20 Dec 2019, 22:00
މޫސުމަށް ސަމާލުކަން ނުދީ ދަތުރުކޮށްގެން މީހެއްގެ ފުރާނައަށް ނުރައްްކާ ވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޑީއެފް ކޯސްޓު ގާޑުން ބުނެފިއެވެ.
މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފައި ވަނިކޮށް، ހަތަރު މީހުންނާއެކު ދަތުރު ކުރި ޑިންގީއެއް މިއަދު ވަނީ ގެއްލިފައެވެ. ނަަމަވެސްް މިރޭ އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުންނާއެކު ޑީންގީ ހޯދާފައެވެ. އޭގެން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅެވެ.
ޑިންގީ ހޯދިކަމަށް އެންގުމަށް ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޯސްޓްގާޑްގެ ކޮމަންޑާ ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ކުރާއިރު ސަލާމަތީ ގޮތުން ފިޔަވަޅު އަޅައި، މޫސުމަށް ސަމާލުވުމަށް އަބަދުވެސް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހާއްސަކޮށް، މޫސުން ގޯސްވެފައިވަނިކޮށް ކުދި ކުދި ޑީންގީ ތަކުގައި ދަތުރު ނުކުުރުމަށް އެ މުއައްސަސާއިން މީގެ ކުރިންވެސް ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
"މެޓް އޮފީހުން އެލާޓްތައް ވަރަށް ތަފްސީލުކޮށް ނެރުމުން ދަނީ. އެގޮތަށް އެލާޓްތައް ނެރެފައި ވަނިކޮށް، އެފަދަ ދަތުރުތައް ނުކުރަން. ހާއްސަ ގޮތެއްގައި މިފަަދަ ކަމެއް ދިމާވެގެން މީހެއްގެ ފުރާނައަށް ގެއްލުން ލިބިއްޖެ ނަމަ، އެމީހަކާ ދޭތެރޭ ކަމާ ބެހޭ ފަރާތްތަކުން އަޅާނެ،" ސަލީމް ވިދާޅުވިއެވެ.
އެހެން ކަމުން އެފަދަ ދަތުރުތަކަށް ފެށުމުގެ ކުރިން މިހާރަށް ވުރެ ބޮޑަށް މޫސުމަށް ސަމަލާވެ ދަތުރުކުރުމަށް ސަލީމް އިލްތިމާސް ކުރެއްވިއެވެ. އަދި ހާއްސަކޮށް، މިހާރަކީ ޗުއްޓީ ބަންދު ދުވަސްވަރު ކަމުން މީހެއްގެ ފުރާނައަށް ގެއްލުނުވާނެ ގޮތަކަށް މި ޗުއްޓީތެރޭގައި ކަންކަން ގެންދިއުން އެއީ އެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީީމް ވިދާޅުވީ، މިއަދު ޑިންގީ ގެއްލިގެން ހިނގި ހާދިސާއަކީވެސް ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. އެގޮތުން ޑީންގީ ބަންޑުން ޖަހާލި ނަމަ، ނުވަތަ އަޑިއަށް ދިޔަ ނަމަ، މީހުން ހޯދުމަކީ ދަތިކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއާއެކު ހިތާމަވެރި ހަދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"ނަސީބު ކަން ދިމާކުރި ގޮތުން ޑިންޑީ ފެންމަތީގައި އޮތީމަ އަޅުގަނޑުމެންނަށް ލޮކޭޓް ކުރެވުނު ކަމުގައިވިޔަސް، ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ، ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި އަޅުގަނޑުމެން މިކަން ފާހަގަ ކުރަން. އެހެން ކަމުން ކުރިއަށް އޮތްތާގައިވެސް ހާއްސަ ސަމާލުކަމެއް ދީގެން، ކުދި އުޅަނދުފަހަރުގައި ދަތުރުކުރާއިރު، ލައިފް ޖެކެޓް އެޅުމާއި، ސަލާމަތީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަން ފާހަގަ ކުރަން،" ސަލީމް ވިދާޅުވިއެވެ.

ހަތަރު މީހުންނާއެކު ގެއްލުގެން ހޯދި ޑިންގީ: މިހާރު އެ ޑީންގީ ވަނީ ހޯދާފައި --ފޮޓޯ/ ފުލުހުން
ޑިންޑީއިން ދަތުރުކުރީ ފިރިހެނަކާއި ތިން ކުޑަ ކުދިންނެވެ. މިހާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޑިންގީ ފ. އަތޮޅާ ދިމާލަށް ދަތުރު ކުރަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ހަތަރު މީހުންގެ ސިއްހީ ހަލާތު ރަގަނޅުވި ނަމަވެސް އިތުރަށް ޓެސްޓުތައް ހަދާނެ ކަމަށް ވިދާޅުވި އެވެ. ޑީންގީގެ ކެޕްޓަނާ ހަވާލާދީ، ސަލީމް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރުވީ، އދ. މާމިގިލީ އިން ފުރައިގެން ވިއްސާރަވުމުން ދެވޭ ނުދެވޭ ދިމާލެއް ނޭނގި ދަތުރުކުރަން ޖެހޭ މިސްރާބު ގެއްލުމުން ކަމަށެވެ.