވާލައި އެހެން ދީން ތަކަށް ރާއްޖެ ހުޅުވާލުމަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން ރާވައިގެން ހިންގާ ޕްރޮގްރާމްގެ ދަށުން ހިންގުނު ކަމެއް ކަން އެނގޭ ކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް ޑރ. މައުރޫފު ވަނީ އިގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ އިސްވެރިންގެ ވެބްސައިޓްގައި ލިޔެފައިވާ ލިޔުމެއް ހިއްސާކޮށްފަ އެވެ. ކޮންޒަވޭޓިވް ޕާޓީގެ އެ ލިޔުމުގައި ބުނެފައި ވަނީ އެބޭފުޅުން ބޮލުގައި ރިއްސާކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ވެގެން ކަމުގައި ލިޔެފައި އޮތުމުން ކަމަށެވެ.

ޑރ. މައުރޫފު ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަކީ މިސަރުކާރުގެ އެންމެ ބޮޑު އެކުވެރީން ކަމަށާއި އެކަން ސާބިތު ވަނީ ރާއްޖޭގައި ޣައިރުދީން ފަތުރަން އުޅުމުގެ ސަބަބުން ޑިޕޯޓްކޮށް ފޮނުވާލާފައިވާ ޑޭވިޑް ހާޑިންގްހަމްއަށް ޝަރަފުގެ މަގާމެއް ދީފައިވާ ކަމަށެވެ. ޖުލައި 2، 2009ގައި އޭނާޔަށް “އޮނަރަރީ ކޮންސަލް ފޯ ދަ މޯލްޑިވްސް އިން ސެލިސްބަރީ” އޭކިޔާ މާގާމެއް ރައީސް ނަޝީދު ދެއްވައި މިނިސްޓަރުންނަށް ވުރެ ބާރުވެރި ގޮތުގައި އައިސް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރެވޭ މީހެއް ކަމަށް ޑރ. މައުރޫފު ވިދާޅުވި އެވެ. އަދި އިސްލާމްދީނަށް ފުރައްސާރަ ކުރާތީ މީގެކުރިން ބަންދުކުރެވުނު ވެބްސައިޓް“ މޯލްޑިވްސް ކަލްޗާ ޑޮޓް ކޮމް” ހިންގާ ފަރީޝާ އަބްދުﷲ އަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ އެއްގެ ވަޒީފާ ދެއްވާފައިވާ ކަމަށެވެ. ނަސާރާ އިންގެ ބައިބަލް ދިވެހި ބަހަށް ތަރުޖަމާ ކުރި މީހުނާއި ދިވެހިން މަގުފުރެއްދުމަށް ޓަކައި ދިވެހި ބަހުން ކްރިސްޓިއަން ދީން ފަތުރާ ރޭޑިއޯ ހިންގި މީހުން މިއަދު ތިބި ހިސާބާ މެދު އޭނާ ސުވާލު އުފައްދާފައިވެ އެވެ.