22 Dec 2019, 09:44
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ކޮންސިއުލޭޓް ހުންނަ ގައުމުތަކުގައި 150 މީހުން ވޯޓްލާން ރަޖިސްޓްރީކޮށްފިނަމަ އެގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ރާއްޖެ ޓީވީ"އިން ރޭ ގެނެސްދިން ފަލަ ސުރުހީ ޕްރޮގްރާމްގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ބޭރުގައި ތިބޭ ރާއްޖޭގެ މީހުން ވޯޓު ދޭން ބޭނުންނަމަ ރަޖިސްޓްރީކުރަން މިފަހަރުވެސް ފުރުސަތު އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ގައުމެއްގައިވެސް ވޯޓު ފޮށި ބަހައްޓަދޭނަން އެގައުމެއްގައި އަޅުގަނޑުމެންގެ ކޮންސިއުލޭޓްއެއް ނުވަތަ އެމްބަސީއެއް ހުރެފައި، އެގައުމެއްގެ މިސާލަކަށް އިންޑިއާގެ ދިއްލީ ނުވަތަ ޓްރިވެންޑްރަމް ވިޔަސް 150 މީހުން ރަޖިސްޓްރީކޮށްފި ކަމުގައިވާނަމަ، އަޅުގަނޑުމެން އެތަނެއްގައި ވޯޓްފޮށި ބަހައްޓާނަން" އަކްރަމް ވިދާޅުވި އެވެ.
އޭގެ އިތުރުން ޖަލުތަކުގެ ތެރެއިން ޖަލެއްގައި 25 މީހުން ރަޖިސްޓްރީކޮށްފިނަމަ އެ ޖަލުގައިވެސް ވޯޓްފޮށި ބަހައްޓާނެކަމަށް އަކްރަމް ވިދާޅުވި އެވެ.
"ހަމައެގޮތަށް ރިސޯޓްތަކުގައި 50 މީހުން ރަޖިސްޓްރީކޮށްފިނަމަ އެ ރިސޯޓްތަކުގައި ވޯޓްފޮށި ހުންނާނެ. އަޅުގަނޑުމެން މީގެ ކުރިއާ ހިލާފަށް މިފަހަރު ހުޅުވާލާނަން ހުރިހާ ރިސޯޓެއްގައި ރަޖިސްޓްރީކުރަން." އަކްރަމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކާއި އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓް އާންމުކޮށްފައިވާއިރު އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހާ ހަމައަސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އަކްރަމް ވިދާޅުވީ މިހާތަނަށް ނުވަ ޝަކުވާއެއް އެ ރިޕޯޓަށް ލިބިފައިވާ ކަމަށާއި އަދި ފައިނލް ރިޕޯޓް އަންނަ ބުދަ ބުރާސްފަތި ހިސާބުގައި ނެރޭނީ ހުރިހާ ޝަކުވާތަކަަކަށް ބެލުމަށް ފަހު ކަމަށެވެ.
އަކްރަމް އިތުރަށް ވިދާޅުވީ މިފަހަރު އިންތިހާބީ ދާއިރާތައް ސިޓީތަކުން ކަނޑައެޅީ، ލާމަރުކަޒީ ގާނޫނޫގައި ބުނާގޮތަށް އާބާދީއަށް ބަލާފައި ކަަމަށެވެ. އޭގެ ތެރެއިން މާލެ ސިޓީގެ ދާއިރާތައް ކަނޑައެޅީ މުޅި މާލޭގެ ރައްޔިތުން ޝާމިލްވާގޮތަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރީގެ އިންތިހާބްތަކުގައި މާލޭގެ ދަފްތަރުގައި ހިމެނޭ މީހުން އެ ދަފްތަރުގައި ހިމެނި ގޮތާ ދޭތެރޭ ޝަކުވާތައް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިފަހަރު ދަފްތަރުތައް ބަހާނީ އެންމެންގެވެސް ކަންބޮޑުވުންތަކަށް ބަލައި މަޝްވަރާތައް ކުރުމަށްފަހު ކަމަށް އަކްރަމް ވިދާޅުވި އެވެ.
"މިފަހަރު ދަފްތަރު ބަހާލުމުގައި އަމަލުކުރާނެ ގޮތަކީ ދެންމެ މިދެންނެވި ގޮތަށް ދާއިރާތައް ބަހާލާއިރުގައި އާބާދީއަށް މަދުވާ ބައި. މިސާލަކަށް 4500 ކޮންމެވެސް ވަރެއް މިޖެހެނީ ޖުމްލަ ކޮންމެ ދާއިރާއަކަށް. ޖެހޭއިރު އެ މަދުވާބައި އެޖަސްޓްކުރުމަށްޓަކައި މިފަހަރުވެސް ހަމަ ދަފްތަރު ބަހާލާނެ. ދަފްތަރު ބަހާލާއިރު އަޅުގަނޑުމެން އަމަލުކުރާނީ ހަމަހަމަކަމާއެކު އަމަލުކުރެވޭތޯ. އަޅުގަނޑު މިދެންނެވި ހަމަހަމަކަމަކީ މިސާލަކަށް ދާއިރާއެއްގެ އެންމެ ގިނަ އަދަދަކީ 4500 ކަމަށް ވަންޏާ ޖެހިގެން ހުރި ދާއިރާއަށް މަދުވަނީ ގާތްގަނޑަކަށް 4200 މީހުން އެހެންވެއްޖިއްޔާ އެ ދާއިރާއަށް ދަނީ އެންމެ 300 މީހުން." އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ދަފްތަރު ބަހާލުމުގައި ކުރިން އަމަލުކުރި ރެންޑަމް ކައުންޓިން ސިސްޓަމްއެއް ގޮތަށް އޮޓޮމެޓިކް ނަންބަރެއް ނެގޭގޮތަށް މިފަހަރު ވިސްނުން ގެންގުޅެން އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެކަމާ މެދު އަދި ގޮތެއް ނުނިންމާކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.