އދ. މާމިނގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރި ޑިންގީއެއް ގެއްލިގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޑިންގީގައި ތިބީ ފިރިހެނަކާއި ތިން ކުޑަކުދިން ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 16:53 ހާއިރު ކަމަށެވެ.

މިހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ މިއަދު 14:30 ހާއިރު މާމިނގިލިން ފުރައިގެން ފީއައްްޔަށް ދަތުރުކުރި ޑިންގީއެއް ގެއްލިގެން އެކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ ޑިންގީގައި ތިބީ ނުވަ އަހަރުގެ ކުއްޖަކާއި 11 އަހަރުގެ ކުއްޖެއްގެ އިތުރުން 13 އަހަރުގެ ކުއްޖަކާއި އެއް ބޮޑު މީހަކު ކަމަށް ފުލުހުން ބުންޏެވެ.

ގެއްލުނު ޑިންގީ އަކީ ފިޔާތޮށި ކުލައިގެން ޑިންގީީ އެއް ކަމަށާއި އެގެ މަތި އޮންނާނީ ހިޔާނުކޮށް ކަމަށް ފުލުހުން ބުންޏެވެ.

މި ޑިންގީގެ ދިގުމިނުގައި 20 ފޫޓު ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޑިންްގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ގެއްލިގެން ހޯދާ ޑިންގީ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންނަށް އެކަން އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޑިންގީއެއް ގެއްލިގެން އެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑާއި ފުލުހުން ކުރަމުންދާއިރު މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރެކެވެ. ކަނޑުދަތުރަށް ފެށުމުގެ ކުރުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.