މިދިިޔަ އޭޕްރިލް މަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި ބަތަލާ ހީނާ ހާން އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އޭނާ ރާއްޖެ އައިސްފައިވާ ކަން އޭނާގެ އިންސްޓަގްރާމް އެކައުންޓް ސްޓޯރީގައި ހިއްސާކޮށްފައިވާއިރު، ބަތަލާ ހީނާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.

ލޯބިވެރިޔާ ރޮކީ ޖެއިސްވާލާ އެކު ކުރުނބާގައި ޗުއްޓީ ހޭދަކުރަމުން އަންނަ ތަރި ވަނީ އިންސްޓަގްރާމްގައި ގިނަ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

ފެންމަތީގައި އޮވެ ހެނދުނުގެ ނާސްތާ ނަގައި ފޮޓޯ އޭނާގެ އިންސްޓާގައި ވަނީ ހިއްސާކޮށްފަ އެވެ. ފޮޓޯ ކެޕްޝަނުގައި ހީނާ ބުނީ ދުނިޔެ މަތީގައި ސުވަރުގެ ވާ ނަމަ އެތަނަކީ ރާއްޖެކަމަށެވެ. އަދި ރާއްޖެއަކީ އޭނާގެ އެންމެ ގާތް އަދި އޭނާގެ އުފާކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މަޝްހޫރުކަން ހޯދި ހީނާ މިހާރު އަންނަނީ ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުންނެވެ. އޭނާ ވަނީ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމޯލިލާގެ ރޯލުވެސް އަދާކޮށްފަ އެވެ.