ރ. މަޑުއްވަރީގައި ދަރިފުޅަށް ވެކްސިން ދޭން ބައިންބަފައިން ދެކޮޅު ހެދުމުން، އެކުއްޖާ މައިންބަފައިން އަތުން އަތުލައި ކުއްޖާގެ ބޮޑުދައިތައާ މިއަދު ހަވާލު ކޮށްފި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް 'އައްސޭރި' ނަމުގައި ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ފުލުހުން ދަނީ މަޑުއްވަރީގައި ހަރަކާތްތެރި ވަމުންނެވެ. އެ އޮޕަރޭޝަށަނާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ޖެންޑަ މިނިސްޓްރީއިން ނަަސޭހަތް ދިނުމުންވެސް ނަސޭހަތް ގަބޫލު ނުކުރި ކަމަށެވެ.

ވެކްސިން ދިނުމާއި ސުކޫލަށް ފޮނުވަން އިންކާރު ކުރި އެ އާއިލާގެ އަންހެން ކުއްޖަކު އެކުއްޖާގެ ބައިންބަފައިން އަތުން އަތުލައި ކުއްޖާގެ ބޮޑުދައިތައާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަޑުއްވަރީގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އިއްޔެވެސް ވަނީ ވެކްސިން ދޭން އިންކާރު ކުރި އާއިލާއަކަށް ނަސޭހަތްދީ، އެމީހުން އެއްބަސްވުމުން ތިން ކުއްޖަކަށް ވެކްސިން ދީފަ އެވެ.

ވެކްސިން ދޭން ދެކޮޅު ހަދައި ކުދިން ސުކޫލަށް ނުފޮނުވާ ބަޔަކު މަޑުއްވރީގައި ދިރިއުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ. އަދި މީހުންގެ ފުރާނައާއި ނަފްސަށް ގެއްލުންދެވިދާނެ ކަމަށް އެމީހުން ދެކޭ ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަނުގެ ތެރެއިން ފުލުހުން މިއަދުވެސް ވަނީ ދެ ގެއެއް ބަލާ ފާސްކޮށްފަ އެވެ. އަދި ތަހުގީގުގެ ބޭނުމަށް މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިމަހުގެ 18 ވަނަ ދުވަހު ހަރުކަށި ފިކުރަށް ނިސްބަތްވާ ތިން މީހަކު މަޑުއްވަރީއިން ހައްޔަރުކޮށްފަ އެވެ. އަދި އެމީހުން ދިރިއުޅު ގެއިންނާއި އެމީހުންގެ ދޯނި ފަހަރުން މައްސަލައިގެ ހެކިތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި މައްސަލައަށް ބާރުލިބޭ ބައެއް އިލެކްޓްރޯނިކް ސާމާނުވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.