ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބަށް ފަހު ދީޕިކާ ޕަދުކޯން ސްކްރީނުން ފެނިގެންދާ ފިލްމު ޗަޕާކްގެ ލަވައެއް ދައްކާލައިފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ލަވަ މިހާރު އާންމުކޮށްފައިވާއިރު އެ ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ދީޕިކާ އާއި ވިކްރަންތު މަސޭ އެކުގައި ފެނިގެންދާ "ނޮކް ޖޯކް" ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޝަންކަރުއެހްސާންލޯއި އެވެ. އެ ފިލްމަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އެ ފިލްމުގެ ފަސްޓް ލުކްގެ ޕޯސްޓަރުގައި ދީޕިކާ ފެނިގެންދަނީ ވެސް ތަފާތުކޮށެވެ.

ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ ލަކްޝްމީގެ ފިރިމީހާ އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. މިހާރު އޭނާ އަކީ އެސިޑު ހަމަލާތައް ހުއްޓުވުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުން އަންނަ މީހެކެވެ.