މަސްތުވުމަށް ބޭނުންކުރާ ބޭސް، ޕާޓީ ޑްރަގްތަކަކާއި މަރުޖުއާނާ ފަތްތަކެއް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ. އަތޮޅު ރިސޯޓެއްގެ މަސައްކަތް ކުރާ މީހަކު ރާއްޖެ އެތެެރެ ކުރުން މަނާ ބޭސްތަކެއް ގެންގުޅޭކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިކަމަށެވެ.

އެ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ތުހުމަތުކުރެވޭ 36 އަހަރުގެ ލަންކާ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހާ ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކާއި މަސްތުވުމަށް ބޭނުންކުރާ މަރުޖުއާނާ ފަތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ ކޮން ރިސޯޓެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.