28 Nov 2011, 12:35
ދިވެހިން ސަޕޯޓާއި ހެޔޮ ދުއާތަކާއެކު ހިތްވަރު ލިބިގެން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް މިއަދު އިންޑިއާގެ ދިއްލީއަށް ދިއުމަށް ފުރައިފިއެވެ.
އެއް ނަންބަރު ފާލަމުން ދިވެހި ޓީމް މިއަދު ފުރިއިރު، ޓީމަށް ސަޕޯޓްކޮށް ހިތް ވަރު ދިނުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އެފްއޭއެމްގެ ރައީސް އަލީ އާޒިމާއި ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ރަސްމީ ފާލަން ކާރިއަށް ޖަމާވެ، ޓީމަށް ހިތް ވަރު ދީ އަޑު އުފުލާފަ އެވެ.
ޓީމަށް ހިތް ވަރު ދިނުމުގެ ގޮތުން ރައީސް މުހައްމަދު ނަޝީދު މިއަދު އެއްނަންބަރު ފާލަންކައިރު ހުންވައި ވާހަކަ ފުޅު ދައްކަވަމުން ވިދާޅުވީ، ކުޅިވަރަކީ، ފަޚުރުވެރިކަން ރައްޔިތުންނަށް ހޯދައި ދިނުމަށް ބޭނުންކުރެވެން އޮތް ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި، ޤައުމީ ފުޓްބޯޅަ ޓީމަކީ، ރައްޔިތުން ފަޚުރުވެރިވާނެފަދަ ޤައުމެއް ބިނާކުރާކުރާ ޓީމެއް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި ޓީމަށް ސަޕޯޓް ކުރުމަކީ ކޮންމެ ދިވެއްސެއްގެ އަޒުމެއް ކަމުގައި ކަނޑައެޅުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ދިވެހި ޓީމާއެކު ޖުމްލަ 20 ކުޅުންތެރިން މިއަދު ފުރިއިރު، ޓީމްގެ އަށް އޮފިޝަލުން ވެސް ވަނީ ފުރައިފައެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ދިއްލީއަށް ދިއުމަށް ދިވެހި ޓީމް ފުރުމަށް ހަމަޖެހިފައި ވަނީ އިންޑިއަން އެއާލައިންސް އިންނެވެ.
މުބާރާތުގައި ވާދަކުރުމަށް ދިވެހި ޓީމް ދިއްލީއަށް ކުރާ މިދަތުރުގައި ޓީމް އެންމެ ފުރަތަމަ ދާނީ ބެންޤަލޫރަށެވެ. އަދި ބެންޤަލޫރުގައި ހަތަރު ގަޑިއިރު މަޑު ކުރުމަށްފަހު ދެން ދާނީ ދިއްލީ އަށެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހަ ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނަ ދެ ޓީމަކީ ބަންގްލަދޭސް އާއި ޕާކިސްތާނެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 2:30 ގައެވެ. ދެވަނަ މެޗުގައި ނުކުންނަ ދެ ޓީމަކީ ރާއްޖެއާ ނޭޕާލެވެ. މިމެޗް ކުޅެނީ ރާއްޖެ ގަޑިން އެ ދުވަހުގެ 5:30 ގަ އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.
މުބާރާތުގައި ވާދަކުރުމަށް ދިވެހި ޓީމް މިއަދު ފުރިއިރު، މިމުބާރާތުގެ ޗެމްޕިއަންކަން ދިވެހި ޓީމް ވަނީ އެއް ފަހަރު ހޯދައިފައެވެ. އެއީ 2008 ވަނަ އަހަރެވެ.
މިފަހަރުގެ މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، މެޗްތައް ކުޅެނީ މިދިޔަ އަހަރު ކޮމެންވެލްތު ގޭމްސް ބޭއްވި ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގެއެވެ. އެ ސްޓޭޑިއަމަކީ 60،000 މީހުންގެ ޖާގަ އޮންނަ ސްޓޭޑިއަމެކެވެ.
މުބާރާތުގައި ވާދކުރުމަށް މިއަދު ޓީމާއެކު ދިއްލީއަށް ދިޔަ ކުޅުންތެރިންނާއި އޮފިޝަލުން:
އިމްރާން މުހައްމަދު، ގޯލްކީޕަރު
މުހައްމަދު ފައިސަލް، ގޯލްކީޕަރު
އަހުމަދު އާތިފް، ގޯލްކީޕަރު
މުހައްމަދު ޝިފާން (ކުޑައްޓޭ)
އައްސަދު އަބްދުލް ގަނީ (އައްސަދު)
މުހައްމަދު އުމެއިރު
މުހައްމަދު ޖަމީލް (ޖަމްބޭ)
ޝާފިއު އަހުމަދު (ޝާފީ)
އިސްމާއިލް މުހައްމަދު (އިއްސޭ)
ޝަމްވީލް ގާސިމް (ބޮންޑާ)
އަކުރަމް އަބްދުލް ގަނީ (އަކޫ)
މުހައްމަދު އާރިފް (ބަކާ)
ހަސަން އަދުހަމް
އަލީ ފާސިރު (ސެންޓޭ)
އިބްރާހިމް ފަޒީލް (އޮއްޕޮ)
އަލީ އަޝްފާގް (ދަގަނޑޭ)
އައްސަދު އަލީ (އަޑުބަރޭ)
އަހުމަދު ތޯރިގް (ޓޮމް)
ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)
އިސްމާއިލް ފަރުހާދް
އޮފިޝަލުން:
މެނޭޖަރު: އަލީ ވަހީދު (ބަލަކް)
ކޯޗު: އިސްތަވާން އުރުބާނީ
އެސިސްޓެންޓް ކޯޗު: އިސްމާއިލް މަހެފޫޒް (އިންމަ)
އެސިސްޓެންޓް ކޯޗު: މޫސާ މަނިކު (ކުޑަ މޫސ)
ގޯލްކީޕަރު ޓްރެއިނަރު: އަސްލަމް އަބްދުލް ރަހީމް
މެޑިކަލް އޮފިސަރު: އަހުމަދު ޝަކީބް
ކިޓް މެނޭޖަރު: އަބްދުލް ސައްތާރު އަހުމަދު
މީޑިއާ އޮފިޝަލް: މުހައްމަދު ޖައުޝަން ޝަރީފް