ބަންގްލަދޭޝް ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންގެ ވިސާ ހަމަނުޖެހިގެން ސާފް ޗެމްޕިއަންޝިޕްގެ ދަތުރު ލަސް ވެއްޖެ އެވެ. އަންނަ މަހު ދެވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ބަންގްލަދޭޝް ޓީމަށް އިންޑިއާ އަށް ދެވޭނެ ވަކި ތާރީހެއް އަދި ކަށަވަރެއް ނުވެއެވެ.

ބަންގްލަދޭޝް ޓީމު ދިއްލީއަށް ފުރާގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި ބަންގާޅުގެ ސަދަން ސަމިޓީ އާއި ދެކޮޅަށް މިއަދު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް މިމެޗު މިހާރު ވަނީ ކެންސަލް ވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝް ގައުމީ ޓީމުގެ ތިރީސް މެމްބަރުންގެ ވިސާ ހަމަޖެއްސުމަށް ހުށަހެޅި ނަމަވެސް ހަމަޖެހުނީ ފަންސަވީސް މެމްބަރުންގެ ވިސާ އެވެ. ވިސާ ހަމަނުޖެހުނު މެމްބަރުންގެ ތެރޭގައި ހެޑް ކޯޗް ނިކޮލާ އިލިއެވްސްކީ އާއި އެސިސްޓަންޓް ކޯޗް ސަމްސުޒަމަން ޔޫސުފް ހިމެނެއެވެ.

މުބާރާތުގައި ބަންގްލަދޭޝް ހިމެނެނީ މުބާރާތުގެ ގްރޫޕް ބީ ގައި އެންމެ ފަހުގެ ރަނަރަޕް ދިވެހިރާއްޖެ އާއި އެކުއެވެ. މިގްރޫޕުގައި ހިމެނޭ އަނެއް ދެޓީމަކީ ނޭޕާލް އަދި ޕާކިސްތާނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، ސްރީލަންކާ އާއި، އަފްޣާނިސްތާން އަދި ބޫޓާން އެވެ.