21 Dec 2019, 13:25
ނިއުދިއްލީ (ޑިސެމްބަރު 21) : އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގައި އެގައުމުގެ މުސްލިމުންގެ ހައްގުތައް ނިގުޅައިގެންފައިވާތީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު އިންޑިއާއަށް ފާޑު ވިދާޅުވުމުން އިންޑިއާ ސަރުކާރުން ރުޅިވެރިކަމާއެކު މަހާތީރަށް ރައްދު ދީފި އެވެ.
މަހާތީރަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގައި މުސްލިމުންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވެ ދައްކަވާފައި ވަނީ އިންޑިއާގެ އަގު ވައްޓާލުމުގެ ވާހަކަތަކެއްކަމަށް ވަނީ ސިފަކޮށްފަ އެވެ. އެ ބަޔާނުގައި އިންޑިއާގެ އަގު ވައްޓާލުމަށް ޓަކައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދެއްކެވި ކަމުގެ ތުހުމަތު ވެސް މަހާތީރުގެ މައްޗަށް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން އިންޑިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް މެލޭޝިއާ އިން ވަންނަމުންދާ ކަމަށާއި އެ ހައްގު މެލޭޝިއާއަށް ނޯންނާނެ ކަމަށާއި އަދި އެއީ ގަބޫލު ކުރެވޭނެ ކަމެއްނޫންކަމަށް ވެސް އިންޑިއާގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު ބޭއްވި އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ޚާއްސަ ސަމިޓްގައި ވާހަކަފުޅުދައްކަވަމުން މަހާތީރު ވަނީ އިންޑިއާއިން އެގައުމުގެ މުސްލިމުންނާ މެދު މުއާމަލާތް ކުރާގޮތަށް ފާޑުވިދާޅުވެ އިންޑިއާގެ މުސްލިމުންގެ ހައްގުގައި ވާހަކަ ދައްކަވައިފަ އެވެ. މިގޮތުން އިންޑިއާގެ ބައިމަދު މުސްލިމުންގެ ހައްގުތައް ނިގުޅައިގަނެ އެމީހުންނާ މެދު ތަފާތުކުރުން ހިމެނޭ ގޮތަށް އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބޭނުމާއި އޭގެ މަގްސަދާމެދު މަހާތީރު ވަނީ ސުވާލު އުފައްދައިފަ އެވެ.
މިމައްސަލާގައި ޔޫރަޕްގެ ބައެއްގައުމުތަކާއި އެމެރިކާ ވެސް ވަނީ އިންޑިއާ ކުށްވެރިކޮށްފަ އެވެ. އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހުގައި އެގައުމުގެ މުސްލިމުންގެ ހައްގުތައް ނިގުޅައިގެންފައިވާތީ އާއި އެ އިސްލާހުގެ ސަބަބުން އިންޑިއާގެ އެތައް މިލިޔަން މުސްލިމުންގެ ރަށްވެރިކަން ގެއްލުމުގެ ބިރު އުފެދިފައިވާތީ އިންޑިއާގެ މުސްލިމުންނާ އަދި މެދުމިނުގެ ފިކުރު ގެންގުޅޭ ހިންދޫންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމާދެކޮޅަށް އިންޑިއާގެ ކަންކޮޅުތަކުގައި މުޒާހަޜާތައްކޮށް އިޙްތިޖާޖް ކުރަމުންނެވެ.
ނަމަވެސް މި އިޙްތިޖާޖްތަކާ ދެކޮޅަށް އިންޑިއާގެ ފުލުހުން ގެންދަނީ ވަރުގަދައަށް ބާރުގެ ބޭނުންކޮށް މުޒާހަރާތައް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް ނުވަ މީހުންމަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. އަދި މުޒާހަރާކުރި މީހުންގެ ތެރެއިން އެތަށް ބަޔަކުވަނީ ހައްޔަރުވެސްކޮށްފަ އެވެ.
އިންޑިއާ އިން އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދާ މިމައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ގެންދަނީ އިންޑިއާ ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ. ނަމަވެސް އިންޑިއާ ސަރުކާރުންވަނީ މުސްލިމުންގެ ރަށްވެހި ކަމުގެ ހައްގުތަކަށް ގޮވާލައި މުޒާހަރާކުރުން އެގައުމުގެ ބައެއް ސަރަހައްދުތަކުގައި މަނާކޮށް އިންޓަނެޓްގެ ޚިދްމަތްތައް ވެސް ބައެއް ސަރަހައްދުތަކުން ކަނޑާލައިފަ އެވެ. (ނޫސްއެޖެންސީތައް)