"ކެފޭ" އުސޫލުން މަސްތުވުމުގެ ހުރިހާ ހިދުމަތެއް ދެމުން ދިޔަ މ. ލޮނުމިދިލިގެ ބަލާސް ފާސްކޮށް، ރޭ ހައްޔަރުކޮރި، އަށް މީހުންގެ ތެރެއިން ހަ މީހަކަށް ބަންދުކުރަން ނިންމައި، ދެ މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ހިންގަމުން އައި އެ އޮޕަރޭޝަންގައި ފަސް ވަނަ ގޭގެ ގޮތުގައި ބަލާ ފާސްކުރި، ލޮނުމިދިިލި ގެއިން ވަނީ ބައި ލައްކައެއްހާ ރުފިޔާއާއެކު މަސްތުވާތަކެތިވެސް ފެނިފައެވެ. ހައްޔަރު ކޮށްފައިވަނީ، ހަތަރު ކުޑަކުދިންނާއި ދެ ދިވެހި ފިރިހެނުން، އަދި ދިވެހި އަންހެނަކާއި އެކު ބިދޭސީ ފިރިހެނެއް ކަމަށެވެ. ފައިސާ ފެނިފައިވަނީ، ހަތަރު ކުޑަ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ޖީބުގައި އޮތް ވޮލެޓުންނެވެ.

ފުލުހުން މިރޭ ބުނީ، ހަތަރު ކުޑަކުދިންގެ ތެރެއިން ދެ ކުޑަކުދިން 10 ދުވަހަށް ޖަލު ބަންދަށް އަދި އަނެއް ދެ ކުދިން ކޯޓުން ޝަރުތު ކުރުމަށްފަހު، ގޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެތަނުން އެކަކު ފަސް ދުވަހަށް އަދި އަނެއް ކުއްޖާ 10 ދުވަހަށް ގޭ ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކުރި އިތުރު ހަތަރު މީހުންގެ ތެރެއިން ދެމީހުންނަކީ ދެމަފިރިން ކަމަށް ފުލުހުން ބުންޏެވެ. އެ ދެމަފިރިންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާތީވެ، އެމީހުން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންގޮސްފައި ނުވާކަމަށް ފުލުހުން ބުންނެވެ. އަދި ބާކީ ތިބި ދެ ފިރިހެނުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ބަންދުކުރަން އަމުރުކުރީ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގަ އެވެ.

ފުލުހުން އެގެއިން ހޯދާފައިވަނީ، މަސްތުވާތެކެތި ކަމަށް ބެލެވޭ 20 ރަބަރު ޕެކެޓާއި އެކި އެކި ގައުމުތަކުގެ ފައިސާއެވެ. އެގޮތުން އެ ފައިސާގެ ޖުމްލަ އަދަދު 41،127 ރުފިޔާއަށް އަރައެވެ.

ފުލުހުން މި އޮޕަރޭޝަންގައި ވަނީ އިތުރު ހަތަރު ގެއެއް މީގެ ކުރިން ބަލާ ފާސްކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި ބަލާ ފާސްކުރި އެ ހަތަރު ގެއަކީވެސް ލޮނުމިދިލި ގެ ފަފައިން ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅައި، ކެފޭގެ އުސޫލުން މަސްތުވުމުގެ ހުރިހާ ހިދުމަތެއް ދެމުން އަންނަ ތަންތަން ކަމަށެވެ. ފަސް ގެއިން ފުލުހުން ހައްޔަރު ކުރި ޖުމްލަ މީހުންގެ އަދަދު 37 އަކަށް އަރަށެވެ.