ދިއްލީ (ޑިސެމްބަރު 22): އިންޑިއާގައި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި 23 މީހަކު މަރުވެއްޖެ އެވެ.

މިމަހުގެ 11ގައި އިންޑިއާގެ ޕާލިމެންޓުން ފާސްކުރި ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ)އާ ދެކޮޅަށް އެގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ އުއްތަރަ ޕްރަދޭޝްއިންނެވެ. ބީޖޭޕީގެ ވެރިކަމެއް އޮންނަ އެސްޓޭޓުގެ މުޒާހަރާތަކުގައި 15 މީހަކު މަރުވެފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޕްރަވީން ކުމާރު ވިދާޅުވި އެވެ.

ކުމާރު އިތުރަށް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން މަރުވީ ގަޔަށް ވަޒަން އެރުމުގެ ސަބަބުން ކަމަށްވީ ނަމަވެސް އެއީ ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ހިނގި ހާދިސާތަކެއް ނޫނެވެ. އަދި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބޭނުން ކުރަނީ ކަރުނަ ގޭސް އެކަންޏެވެ.

ނަމަވެސް ރަށްވެހިކަމާ ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އުއްތަރަ ޕްރަދޭޝް އާއި ދިއްލީ އާއި ކަރުނާޓަކާގެ ބައެއް ތަންތަނުގައި އެގާނޫނާ ދެކޮޅަށް މުޒާހަރާ ކުރުން މަނާ ކުރުމުން ފުލުހުންނަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ.

އުއްތަރަ ޕްރަދޭޝްގެ އިތުރުން އައްސާމާއި ބިހާރާއި ކަރުނާޓަކާގެ މުޒާހަރާތަކުގައި ވެސް މީހުން މަރުވެފައިވެ އެވެ.

އިންޑިއާއިން ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ ގޮތް ހަދައިފަ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އެ އިސްލާހު ފާސް ކުރީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން އަނިޔާއާ ފުރައްސާރައާ ކުރިމަތިލާން ޖެހޭ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.

ނަމަވެސް އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ ސަރުކާރުން ގެންގުޅޭ "ހިންދޫ ވަތަނީ" އެޖެންޑާގެ ދަށުން އެގައުމުގެ 200 މިލިއަނަށް ވުރެ ގިނަ މުސްލިމުން އެކަހެރި ކުރުމަށް ފާސް ކުރި އިސްލާހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މުޒާހަރާ ކުރާ އެހެން މީހުން ވަނީ އެ ގާނޫނުގެ ސަބަބުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބުނެފަ އެވެ.

އެއީ 2014 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެސަރުކާރާ ދެކޮޅަށް ބާއްވާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. ނަމަވެސް ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ ސަރުކާރުން އޮތީ ރަށްވެހިކަމުގެ ގާނޫނާ ގުޅިގެން ދޫދޭގޮތަކަށް ނޫން ކަމަށް ވިދާޅުވެފަ އެވެ.