21 Dec 2019, 22:35
ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ 'އައްސޭރި' އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ނުވަ ގެއަކަށް ވަދެ، 18 އަހަރުން ދަށުން 20 ކުއްޖެއްގެ ހާލަތު ބަލާފައިވާ ކަމަށް ޖެންޑަ މިނިސްޓްރީއިން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަނުގައި އެ މިނިސްޓްރީގެ ދައުރަކީ އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ފަރާތްތަކުގައިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރެވިފައިވޭތޯ ބެލުން ކަމަށެވެ. އަދި ހައްގުތަކުން މަހުރޫމުވެފައިވޭތޯ ބަލައި އެފަދަ ކުދިންނާއި އަންހެނުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ވަގުތުން ވަގުތަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ ޖެންޑަ މިނިސްޓްރީގެ ބޭނުން ކަމަށެވެ.
އެގޮތުން މަޑުއްވަރީގެ ނުވަ ގޭ ބިސީއަކަށް ޒިޔާރަތްކޮށްފައިވާނެ ކަމަށް ޖެންޑައިން ބުންޏެވެ. އަދި 20 ކުޑަކުއްޖެއްގެ ހާލަތު ބަލާފައިވާނެ ކަމަށް ބުންޏެވެ.
"އެކުދިންގެ އާއިލާއާ މަޝްވަރާކޮށް. އެކުދިންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރެވުނު." ޖެންޑަ މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޖެންޑައިން ބުނީ މީގެކުރިން ވެކްސިން ދޭން އިންކާރު ކުރި އާއިލާއެއްގެ ހަތަރު ކުދިންނަށް އާއިލާގެ އެއްބާރުލުމާއެކު މިހާރު ވެކްސިން ދީފައިވާ ކަމަށެވެ. އަދި ޖެންޑާއިން ޒިޔާރަތްކުރި ގެއެއްގައި ހިމެނޭ އެއްކުއްޖަކު އާއިލާގެ ތެރޭގައި ބަހައްޓައިގެން ރައްކާތެރި މާހައުލެއް ފޯރުކޮށްދެވޭނެ ކަމަށް ނުފެންނާތީ ރައްކާތެރި މާހައުލެއް ފޯރުކޮށްދީފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މައިންބަފައިންނާއި އާއިލާގެ އިހުމާލުން ކުދިންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަން ފުރުސަތު ނުދޭނެ ކަމަށް ޖެންޑަ މިނިސްޓްރީއިން ބުންޏެވެ.
ވެކްސިން ދޭން ދެކޮޅު ހަދައި ކުދިން ސުކޫލަށް ނުފޮނުވާ ބަޔަކު މަޑުއްވރީގައި ދިރިއުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ. އަދި މީހުންގެ ފުރާނައާއި ނަފްސަށް ގެއްލުންދެވިދާނެ ކަމަށް އެމީހުން ދެކޭ ކަމަށް ފުލުހުން ބުންޏެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް 'އައްސޭރި' ނަމުގައި ފުލުހުން މަޑުއްވަރީގައި އޮޕަރޭޝަނެއް ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިހާތަނަށް އެރަށުން ހަރުކަށި ފިކުރަށް ނިސްބަތްވާ ތިންމީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ދޯނި ފަހަރުން މައްސަލައިގެ ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި މައްސަލައަށް ބާރުލިބޭ ބައެއް އިލެކްޓްރޯނިކް ސާމާނުވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.