އަންނަ މަހު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ފުރަނީ ޤައުމީ ޖިހާދަކައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޓީމަށް ހިތްވަރުދިނުމުގެ ގޮތުން އިއްޔެ ހަވީރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން، މަޖިލިސްކުރާ ގޭގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޤައުމީ ފުޓްބޯޅަ ޓީމަށް ރައްޔިތުންގެ މަޖިލީހުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ޤައުމީ ފުޓްބޯޅަ ޓީމު އެކުލެވިގެންވަނީ ހިތްވަރުގަދަ ފަހުލަވާނުންތަކެއްގެ މައްޗަށްކަމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ ދުނިޔޭގެ އެންމެ އުސް ފުޓުބޯޅަ ދަނޑުތަކުން ދިވެހި ޤައުމީ ދިދަ، ޤައުމީ ޓީމު ވިހުރުވައިލާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އަންނަ މަހުގެ 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ޤައުމީ ދިދަ ހިފައިގެން ޤައުމީ ފުޓްބޯޅަ ޓީމަށް މަރުޙަބާ ކިޔުމަށް ދިވެހި ރައްޔިތުން ތައްޔާރަށް ތިބި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ސޯޝަލް ކްލަބުން އިންތިޒާމްކުރި މިހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ޤައުމީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ.