20 Dec 2019, 15:39
ރޭ ބްރިޖުމަތީގައި ހިނގި ބޮޑު އެކްސިޑެންޓް ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ޖިޕެއް ކޮންޓްރޯލް ނުވެގެން ގޮސް އެހެން ވެހިކަލްތަކެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 1:22 އެހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި ގިނަ ވެހިކަލްތަކަކަށް ގެއްލުންވި ނަމަވެސް، އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުވާ ކަމަށެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވީ، ބުރިޖު މަތިން ބާރު ސްޕީޑްގައި މާލެއާވީ ކޮޅަށް ދުއްވާފައި އައި ޖީޕްއެއް ކޮންޓްރޯލް ނުވެ ގޮސް ޓްރެފިކް ލައިޓްއަށް މަޑުކޮށްގެން އޮތް ތިން ކާރަކާއި ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ ޖިޕް ދުއްވަން އިނީ 27 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ކަަމަށާއި އެކްސިޑެންޓްގައި ވެހިކަލްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފަިއވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ޖިޕް ޑްރައިވަރަށް އަދިވެސް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށާއި އެހެންނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގިއިރު ހުރިހާ ވެހިކަލްތައް ދުއްވަން ތިބި މީހުންގެވެސް ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.