ފިރިހެނަކާއި ތިން ކުޑަކުދިންނާއެކު ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ އެވެ.

އެނގިފައި ވާގޮތުން އެ ޑިންގީ ފެނިފައިވަނީ ހިމިތިއާ ދިމާލު ބޭރުންނެވެ. އަދި އޭގާ ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަން އެނގިފައިވެ އެވެ. ޑިންގީ ފެނިފައިވަނީ ހިމިތީގެ ހަތް ނޯޓިކަލް މޭލު ބޭރުން މިރޭ 8:00 ހާއިރުއެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޑިންގީ މިހާރު ދަނީ ފީއައްޔަށް ދަތުރު ކުރަމުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ ގެއްލުނު ޑިންގީ ހޯދުމަށް ނުވަ އުޅަނދު ހަރަކާތްތެރިވި ކަމަށެވެ. ކުދި އުޅަނދުތަކުގައި ދަތުރުކުރާއިރު ލައިފް ޖެކެޓު އެޅުމަށާއި ސަލާމަތީ ގޮތުން އުޅަނދުގައި ފުރިހަމަކުރަންޖެހޭ ކަންތައް ފުރިހަމަ ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ އަކީ އދ. މާމިނގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރަމުން ދިޔަ ޑިންގީ އެކެވެ. އެ ޑިންގީގައި ތިބީ ނުވަ އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ކުއްޖެއްގެ އިތުރުން 13 އަހަރުގެ ކުއްޖަކާއި އެއް ބޮޑު މީހެކެވެ.

ޑިންގީ ހޯދުމަށް އެމްއެންޑީއެފް އިން ވަނީ ނައިޓް ވިޝަން ބޭނުންކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރެކެވެ. ކަނޑުދަތުރަށް ފެށުމުގެ ކުރުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. މެޓުން ވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ޔެލޯ އެލާޓުވެސް ނެރެފައެވެ.