ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި މޮނިއުމެންޓްތަކުގެ ތެރެއިން އެ ސިޓީގެ ރަމްޒެއްގެ ގޮތުގައި ބެހެއްޓި ދޮންދީނި ސްޓެޗޫ ހިމެނޭ މޮނިއުމެންޓް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ އަރިއަޅާލައިފި އެވެ.

އައްޑޫ ސިޓީން ވާހަކަ ދެއްކި މީހަކު ބުނީ ދޮންދީނި މޮނިއުމެންޓް އަރިއަޅާލީ އާދަޔާ ހިލާފަށް އިއްޔެ ވައި ގަދަވުމުގެ ސަބަބުން އެމޮނިއުމެންޓްގައި ހިމެނޭ ދޮންދީނީގެ ސްޓެޗޫގެ ބުޑުގަނޑު ހަރުކޮށްފައި ހުރި ބޯލްޓްތައް ދޫވެގެން ކަމަށެވެ.

"އިއްޔެ އާދަޔާ ހިލާފަށް ވައި ގަދަވި، އެވައިގާ މޮނިއުމެންޓް ވަނީ ބުޑުގަނޑުން ދޫވެ، އަރިއަޅާލާފައި،" އައްޑޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އައްޑޫ ސިޓީ އަށް އިއްޔެ ގަޑިއަކު 52 މޭލަށް ވައިޖެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީ އަށް އިއްޔެ ވައި ގަދަވުމުގެ ސަބަބުން ސާކް ސަމިޓް ބޭއްވުމަށް ބިނާކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ސީލިންގެ ބައެއް ވެސް ވަނީ ވެއްޓިފަ އެވެ.

ސްރީލަންކާގެ މޮނިއުމެންޓްގައި ހިމެނޭ ސިންގާގެ ސްޓެޗޫގެ މޫނުމަތި ހަލާކުކޮށްލި އިރު ދޮންދީނީގެ ސްޓެޗޫއަށް އެއްވެސް ގެއްލުމެއް ދީފައެއް ނުވެ އެވެ.