ފުލުހުން ރ. މަޑުއްވަރީގައި ކުރިއަށްގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށާއި ޖެންޑަ މިނިސްޓްރީ އާއި ގުޅިގެން އެރަށުގައި ކުރާ ތަހުގީގުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެފި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް 'އައްސޭރި' ނަމުގައި ފުލުހުން މަޑުއްވަރީގައި އޮޕަރޭޝަނެއް ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިހާތަނަށް އެރަށުން ހަރުކަށި ފިކުރަށް ނިސްބަތްވާ ތިންމީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ދޯނި ފަހަރުން މައްސަލައިގެ ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި މައްސަލައަށް ބާރުލިބޭ ބައެއް އިލެކްޓްރޯނިކް ސާމާނުވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަނާ ބެހޭ މައުލޫމާތު އާންމުކޮށް ރޭ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ޖެންޑަ މިނިސްޓްރީއިން ނަަސޭހަތް ދިނުމުންވެސް ނަސޭހަތް ގަބޫލު ނުކުރި ކަމަށެވެ. އަދި ވެކްސިން ދިނުމާއި ސުކޫލަށް ފޮނުވަން އިންކާރު ކުރި އެ އާއިލާގެ އަންހެން ކުއްޖަކު އެކުއްޖާގެ މައިންބަފައިން އަތުން ކުއްޖާ ނަގައި، އެ ކުއްޖާ ބޮޑުދައިތައާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަޑުއްވަރީގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ބުރާސްފަތި ދުވަހުވެސް ވަނީ ވެކްސިން ދޭން އިންކާރު ކުރި އާއިލާއަކަށް ނަސޭހަތްދީ، އެމީހުން އެއްބަސްވުމުން ތިން ކުއްޖަކަށް ވެކްސިން ދީފަ އެވެ.

ވެކްސިން ދޭން ދެކޮޅު ހަދައި ކުދިން ސުކޫލަށް ނުފޮނުވާ ބަޔަކު މަޑުއްވރީގައި ދިރިއުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ. އަދި މީހުންގެ ފުރާނައާއި ނަފްސަށް ގެއްލުންދެވިދާނެ ކަމަށް އެމީހުން ދެކޭ ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަނުގެ ތެރެއިން ފުލުހުން އިއްޔެވެސް ވަނީ ދެ ގެއެއް ބަލާ ފާސްކޮށްފަ އެވެ.

އަދި ތަހުގީގުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ. މިހާތަނަށް އެ އޮޕަރޭޝަންގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.