28 Nov 2011, 12:20
ތ. ގާދިއްފުށީ ކައުންސިލްގެ އެމްޑީޕީ މެންބަރު އެ ރަށު، ހުސްނުހީނާގޭ މުހައްމަދު ޝަމީމްގެ މައްޗަށް މަސްތުވާތަކެތި ބޭނުކުރިކަން ސާބިތުވެ، ހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭނާ ކައުންސިލް މެންބަރުކަމުން ވަކިކޮށް ދެއްވުމަށް އެދި ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަޙްމަދު ޒަނީން އާދަމެވެ. އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވެވި ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު 10:30 އަށް ޝެޑިއުލް ކުރިނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ އަޑު އެހުން ކެންސަލް ކުރީ އެ މައްސަލައިގެ ޝަރީއަތަށް ޝަމީމް ހާޒިރުކޮށްގެން ނޫނީ ޝަރީއަތް ކުރިޔަތް ނުގެންދާގޮތަށް ފަނޑިޔާރުން މިއަދު ނިންމެވުމުން ކަމަށާއި ދެން ޝަރީއަތް ބާއްވާ ދުވަހަކު ޝަމީމް ހާޒިރުކުރާނެ ކަމަށެވެ.
ދައުވާ ކުރެއްވެވި ޒަނީން މިއަދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށް ޝަމީމުގެ މައްޗަށް ސާބިތުވެ ނޮވެމްބަރު 30، 2003 ގައި ހަ އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރިކަން ކުރީގެ ޖިނާއީ ކޯޓުގައި ޝަމީމް ގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ އަމިއްލަ އިއުތިރާފުން ކަމަށެވެ.
ކުރީގެ ޖިނާއީ ކޯޓަށް ނޮވެމްބަރު 30، 2003ގައި ޝަމީމް ދީފައިވާ ބަޔާނެއްގައި ބުނަނީ "އަޅުގަނޑު މަސްތުވުމަށްޓަކައި ހެރޮއިން ބޭނުންކޮށްފައިވަނީ އެންމެ ދެފަހަރު" ކަމަށެވެ.
އެ މައްސަލައިގައި ގާޒީ މުހުތާޒު ފަހުމީ ކުރައްވާފައިވާ ހުކުމުގައި ބުނަނީ މިހެނެވެ:
"... 21 ޖުލައި 2003 ދުވަހުގެ ހަވީރު 4:00 ހާއިރު މުހައްމަދު ޝަމީމް އުޅޭ ގޭގެ ފާހާނާ ތެރޭގައިހުރެ ވެސް ހެރޮއިން ބޭނުން ކޮށްފައިވާކަން މުހައްމަދު ޝަމީމްގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުން ކުރުމުގެ ކުށުން މުހައްމަދު ޝަމީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިއީ މުހައްމަދު ޝަމީމްގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ މި ކުށުގެ އުގޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ބ)ގެ ދަށުން ހަ އަހަރު ދުވަހުގެ މުއްދަތަށް މުހައްމަދު ޝަމީމް ޖަލަށް ލުމަށް ހުކުމްކޮށް މައްސަލަ ނިންމީމެވެ."