މަސްތުގެގެ ހާލަތުގައި، މަގުމަތީގައި ބައެއް މީހުން ބިތް ޖެހެނީ ބާރުގަދަ ޑްރަގަކުން ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ބިތްޖެހިފައި ތިބޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ މީހުންގެ ވީޑީއޯވެސް ޝޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނަށް ފަހު، "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑްރަގް އެންފޯސްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެކަން އެގޮތަށް ހިނަގަނީ މިދުވަސްކޮޅު ބާރުގަދަ އާ ބާވަތެއްގެ މަސްތުވާތެކެއްޗެއް ދައުރުވަމުންދާތީކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"މިވަގުތަކަށް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ. [ބާރުގަދަ އާ ޑްރަގަކުން ކަމަށް އެހެން ވަނީ] އަޅުގަނޑުމެން އެގޮތަށް ތިބޭ މީހުން ޓެސްޓްވެސް ކޮށްފިން، ތަފާތު ވައްތަރެއްގެ މަސްތުވާތަކެއްޗެއް އުޅެނީތޯ، ނުވަތަ ބޭނުން ކުރަނީތޯ [ބަލަން] ނަމަވެސް އަދި އެގޮތަށް ފާހަގައެއް ނުކުރެވޭ،" ބާރުގަދަ މަސްތުވާތަކެއްޗެއް ދައުރުވަމުން ދަނީތޯ ސުވާލު ކުރުމުން ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ، އަދިވެސް އެކަންތައް އިތުރަށް ބަލަމުންދާ ކަމަށެވެ.

މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަންގައި ކޭފޭގެ އުސޫލުން މަސްތުވަމަށް ބޭނުންވާ ހުރިހާ ހިދުމަތެއް ދެމުން އަންނަ ފަސް ގެއެއް ބަލާ ފާސްކޮށްފައިވެ އެވެ. އެފަދަ ތަންތަން ހަދާފައިވަނީ، އެތަންތަނުން މަސްތުވާތަކެތި ގަނެގެން އަދި ބޭނުން ކުރެވޭ ގޮތަށެވެ. އަދި ބޭނުން ކުރުމަށްފަހު އެމީހަކު އަވަހަށް އެތަނުން ދިޔުމަށް އެތަންތަނުގެ ފާރުތަކުގައި ލިޔެފައިވެ އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި، މާލޭގައި މަސްތުވެ، ބައެއް މީހުން ބިތް ޖެހިފައި ތިބެނީ އެފަދަ ތަންތަނުން މަސްތުވުމަށްފަހު ކަމަށްވުން އެކަށީގެންވާ ކަމަށާއި ނަމަވެސް ސީދާ އެއީ އެތަންތަނުން ހިދުމަތް ހޯދަމުން އަންނަ މީހުންކަން ދަންނަވަން ދަތި ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަންގައި ޖުމްލަ 37 މީހަކު ހައްޔަރު ކުރި އެވެ. އެނެމް ފަހުން ފުލުހުން މ. ލޮނުމިދިލުގެ ބަލާ ފާސްކޮށް، މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރުކޮށް، ބައި ލައްކައެއްހާ ރުފިޔާ ވަނީ ހޯދާފަ އެވެ. އެގެއިން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައި، ހަ މީހަކަށް ވަނީ ބަންދު ޖަހާފަ އެވެ. އެގޮތުން ހައްޔަރު ކުރި ދެ ކުޑަ ކުދިން ގޭ ބަންދަށް އަދި ބާކީ ތިބި މީހުން ޖަލު ބަންދަށް ވަނީ ބަދަލުކޮށްފަ އެވެ.