28 Nov 2011, 13:10
އެމްއެންބީސީ ވަންގެ ކޮންޓެންޓް ދިއެފްއެމްއިން ފޮނުވި ކަމަށްބުނެ ފުލުހަށް ހުށަހެޅި މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ދިއެފްއެމް ސީއީއޯ މަސްއޫދު ހިލްމީ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
މަސްއޫދު ހާޒިރު ކުރީ މިއަދު 10:30 ގައެވެ. ފުލުސް އޮފީހަށް ހާޒިރު ވުމަށް ފަހު، ފުލުހުންގެ މައި އިދާރާގެ ކުރިމަތީގައި އޭނާ ވަނީ ނޫސްވެރިންނަށް މައުލޫމާތު ވެސް ދީފަ އެވެ.
މަސްއޫދު ވިދާޅުވީ އޭނާ ހާޒިރު ކުރުމަށް ފަހު ސުވާލުތައް ކުރިމަތި ކުރުވި ކަމަށާއި އެގޮތުން ނޮވެމްބަރު 11 ވަނަ ދުވަހު ރައީސް އޮފީހުން އަންގައިގެން ރައީސުލް ޖުމްހޫރިއްޔާގެ އިވެންޓެއް ކަވަރު ކުރުމަށްފަހު ދިޓީވީގެ ހަބަރަށް ސްވިޗް ކުރުމުގެ ތެރޭގައި އޮޅިގެން އެމްއެންބީސީގެ ހަބަރު ފޮނުވުމާއި ގުޅިގެން އެކަންތައް ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމުގެ އިތުރަށް އެމްއެންބީސީގެ ކޮންޓެންޓް ދިއެފްއެމް އިން ފޮނުވުމުގައި އިހުމާލު ވާކަމަށް ގަބޫލު ކުރަންތޯ ސުވާލު ކުރި ކަމަށެވެ.
އޭނާ ވިދާޅުވީ ސާކް ސަމިޓްގެ ކަވަރޭޖަށް އެމްއެމްބީސީގެ ލައިވް ފީޑް ކޮންޓްރޯލް ރޫމުން ބޭނުން ކުރުމަށް ފަހު އެ ލައިވް ފީޑް ކަނޑާނުލައި ދިޓީވީގެ ހަބަރަށް ސްވިޗްކުރުމުގެ ތެރޭގައި އެމްއެންބީސީ ވަންގެ އަޑު ދިއެފްއެމްއިން ތިން މިނެޓް، އަށް ސިކުންތަށް ފޮނުވިފައިވާކަމަށް ފުލުހުންނަށް ދެންނެވި ކަމަށާއި އެއީ ދިއެފްއެމުން ގަސްތުގައި ކުރިކަމެއް ނޫންކަމަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.
"އެކަން ހިނގި ގޮތް ވަރަށް ތަފްސީލުކޮށް މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނާއި މީޑިޔާ ކައުންސިލަށް ސިޓީއަކުން އަންގާފައިވާނެ. މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާފައި މައާފަށް އެދި ސީޓިއެއް ހުށައެޅުމަށް ބުނުމުން ވާނީ ސިޓީ ވެސް ހުށައަޅާފައި،" މަސްއޫދު ވިދާޅުވި އެވެ. "މިކަމަކީ ޕޮލިހަށް ހުށަހަޅަންޖެހޭވަރުގެ މައްސަލައެއް ނޫން. އަޅުގަނޑު ހީކުރީ މީޑީޔާ އަންޑަންސްޓޭންޑިންގެ ތެރެއިން ޕޮލިހަށް މައްސަލަ ހުށަނާޅައި މިކަން ނިމޭނެ ކަމަށް އެހެން ނަމެވެސް މިކަމަކީ ސިޔާސީ ކުލަޖެހިގެން ކުރިއަށް ގެންދާ ކަމެއްކަމަށް ގަބޫލު ކުރެވޭ،"
ތ. ވިލުފުއްޓަށް އުފަން މަސްއޫދު ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާގެ ކަންކަން ރެގިއުލޭޓްކުރުމަށް ކޮމިޝަނެއް އޮއްވައި ޕޮލިހުން މި މައްސަލަ ބަލަމުންދާތީ ވަރަށް ކަން ބޮޑުވާ ކަމަށެވެ.
އެމްއެންބީސީން ފުލުހުންނަށް ހުށަހަޅާފައިވަނީ އެ ކުންފުނީގެ ކޮންޓެންޓް ދިއެފްއެމް އިން ބޭނުންކޮށްފައިވާތީ އެ މައްސަލަ ބަލައި ދިނުމަށެވެ. އެ މައްސަލަ އެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެނެވެ.
ހަމަ މި މައްސަލައިގައި މިމަހުގެ 17 ވަނަ ދުވަހު ދިއެފްއެމްގެ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް މުހައްމަދު ޖިނާހު (ޖިނާ) ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.