އޭނާ އައިރީންއަށް ބަލާލިއެވެ. ކުއްލިއަކަށް އައިރީންއަށް ބަލަން ހުރެފައި އޭނާ އައިސް އެ އަތުގައި ހިފައިގެން ކޮޓަރިތެރެއަށް ވަނެވެ. އެއަށްފަހު ދޮރާ އޭނާ އާއި ދެމެދު އައިރީން ފިއްތާލިއެވެ.

އައިރީން ބިރުން ދެލޯ މަރާލިއެވެ. އިޔާންއާ އެހާ ގާތުގައި ހުންނަން ވުމުން އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ. ދެފައިން ވާގި ދޫވާހެން ހީވިއެވެ. އެތެރެހަށި އެކީ ފިނިވެގެން ދިޔައެވެ. އައިރީންއަށް ވަމުންދިޔަ ގޮތް ފެނި އިޔާންއަށް އެއްމިޔަކުން ހީލެވުނެވެ. އޭނާ ދޮރުގައި ޖައްސާފައިވާ އަތުން ދޮރުގައި ބާރަށް ޖަހާލިއެވެ. އައިރީންއަށް ދެލޯ މަރާ ފިއްތާލެވުނީ ސިހުނު ވަރުންނެވެ. އިޔާން އޭނާއާ ދުރަށް ޖެހިލިކަމުގެ އިޙްސާސްއާއެކު އައިރީން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އިޔާންދުރަށް ހިގައިގަތްތަން ފެނި އައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ. މި ހުރިހާ އިރު އޭނާ ހުރީ ނޭވާވެސް އެތެރޭގައި ހިފައްޓާލައިގެންނެވެ. ކުރިއަށް ފިޔަވަޅު އަޅަންވެސް ނޭނގިފައި ހުރި އައިރީން ހުރީ އިޔާން އޭނާ އާ ދިމާލަށް ބަލާލާނޭ ކަމުގެ އިންތިޒާރުގައެވެ. ވީވެސް އެހެންނެވެ. ވަކި ހިސާބަކަށް ގޮސްފައި އިޔާން އައިރީންއަށް ބަލާލިއެވެ. އައިރީންއަށް އިސްޖަހާލެވުނެވެ.

"އެތެރެއަށް ނުވަންނާނީތަ؟" އިޔާން ސުވާލުކޮށްލިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން އައިރީން ކުރިއަށް ފިޔަވަޅެއް އަޅާލަމުން އެ ކޮޓަރިތެރެއަށް ފުން ނަޒަރެއް ދިނެވެ. އޭނާއަށް ހުރެވުނީ ކޮޓަރީގެ ދޮރުކައިރީގައެވެ. ދޮރުގެ އެއްފަރާތުގައި މޭޒެއް ބެހެއްޓިފައިވާއިރު މޭޒުގެ ކައިރީގައި އޮފީސް ގޮނޑިއެއް ހުއްޓެވެ. އެ މޭޒުގެ ކުރިމައްޗަށް ވާގޮތަށް، ދޮރުގެ އެއް އަރިމަތިން ބެލްކަންޏަށް ކަހާލެވޭ ދޮރެއް އިނެވެ. އެ ދޮރު ފަރުދާކޮށްލާފައިވަނީ ދޮރުފޮތިގަނޑަކުންނެވެ. ކުރިއަށް އަޅާލި ފިޔަވަޅާއެކު ތިރިއަށް ވާގޮތަށް އިން ހަރުފަތް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެތަނުން ތިރިއަށް ފޭބުމާއެކު އޭނާއަށް އެކޮޓަރީގެ ބޮޑުމިން އަންދާޒާ ކޮށްލެވުނެވެ. ކޮޓަރި ވަރަށް ވެސް ފުރިހަމައެވެ. އޭނާގެ ކޮޓަރިއަށްވުރެ ދެގުނަ ބޮޑެވެ. ހުރިހާ ފަރުނީޗަރުތަކެއްވެސް ހުރީ ކަޅާއި ހުދު ކުލައިންނެވެ. ފާރުގައި ލާފައި ހުރީ ހުދުކުލައެވެ. އޭނާގެ ކުރިމަތިން ކަނާއަތް ފަރާތުގައި ކިންގް ސައިޒް އެނދެއް ބެހެއްޓިފައިވާއިރު އެނދުގެ ކުރިމަތީގައި ބަހައްޓާފައިހުރި އަޅިކުލައިގެ ސޯފާތަކުގެ ދެމެދުގައި ހިނގާނެ ތަނަވަސް ޖާގަ އޮތެވެ. ސޯފާތަކުގެ ކުރިމަތީގައި ހުރި ފާރުގައި ޓީވީ ހަރުކޮށްފައިވެއެވެ. ހީވާގޮތުން އެ ފާރަކީ އޭނާގެ ކޮޓަރީގެ ފަހަތު ފާރެވެ. އެނދުގެ ވާތް ފަރާތުގައި ހަ ދޮރު ފަތްލީ ބޮޑު އަލަމާރިއެއް ބެހެއްޓިފައިވެއެވެ. ޑްރެސިން ޓޭބަލް އޭނާގެ ވާތް ފަރާތަށްވާ ގޮތަށް އަލަމާރީގެ އެއްފަރާތުގައި ބެހެއްޓިފައިވާއިރު ޑްރެސިންޓޭބަލްގެ އެއްފަރާތުގައި ކުޑަ ދޮރެއް ހުއްޓެވެ. އެ ކުޑަ ދޮރުވެސް ފަރުދާ ކޮށްލާފައިވަނީ ދޮރުފޮތިގަނޑަކުންނެވެ. ފާހާނަ ހުރީ އޭނާގެ ކަނާތްފަރާތު ފާރާ ދިމާލުގައެވެ. ކޮޓަރީގެ މަތީގައި އެލުވާފައިވާ ޝާހީ ޗާނދަލިޔާއާއި ކޮޓަރީގެ ތަރުތީބުކަމުން އައިރީން އާޝޯހު ވާވަރުވިއެވެ.

"އެމިލީ ލައްވާ މަންމަ މިއަދު އައިރީންގެ ހުރިހާ އެއްޗެއް ކޮޓަރިއަށް ގެނެސްފަވާނީ... އަލަމާރިތެރޭގަ ހުންނާނެ ހުރިހާއެއްޗެއް" އިޔާން ބުނެލިއެވެ. އެއާއެކު އައިރީން ބޯ ޖަހާލިއެވެ. ވަރުބަލިވެފައި ހުރި ވަރުން ފުރަތަމަވެސް އިޔާން ޖައްސައިލީ ސޯފާގައެވެ. އޮށޯވެލާ ނިތުގައި އަތް އަޅާލައިގެން އޭނާ ދެލޯ މަރާލައިގެން އިރުކޮޅަކު އޮތެވެ. އެއަށްފަހު ދެލޯ ހުޅުވާލާ އައިރީން ހަދާ ނުހަދާ ގޮތެއް ބަލާލިއެވެ. ހެދުން ހިފައިގެން އައިރީން ވަނީ ފާހާނާއަށެވެ. އިޔާން އިންތިޒާރު ކުރީ އައިރީން ފާހާނާއިން ނުކުންނާނޭ އިރަކަށެވެ. ސޫޓް ބާލާފައި އޭނާ ސޯފާގެ އެއްފަރާތުގައި ބާއްވާލިއެވެ. ޓައީ ނައްޓާލަމުން ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައި ބޭއްވިއެވެ. ފަނަރަވަރަކަށް މިނިޓްފަހުން އައިރީން ފާހާނާއިން ނުކުތުމާއެކު އޭނާވެސް ސޯފާއިން ތެދުވިއެވެ. އައިރީންއަށް ރަނގަޅަށް ބަލާލުމާއެކު އިޔާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

ލާފައިވަނީ އަތް ދިގު ކަކުލުން ތިރިއަށް އަންނަ ވަރުގެ ކަޅުކުލައިގެ ހެދުމެކެވެ. އެއާއެކު ބުރުގާވެސް ވަނީ އަޅާފައެވެ. އިޔާން ފާހާނާއަށް ވަނުމުން އައިރީން، އިޔާންގެ ސޫޓާއި ޓައީ ކޮނޑެއްގައި އަޅުވަމުން އަލަމާރީގެ އެއްފަރާތުގައި ހުރި ސްޓޭންޑުގައި އެ އަޅުވާލިއެވެ. އެއަށްފަހު ސޯފާމަތީގައި ހުރި ކުޝަންތައް ރީތިކޮށްލަމުން އޭނާ އިށީނީ އެނދުގައެވެ. އިޔާން ނުކުންނާނޭ އިރަކަށް އިންތިޒާރުކުރެވެން ފެށިއެވެ. އޭނާ އިނީ އެހާމެ ނިދިވެސް އައިސްފައެވެ. ތެދުވެ ދެކޮޅަށް ހިނގަން ފެށީ އެ ނިދިން ސަލާމަތްވެވޭތޯއެވެ. ސޯފާގައި އިށީނދެލާ ފޯނުހުޅުވާލާ ފޯނާ ކުޅެން ފެށިއެވެ. ނިދި ސަވާރުވީ ވަރުން އެންމެ ފަހުން ސޯފާގައި އޮށޯވެލެވިއްޖެއެވެ. އިސާހިތަކު އައިރީންގެ ދެލޯ މެރިއްޖެއެވެ.

އިޔާން ފާހާނާއިން ނުކުމެފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ސޫޓް ރީތިކޮށް އަޅުވާލާފައި ހުރި ތަންފެނި ބުމަ އަރުވާލެވުނީ ބޭ އިޚްތިޔާރުގައެވެ. ސޯފާގައި ނިދިފައި އޮތް އައިރީން ގާތަށް އައިސް ހުއްޓިފައި އޭނާ އައިރީންއޭ ކިޔާފައި ގޮވާލިއެވެ. އައިރީންގެ ހަބަރެއް ނުވުމުން އިތުރަށް ގޮވަން ނަހަދާ ފުރަތަމަ އިޔާން އުޅުނީ އައިރީން ނަގައިގެން އެނދަށް ގެންދާށެވެ. އެހެންނަމަވެސް އައިރީން ހޭލަފާނެތީ އެހެން ކަންތައް ކުރާކަށްވެސް އިޔާންއަކަށް ނުކެރުނެވެ. އެތަށް އިރަކު ވިސްނަން ހުރެފައި އޭނާ ގޮސް އަލަމާރިން ރަޖައެއް ނަގައިގެން ގެނެސް އައިރީންގެ ގައިމަތީގައި އަޅާލަދިނުމަށްފަހު ގޮސް އެނދުގައި އޮށޯތެވެ. ވަރުބަލިވެފައި ހުރިވަރުން އޭނާއަށްވެސް ނިދިއްޖެއެވެ.

"ނޫން..." ކޮޓަރިތެރޭން މަޑު ގިސްލުމެއްގެ އަޑު އިވޭހެންހީވެ ނިދިފައި އޮތް އިޔާންއަށް ހޭލެވުނެވެ. އޭނާ ލައިޓް ދިއްލާލަމުން އައިރީން އޮތް ދިމާ ބަލާލިއެވެ. އެނދުން ތެދުވަމުން ގޮސް އޭނާ އައިރީންއާއި ދާދި ގާތުގައި ހުއްޓުނެވެ. ނިދީގައި އައިރީން ގިސްލާ ރޮމުން ދިޔައީތީ ކުޑަކޮށް ހައިރާންވިއެވެ. އަނެއްކާ އަދިވެސް ބައްޕަ ދުނިޔެ ދޫކުރިކަމުގެ ހިތާމަ އައިރީންގެ ހިތުން ނުފިލަނީހެއްޔެވެ؟

އައިރީންގެ އަތުގައި ޖަހާލަމުން އައިރީންގެ ނަމުން ދެފަހަރަކު އިޔާން ގޮވާލިއެވެ. ކުޑަކޮށް ތަޅުވާލުމާއެކު ސިހިފައި އައިރީންއަށް ހޭލެވުނެވެ. އޭރުވެސް ގިސްލުމުގެ އަޑު ނުކެނޑެއެވެ.

"އައިރީން... ވަޓް ހެޕެންޑް؟ ހުވަފެނެއް ފެނުނީތަ؟" އިޔާން އަހާލިއެވެ. އައިރީން އިޔާންއަށް ބަލާލަމުން ބޯ ޖަހާލިއެވެ. އޭނާއަށް ބޮލުގައި ހިފައްޓާލެވުނެވެ.

"ބޮލުގައި ރިއްސަނީތަ؟" އިޔާން އަހާލިއެވެ. ދެފަރާތަށް ބޯ ހޫރާލި އައިރީން ނޫނެކޭ ބުނެލިއެވެ. ފެންތައްޓެއް ގެނެސް ދިނުމުން އެއް ނޭވާއިން އައިރީން އެ ފެންތަށި ދަމާލިއެވެ. އެއަށްފަހު އޭނާ އިޔާންއަށް ވަރަށް ފުންކޮން ބަލާލިއެވެ. ގައިމަތީ އަޅާފައި އޮތް ރަޖާގަނޑު ފެނުމާއެކު އެއީ އިޔާންގެ ކަމެއްކަން އައިރީންއަށް އެނގުނެވެ.

"އެނދަށް ދާންވީނު" އިޔާން އެދުނެވެ. އައިރީން ތެދުވަމުން ގޮސް އެނދުގައި އިށީނެވެ.

"ދެން ނިދޭތޯ ބަލާ... އޭރުން ރަނގަޅުވާނެ" އިޔާން އެހެން ބުނެލާފައި ސޯފާގައި ޖައްސާލުމުން އައިރީންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެނދަށް އެރުނުކަމުގެ މޮޔަ ހީވިއެވެ. މިއީ އިޔާންގެ ކޮޓަރިއެވެ. އެނދުގައި އޮންނަން ޖެހޭނީ އިޔާންއެވެ. އޭނާއަށް ސޯފާވެސް އެންމެ ރަނގަޅެވެ. އެތަކެއް އެއްޗެއް ހިތަށް އަރާ ފައިބަމުން ދިޔަނަމަވެސް އެއިން އެއްވެސް ވާހަކައެއް ދުލާ ހިސާބަށް ގެނައުމުގައި އައިރީންއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެއްވެސް އެއްޗެއް ބުނަން އައިރީންއަށް ނުކެރުމާއެކު މަޑުމަޑުން އޭނާވެސް އެނދުގައި އޮށޯތެވެ.

އާދައިގެ މަތިން ފަތިސް ނަމާދަށް ހޭލާ އައިރީންއަށް މިރޭވެސް އެ ގަޑިއަށް ހޭލެވުނެވެ. އޭނާ އިޔާންއަށް ބަލާލާފައި ގޮސް ފާހާނާއަށްވަދެ ވުޟޫ ކޮށްލައިގެން އެއްޗެހި ބަދަލް ކޮށްގެން ނުކުތެވެ. އެއަށްފަހު ދެ ވިސްނުމެއްގައި ހުރެ ގޮސް އިޔާންއަށް ނަމާދަށް ގޮވިއެވެ. ހަމަ ހިލާ ހިއްލާލާ ހިޔާލެއް އިޔާން ނުކުރިއެވެ. މާގިނަ ފަހަރު ގޮވަންވެސް ނުކެރުމާއެކު އައިރީން ނަމާދުކުރިއެވެ. ޤުރުއާން ކިޔަވާލުމަށްފަހު އަދިވެސް އެއްފަހަރު ގޮވާލިއެވެ. މި ފަހަރުވެސް އިޔާން ހެޔެއްނުލިއެވެ.

ކޮޓަރީގައި ނުހުންނަންވެގެން އައިރީން ބެލްކަންޏަށް ނުކުމެލިއެވެ. އޭނާގެ ލޮލުގައި ބަގީޗާގައި ތިބި އަޝްރާއާއި ފަލަކް އަޅައިގަތެވެ. ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އޭނާވެސް ތިރިއަށް ދާން މިސްރާބުޖެހިއެވެ.

ބަގީޗާތެރެއަށް ނުކުމެލުމާއެކު ފަލަކްއައިރީންއަށް ގޮވާލައިފި އެވެ.

އައިރީންވެސް ގޮސް ގޮނޑިއެއްގައި އިށީނެވެ. ތިން އަންހެން ވެރިން ވާހަކައިގައި ތިއްބާ މާމަ ޒައުރާވެސް ނުކުމެއްޖެއެވެ. އުމުރުން ދުވަސް ވީ ނަމަވެސް އަދިވެސް ޒައުރާ ފެންނަނީ ވަރަށް ހަރުދަނާކޮށެވެ. އާއްމުކޮށް މިހާރު ގިނަ މީހުން މުސްކުޅިވީމައި ޖެހޭ ފަދަ ބަލިތައް ކަމަށްވާ ހަކުރު މައްޗަށް ދިޔުމާއި ލޭ މައްޗަށް ދިޔުން ފަދަ އެއްވެސް ކަމެއް ޒައުރާގެ ނުހުރެއެވެ. ސިއްރަކީ ސިއްހަތަށް ފައިދާހުރި އެއްޗެހި ގިނަ ގިނައިން ބޭނުން ކުރުމެވެ.

*****

ކައިވެންޏަށް ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް އައިރީން އާއި އިޔާން އާ ދެމެދު މާ ގިނަ ވާހަކައެއް ނުދެކެވެއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ފިޔަވާ އިޔާންވެސް މާ ގިނަ ވާހަކަ ދައްކާކަށް ނޫޅެއެވެ.

އެކަމުން އައިރީންއަށް ކިތަންމެ އުނދަގޫ ވިނަމަވެސް އޭނާ އިޔާންއަށް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އިޔާން އައިރީންއާ ދޭތެރޭ ކަންތައް ކުރަމުންދާ ގޮތް އޭނާ ގޭ އެންމެންގެ ކުރިމަތީގައި ސިއްރު ކުރެވޭތޯ މަސައްކަތް ކުރިއެވެ.

އިޔާންގެ ފަރާތުން އޭނާ އެތަކެއް ކަމަކަށް އުންމީދުކުރިނަމަވެސް އެއިން އެއްވެސް އުންމީދެއްގައި ކުލަ ޖެހުމެއް ނުވާނޭ ހީވާފަހަރުވެސް މަދެއްނޫނެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ކެތްތެރިކަމުގެ މޭވާ އޭނާއަށް ލިބޭނެކަމަށް އުންމީދުކުރެވުނެވެ. އެ އުންމީދުވެސް އިޔާން މާ ގިނަ ދުވަހެއް ނުވެ ފުނޑުފުނޑު ކޮށްލާނޭކަން ނޭނގޭ ހާލުގައެވެ.

ކައިވެންޏަށްފަހުވެސް އިޔާން ބޭރުގައި އުޅޭ އުޅުން ބަދަލެއް ނުވެއެވެ. އޮފީހުގެ ސަބަބުން އޭނާއަށް ދުވާލު ބޭރުގައި ނޫޅެވުނު ނަމަވެސް ރޭގަނޑު ގިނަ ވަގުތު އިޔާން އުޅެނީ ބޭރުގަ އެވެ. އިޔާންއަށްޓަކާ އެތަކެއް ދަމެއް އައިރީން އިންތިޒާރުގައި ހުރެއެވެ. އެހިތުގައި އިޔާންއަށްޓަކައި އޮތް ލޯބި ކުރިފަޅާ ހެދެމުން ދިޔައިރު އިޔާން ވިސްނަމުން ދިޔައީ އައިރީން ގެ ފަރާތުން ސަލާމަތް ވާނޭ ގޮތަކާމެދުގައެވެ. އެކަން ކުރެވެން އޮތް ކޮންމެ ގޮތަކަށް ކުރަން އިޔާން އަތުކުރި އޮޅާލިއިރު ދެން އޭނާ އަޅާ ފިޔަވަޅުން އައިރީންގެ ނާޒުކު ހިތަށް ކުރާނެ އަސަރަކާމެދުވެސް އިޔާން ވިސްނައެއްނުލިއެވެ. އެހިތުގެ އަޑު އަހަން ބޭނުންނުވަނީ ކަމެއް ނޫނީ އޭނާގެ ހިތުގައި އައިރީންއަށް އޮތް ނަފްރަތު ބޮޑީކަމެއް ނޭނގެއެވެ.

*****

އިޔާން އޮފީހުން އައިސް ފެންވަރާ ހަދާލައިގެން އަނެއްކާވެސް ދިޔައީ ބޭރަށެވެ. އައިރީންއާއި އަނގައިންވެސް ބުނެލުމެއް ނެތެވެ. އިޔާން އެހެން ކަންތައް ކުރާތީ އިޔާންގެ ފަރާތުން އެއްވެސް ކަހަލަ ކަމަކަށް އުންމީދު ނުކުރުމަށް އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދޭން ކިތަންމެ ހާވެސް މަސައްކަތެއް އައިރީން ކުރެއެވެ. އެހެންނަމަވެސް ހިތާމައަކީ އޭނާގެ އިޙްސާސްތަކުގެ އަޑު އެ ހިތް ނާހާތީއެވެ. އެއަށްވުރެ އެ ހިތް އިޔާންއަށް އެދެއެވެ. އެ ދެއަތުގެ ހިމާޔަތަށް އެދެއެވެ. އެހެންނަމަވެސް ކެތްތެރިކަން އިސްކުރިއެވެ. އޭނާގެ ބައްޕައަށް ޓަކައެވެ. އަމިއްލަ ހައްގުގައިވެސް މެއެވެ.

*****

އިޔާން ސައިކަލު މަތީ އިށީންތަނާ ޒަލަފް ކައިރިއަށް އައިސް ހުއްޓުނެވެ.

"ބްރޯ... ކޮންތާކަށް؟"

"ހޭ" އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލްގައި އިޔާން ބުނެލީ ހަމައެކަނި އެހެންނެވެ.

"ގޮވައިގެން ދާންވީނުދޯ" ޒަލަފް އަހާލިއެވެ.

"ކޮންތާކަށް؟ ޒަލަފްގެ ހިތުގެ ރާނީއެއް ނުފެންނާނެ މިދާ ތަނަކުން..." އިޔާން ހިނިގަނޑެއް ޖަހާލިއެވެ.

"އޭތް... ބްރޯ... ތިހެން ބުނީމަ އޭ މި ހަނދާންވީ... އަދި މާދަން ވާނެ އެ ކެފޭއަށް ދާން... މިފަހަރު ވާނެ ނަންބަރު އަތުލަން" ޒަލަފް ބުނެލިއެވެ.

"ސާބަހޭ... މީނަ ބޭނުންކަމެއް ކޮށްފަ ނޫނީ ހުއްޓައެއް ނުލާނެ" އިޔާން ބުނެލިއެވެ.

" އެބަ އަންނަން ބޭރަށް ޖައްސާލާފަ" އިޔާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ބްރޯ... ހިނގާބަލަ ހުޅުމާލެއަށް ދާން ކާރު ރައިޑަކަށް... އަދި ނުދެވޭ އައިފަހުން" ޒަލަފް އެދުނެވެ. ޒަލަފްގެ އެދުމާ ދެކޮޅު ނުހަދަން ވެގެން އިޔާންވެސް އެއްބަސް ވިއެވެ. ދެމީހުން އެކުގައި ކާރުގައި ހުޅުމާލެއަށް ނައްޓައިލީ ހަމަ ކާރު ދުއްވާލުމުގެ ބޭނުމުގައެވެ. ޒަލަފްއަށް ހުޅުމާލޭގެ އިތުރު ތަންތަންވެސް ދައްކާލުމުގެ ބޭނުމުގައެވެ. ގޭން ނުކުމެގެން ބްރިޖާ ހިސާބަށް ގޮސްފައި އިޔާން ކާރު މަޑުކޮށްލީ ޓްރެފިކް ލައިޓް ރެޑް ވެފައި އިނުމުންނެވެ.

ފެހި ބޮކި ދިއްލުމާއެކު އިޔާން ކާރު ދުއްވާލިއެވެ. ޒަލަފް މުޅިންވެސް ދެއްކީ އޭނާގެ ހިތުގައި ރަސްކަން ކުރަމުންދާ އަންހެން ކުއްޖާ ގެ ވާހަކައެވެ. އިޔާން އިނީ ބޯ ގޮވާވަރުވެފައެވެ. ޒަލަފްގެ އަނގަ ގަދަކަމުންނެވެ. އެންމެ ހިނދު ކޮޅަކުވެސް އަނގަ މަޑުން ލައިގެނެއް ނީނދެއެވެ.

"އަޅެ އަނގައަށް ރައިބޮއްޔެއް ލައިގެންތަ ތިއުޅެނީ؟" އިޔާން ބުނެލިއެވެ.

"އެނގެއެއްނު... މީ ޒަލަފް ކަން" ޒަލަފް މޭގައި އަތް ޖަހާލާފައި ބުނެލުމާއެކު އިޔާން ހިނިގަނޑެއް ޖަހާލަމުން ލާނެއް އެއްޗެކޭ ބުނެލިއެވެ.

ބްރިޖް ހުރަސްކޮށްފައި ދެމީހުން ހުޅުމާލޭގެ މަގުތަކުގައި ދުއްވަމުން ދިޔައެވެ. ބީޗްމަގަށް ނުކުންނަން އައި އިރު އެތަނުގައި ޖަހާފައި ހުރި ލައިތްތަކުގެ ތެރެއިން ގިނަ ލައިޓްތައް އަނދާފައި ހުރުމުން އަނދިރިކަމަށް ދައްކައެވެ. އިޔާން ކާރު ދުއްވަމުން ދިޔައީ ބަލައިގެން ނަމަވެސް ކުއްލިއަކަށް ކުރިމައްޗަށް އެރި އަންހެން ކުއްޖާގެ ގައިގައި ނުޖެހި ސަލާމަތް ވާގޮތެއް ނުވިއެވެ. އެ ކުއްޖާގެ ގައިގައި ޖެހި އެ ކުއްޖާ ވެއްޓުނުއިރު އިޔާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޒަލަފް ކުޑަކޮށް ހަޅޭއްލަވައިގަތްއިރު އޭނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިއާއެވެ.

އޭރު އެ ހިސާބުގައި މާ ގިނަ މީހުންނެއްވެސް ނެތެވެ. ދެމީހުން އަވަސް އަވަހަށް ކާރުން ފައިބައިގެން އެ ވެއްޓުނު އަންހެން ކުއްޖާ ގާތަށް ދިޔައެވެ. އެ ކުއްޖާ ތެދުވަން މަސައްކަތް ކުރަމުން ދިޔައެވެ.

"އާ ޔޫ އޯކޭ؟" ޒަލަފް އަހާލައިފިއެވެ.

"އާނނނ... އައްދޯތް" އެ ކުއްޖާއަށް ބުނެވުނެވެ. ނަސީބަކުން މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. އިޔާންއާއި ޒަލަފްގެ އެހީގައި އެ ކުއްޖާ ތެދުވިއެވެ. އެ ކުއްޖާގެ މޫނު އެ ދެމީހުންނަށްވެސް ފެނުނީ އެވަގުތެވެ.

"ސުމާ" ޒަލަފްއަށް ބުނެވުނެވެ. ކާރަށް އަރުވައިގެން ދެމީހުން ސުމާ ހޮސްޕިޓަލަށް ގެންދިޔައެވެ. ބޭސް އަޅާފައި ސުމާ އެނދުގައި އިރުކޮޅަކު ބޭއްވުނެވެ.

ކަރުކެހިލަމުން ޒަލަފް އިޔާންއަށް ބަލާލިއެވެ. އިޔާން ބުމަ އަރުވާލިއެވެ. ޒަލަފް އިޝާރާތުން ދޮރު ދައްކާ ނުކުންނާށޭ ބުނާފަދައަކުން ހަރަކާތް ކުރިއެވެ.

"އޯހ... އެބަ އަންނަން ބޯ ލާނެ އެއްޗެއް ހިފައިގެން... ދެމީހުން ވާހަކަ ދައްކާލާ..." އިޔާން ބުނެލިއެވެ. އެއަށްފަހު ޒަލަފްއަށް ވަގުތު ކޮޅެއް ދެމުން އޭނާ ނުކުތެވެ.

"ހޭ...." ޒަލަފް ގޮވާލިއެވެ.

"ހައި" ސުމާވެސް ހިނިތުންވެލަމުން ޒަލަފްއަށް ރައްދު ދިނެވެ.

"ހުޅުމާލޭގަތަ އުޅެނީ؟" ޒަލަފް އަހާލިއެވެ.

"ނޫން... ނޫން... މާލޭގަ... ރައްޓެހި ކުއްޖެއްގެ ޕާޓީއަށް އައީ " އަވަސް އަވަހަށް ސުމާ ޖަވާބު ދިނެވެ.

ކުދި ކުދި ވާހަކަ ތަކުން ފެށުނު ވާހަކަ ނިމިގެން ދިޔައީ ދެމީހުންގެ ނަންބަރުވެސް އެކަކު އަނެކަކާ ހިއްސާކުރެވުމަށްފަހުއެވެ. މާބޮޑެތި އަނިޔާތަކެއް ސުމާއަށް ލިބިފައި ނެތުމާއެކު ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ސުމާއެކަނި ކޮށްނުލާން ވެގެން އިޔާންއާއި ޒަލަފް ކާރުގައި ސުމާ މާލެ ގެނެސްދިނެވެ. ޒަލަފްގެ ތުންފަތް މަތިން ހިނިތުންވުން ފަނޑެއްނުވެއެވެ.

"އޭތް... ކޮބާ ދަތްކޮޅު ދިއްލާލައިގެން ތިއުޅެނީ އަނެއްކާ ކާމިޔާބު ވީތަ؟" ސުމާ ގެއަށް ވަނުމާއެކު ކާރު ދުއްވާލި އިޔާން ޒަލަފްއާ ސުވާލުކޮށްލިއެވެ. ޒަލަފް ހިނިގަނޑެއްޖަހާލިއެވެ.

'މިހާރު ދެން ކާމިޔާބު ވުމުގެ މަގުމަތީގަ މިއުޅެނީ... ބަލަން ހުރޭ" ޒަލަފް ބުނެލިއެވެ. އިޔާންވެސް ޒަލަފްއާ ދިމާކޮށްލިއެވެ. ދެމީހުން އެކުގައި ގެއަށް ދިޔައިރު ރޭގަނޑު ގަޑިން އެގާރަޖަހާ ބޮޑުވެއްޖެއެވެ.

*****

ހެނދުނުގެ ނާސްތާއަށްފަހު އިޔާންއާއި އާމިރުއާއި ދެމީހުންވެސް ދިޔައީ އޮފީހަށެވެ. އާމިރު ގޮސް އެމީހުން ކުންފުނި ވައިލެޓް ޕްރައިވެޓް ލިމިޓެޑް ގެ މައި އޮފީހަށް ވަތްތަނާ އޭނާއަށް ފޯނެއް އައެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ދެ ވިސްނުމެއްގައި ހުރެފައި އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

"އައްސަލާމް އަލައިކުމް"

"ވައަލައިކުމް ސަލާމް" އެކޮޅުން ޖަވާބު ދިނެވެ.

"އާމިރު ތަ؟" އެކޮޅުން ވާހަކަ ދެއްކީ ތަންކޮޅެއް ދުވަސްވެފައި ހުރި މީހެއްހެން ހީވެއެވެ.

"ލައްބަ! ކޮން ބޭފުޅެއްތޯ؟" އާމިރު އަހާލިއެވެ. އެކޮޅުން ދިން ޖަވާބު އިވިފައި އާމިރުގެ ދެބުމަ ގާތްވެގެން ދިޔައެވެ. އެވަގުތު އޮފީސްތެރޭގައި ފުދޭވަރަކަށް މީހުން ގިނަ ކަމުން އާމިރު ވަށައިގެން ބަލާލުމަށްފަހު ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ.

"މިއަދު އަޅުގަނޑަށް ގުޅުމުގެ ބޭނުމަކީ ކޮބައިތޯ؟" އާމިރު ބެލީ ވީހާވެސް ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ. އެކޮޅުން ދެން ބުނެލި ވާހަކަކައިން އާމިރުގެ ރުޅިވެރިކަން ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.

"ހުރިހާކަމެއްވެސް ވަނީ ނިމިފައި... އެއްވެސް ކަމެއް ދެން ބަދަލެއް ނުކުރެވޭނެ" ގައިގަނޑަކަށް ފަސްވަރަކަށް މިނިޓްގެ ވާހަކަ ކޮޅަކަށްފަހު އާމިރު ފޯނު ބޭއްވިއިރު ވެސް އޭނާގެ މޫނުމަތިން ރުޅިވެރިކަން ފިލާ ގޮތެއް ނުވިއެވެ.

(ނުނިމޭ...)