ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބީ ދާއިރާތައް ބަހާލާފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން އިލެކްޝަން ކޮމިޝަން(އީސީ)އިން ފުރުސަތު ހުޅުވާލައިފި އެވެ.

އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 23 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށް ވަނީ ހުޅުވާލައިފަ އެވެ.

އިންތިހާބީ ދާއިރާތައް ކަނޑައެޅިއިރު 3000 ހަމަ ނުވާ ރަށްތަކަށް ފަސް ކައުންސިލަރުން އިންތިހާބްކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް ފަސް މެމްބަރުން އިންތިހާބްކުރަން ޖެހެ އެވެ. އެގޮތުން އެ ކެޓެގަރީގެ ތެރެއަށް ފެތޭ 164 ރަށް ހިމެނޭ ކަމަށް އީސީން ބުންޏެވެ.

އޭގެ އިތުރުން 3000 ހަމަވާ ރަށްތަކުން ހަތް ކައުންސިލަރުން އިންތިހާބްކުރާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ފަސް މެމްބަރުން އިންތިހާބްކުރަން ޖެހެއެވެ. އެގޮތުން އެ ކެޓެގަރީގެ ތެރެއަށް ފެތޭ 15 ރަށް ހިމެނޭ ކަމަށް އީސީން ބުންޏެވެ.

ސިޓީތަކަށް ބަލާލާއިރު ފުވައްމުލައް ސިޓީން މޭޔަރު ނުލާ ހަ ދާއިރާއަކުން ހަ ކައުންސިލަރުން ހޮވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހަ މެމްބަރުން އިންތިހާބްކުރަން ޖެހެއެވެ. މޭޔަރު އިންތިހާބްކުރަން ޖެހޭނީ މުޅި ސިޓީގެ ވޯޓަކުންނެވެ.

އައްޑޫ ސިޓީއަށް މޭޔަރު ނުލާ 12 ދާއިރާއަކުން 12 ކައުންސިލަރުން ހޮވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް 10 މެމްބަރުން އިންތިހާބްކުރަން ޖެހެއެވެ. މޭޔަރު އިންތިހާބްކުރަން ޖެހޭނީ މުޅި ސިޓީގެ ވޯޓަކުންނެވެ.

އޭގެ އިތުރުން މާލެ ސިޓީއަށް މޭޔަރު ނުލާ 18 ދާއިރާއަކުން 18 ކައުންސިލަރުން ހޮވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް 18 މެމްބަރުން އިންތިހާބްކުރަން ޖެހެއެވެ. މޭޔަރު އިންތިހާބްކުރަން ޖެހޭނީ މުޅި ސިޓީގެ ވޯޓަކުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމެވެ.

ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނެ އެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ވާނީ ހަތަރު ގޮނޑި އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ތިން ގޮނޑި ހާއްސަ ވާނެ އެވެ.