ވޮޝިންޓަން (ޑިސެމްބަރު 22): އެމެރިކާގައި ދުންފަތް ގަނެވޭ އަގު 18 އަހަރުން 21 އަހަރަށް މަތިކުރަން އެގައުމުން ނިންމައިފި އެވެ.

ދުންފަތް ގަނެވޭ އެންމެ ހަގު އުމުރު ބަޔާން ކުރާ ގާނޫނަށް އިސްލާހު ގެންނަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުކުރު ދުވަހު ތަސްދީގު ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ނުވަ މަސް ތެރޭ އެ ގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

އެމެރިކާ އިން އެ އިސްލާހު ގެނައީ އެގައުމުގައި ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ނިކޮޓިން ބޭނުން ކުރާ މިންވަރު ގިނަވުމާއި އިލެކްޓްރޯނިކް ސިނގިރެޓުގެ ނުރައްކާތަކާ ބެހޭ ގޮތުން ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އީ ސިނގިރެޓާ ގުޅުން ހުރި ފުއްޕާމޭގެ ބައްޔެއްގައި މި އަހަރު ތެރޭ އެމެރިކާ އިން 47 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އިން ވަނީ މިދިޔަ މަހު ބުނެފަ އެވެ. އެބަލި ޖެހެން މެދުވެރިވާ ސަބަބުތައް އަދި ވެސް ހޯދަމުންދާ އިރު، ރައީސް ޓްރަމްޕް ވަނީ އެގައުމުގައި ބައެއް ފްލޭވާތަކުގެ އީ ސިނގިރެޓު މަނާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.