މާލޭ ސިޓީގައި ބުޅާ ގެންގުޅޭނެ ތަނެއް ނުވަތަ "ކެޓް ޝެލްޓާ" އެއް ހަދާނަމަ އެތަން ހަދަން އެންމެ އެކަށީގެންވަނީ ކޮންތަނެއްތޯ ބެލުމަށް މާލޭ ސިޓީ ކައުންސިލުން އާންމުންގެ ހިޔާލު ހޯދަން ފަށައިފި އެވެ.

ސިޓީ ކައުންސިލުން ވަނީ މިކަމަށް ހިޔާލު ހޯދަން ޓްވީޓެއް ކޮށްފަ އެވެ. ޓްވީޓަށް ކޮމެންޓު ކުރި މީހުން ބުނެފައިވަނީ ކެޓް ޝެލްޓާއެއް އެޅުމަށް އެންމެ އެކަށީގެންވަނީ ހުޅުމާލެ ނޫނީ ވިލިމާލޭގައި ކަމަށެވެ.

ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ މަގުމަތީގައި ބުޅާ ގިނަވުމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބޭ ކަމަށެވެ.

މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކޮށް ހަދާ މައްސަލަ ބުޅާ ގެންގުޅޭ، ބުޅަލަށް ލޯބިކުރާ މީހުން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި މަގުމަތީ އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް އެ ފަރާތްތަކުން އެދެމުންދާކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަދި ޝެލްޓާއެއް ގާއިމް ކުރަން ނިންމީއެއް ނޫން. ކެޓްޝެލްޓާއެއް ގާއިމްކުރާނަމަ އެކަން ކުރަން އެންމެ އެކަށީގެންވަނީ ކޮންތަނެއްތޯ ބަލާލަން އަޅުގަނޑު އާންމުންގެ ހިޔާލު ހޯދަން ޓްވީޓު ކުރީ،" ސިފާ ވިދާޅުވި އެވެ.

މަގުމަތީގައި އުޅޭ ބުޅާތަކަށް ކާންދިނުމަށް މަގުމައްޗަށް ކާން އަޅާ މައްސަލައަކީވެސް ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. ބުޅަލުގެ މައްސަލައަށް ހައްލު ހޯދުމަށް ހެލްތު މިނިސްޓްރީ އާއި އެގްރިކަލްޗާ މިނިސްޓްރީ އާ ވެސް ބައްދަލު ކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި މިފަހަކަށް އައިސް ބުޅާ ގިނަވެފައިވާއިރު ބުޅަލުގެ ނަޖިހުން ޖެހޭ ބައްޔެއްވެސް ދަނި ފެތުރެމުންނެވެ.