ބޮލީވުޑްގެ ކާމިޔާބު ފިލްމު ސިލްސިލާ "ބާގީ"ގެ ތިން ވަނަ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު އެ ފިލްމުގައި ބާގީ ދޭއްކުން ފެނުނު އަންހެން ލީޑު ދިޝާ ޕަޓާނީގެ ލަވައެއް ފިލްމުގެ ތިން ވަނަ ބައިގައި ހިމަނަން ނިންމައިފިއެވެ.

އައިޓަމް ލަވައަކުން ދިޝާ ފެނިގެންދާއިރު އެ ލަވަ ވެގެންދާނީ ވަރަށް ފޯރިގަދަ ލަވައަކަށްކަމަށް ހަބަރުތައް ބުނެއެވެ. ބެކް ޑާންސަރުންނާ އެކު ދިޝާ އެ ލަވައިން ފެނިގެންދާނެއެވެ.

ޝްރައްދާ އާއި ޓައިގާ ޝްރޮފް ލީޑު ރޯލު ކުޅޭ އެ ފިލްމު ޑައިރެކްޓްކުރާނީ ސީކުއަލްގެ ދެވަނަ ބައި ވެސް ގެނެސްދިން އަހުމަދު ޚާން އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިން އިންޑިއާގައި ފެށިއިރު ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުގައި ވެސް ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ނިންމައިފަ އެވެ.
ބާގީ 3 ސްކްރީނަށް އަންނާނީ އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު އެވެ.