20 Dec 2019, 13:28
"ބޯއެއްޗެއް ބޮއިގެން އަވަހަށް މިތަނުން ދޭ!.. ކޮންމެ މީހަކުވެސް ބޮއެގެން ނިމުނުހާ އަވަހަކަށް ތަން ދޫކޮށްފައި ދިއުމަކީ އަހަރުމެންގެ ވަރަށް ބޮޑު އެދުމެއް!" ކެފޭއެއް ހިންގާ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ، މ. ލޮނުމިދިލި ގޭގެ ފާރުގައި އެތަނުން ހިދުމަތް ހޯދާ މީހުންނަށް ލިޔެފައިވާ އިރުޝާދުތަކުގައި އޮތީ މިހެންނެވެ.
މިފަދަ "ހާލިތައް" ރޫޅާލުމަށް މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ފުލުހުން ހިންގަން ފެށި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ މާޒީއެއް އޮތް، ލޮނުމިދިލިގެ ރޭ ހުއްޓުމަކަށް ގެނެސް ފުލުހުން ހިންގި ރެއިޑްގައި އެ ގޭގެ ތެރެ ނޫސްވެރިންނަށް ވެސް ވަނީ ދައްކާލައިފަ އެވެ.
ގޭތެރެ ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު، މިއީ ޑްރަގަށް ދެވިހިފާފައި ތިބި އެތައް ޒުވާނަކު މަޖަލާއި ނާޗަރަންގީ ނަގަމުން އައި އައްޑާއެކެވެ. އެއް ފުރާޅެއްގެ ދަށުން މަސްތުވުމުގެ ހުރިހާ ހިދުމަތެއް އޭގެ އެންމެ މަތީ ފެންވަރުގައި މިގެއިން ލިބެމުން ދިޔަކަން ޔަގީނެވެ.

ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގޭގެ ހަނި ގޯޅި ތެރެ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ހަނިގޯޅިއެއްގެ ތެރެއިން ފުލުހުންގެ ދައްކަމުން ދިޔަ މަގުން އަހަރެން ވެސް ހިނގަމުން ދިޔައިރު، ލޮނުމިދިލިގޭ އެންމެ ތިރީގައި ހުރީ ބިދޭސީން އުޅޭ ކޮޓަރިގަނޑެކެވެ. އެތެރެއަށް ވަންނަމުން ވަންނަމުން ގޮސް، ވަދެވުނީ އޭސީކޮށްފައި ހުރި ތަނަވަސް ބޮޑު ކޮޓަރި އަކަށެވެ. އަދި އެ ކޮޓަރީގައި ބަންކު ބެޑުގެ ދެ އެނދު ހުރިއިރު ކޮޓަރީގެ ހުސްތަނުގައި ވަނީ ސޯފާއެއް ބަހައްޓައިފަ އެވެ. އެއް ބިތުގައި ބޮޑު އަލަމާރިއެއް ހުއްޓެވެ. އަދި އަނެއް ބިތުގައި ސޯފާއާ ދިމާލަށްވާ ގޮތަށް، 42 އިންޗީގެ ފަތި ޓީވީއެއް ހަރުކޮށްފައި ހުއްޓެވެ. ސޯފާ ކައިރީގައި ހުރި ކުޑަމޭޒެއްގައި އަޅި ކެނޑިއެއް ބަހައްޓާފައި ހުއްޓެވެ. އެ އަޅިކެނޑި އަށް ބަލާފައި މިއިން ދުވަހަކު އެތަނުގައި ބަޔަކު ސިނގިރޭޓް ބޮޔެފައި ހުރިހެން ހީވެސް ނުވެ އެވެ. އެހާވެސް ރީއްޗަށް އަޅިކެނޑި ހުރީ ސާފުކޮށްލައިފަ އެވެ.
އެ ކޮޓަރީގެ ސޯފާގައި ވަރަށް ހަމަޖެހިލައިގެން ހާސްކަމެއް ނެތި ތިބީ ހަތަރު މީހުންނެވެ. އެކަކު އިނީ ގިޓާ ކުޅޭށެވެ. ދެން ތިބި ތިން މީހުން ތިބީ ސޯފާގައި ހަމަޖެހިލައިގެން އަހަރުމެންނަށް ބަލަހައްޓައިގެނެވެ. ބަލާލައިފައި އެއީ އުމުރުން 18 އަހަރު ނުވާ ކުދިންނެކޭ ހިޔެއް ނުވެ އެވެ. އެ މީހުންނަކީ 18 އަހަރު ނުފުރޭ ކުދިންކަން އެނގުނީ، ފުލުހުން އެ މީހުންގެ ފޮޓޯ ނުނަގަން އެންގުމުންނެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އެ ކުދިންވެސް ހައްޔަރުކޮށްފަ އެވެ. އަދި އެތަނުން އެއް ކުއްޖެއްގެ ޖީބުން ބައިލައްކައެއްހާ ރުފިޔާ ފުލުހުން ހޯދި އެވެ.

ކުޑަ ކުދިން ހައްޔަރު ކުރި ކޮޓަރި: އެއީ ތަނަވަސް ބޮޑު ކޮޓަރިއެއް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
އޮޕަރޭޝަން ހިންގި ވަގުތު، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު (އެފްސީޕީޑީ)ގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަަސަން ހަނީފް ވިދާޅުވީ ފުލުހުން އެ ގެެ ރެއިޑް ކުރި އިރު، ހަތަރު ކުޑަ ކުދިންވެސް ތިބީ އެ ގޭގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެ ކުދިންނަކީ އެ ގޭގައި އުޅޭ ބައެއް ކަމެއް ނުވަތަ އެ ގެއަށް ޒިޔާރާތް ކުރި ބައެއް ކަމެއް އަދި ކަށަވަރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކުދިންގެ އިތުރުން، އިތުރު ހަތަރު މީހަކު ރޭ ފުލުހުން ވަނީ އެގެއިން ހައްޔަރުކޮށްފަ އެވެ.
ކުޑަކުދިން ތިބި ތަނަވަސް ކޮޓަރިއާ ޖެހިގެން ހުރީ ވީރާނާ ވެފައިވާ ކޮޓަރި ގަނޑެކެވެ. މީހުން ނިދާނެ ގޮތެއް އެތާކު ނެތެވެ. އަރަބި ލަފްޒުތަކާއި ހިތެއްގެ ތެރޭ ﷲ ފާރުގައި ލިޔެފައިވެ އެވެ. ފަންކާ ވެސް ހުރީ ހަލާކުވެފަ އެވެ. ސިނގިރޭޓުގެ އަޅިކަނޑަން ގެރި ކިރު ހުސްކުރި ދަޅެއް ކުޑަ ދޮރުގައި އަޅުވާފައި ހުއްޓެވެ. އެ ކޮޓަރީގައި ކަރަންޓެއް ވެސް ނެތި އޮތީ އަނދިރިކޮށެވެ.
މިއީ މަސްތުވުމުގެ ބޮޑު ހާއްްޔެއް!

ލޮނު ސިޓީ: އެއީ އެތަން ބޭނުން ކުރާ މީހުން އެތަނަށް ކިޔަނީ ނަން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ޖެހިގެން ހުރީ މި ގޭގެ މަސްތުވުމުގެ ހިދުމަތް ދޭ ކަމަށް ފުލުހުން ބުނާ "ކެފޭ" އެވެ. އެއީ މަސްތުވުމުގެ މަޖާގަނޑު ނަގާ އައްޑާ އެކެވެ. އެމީހުންގެ ނަމުން ނަމަ "ލޮނު ސިޓީ" އެވެ. ލޮނުމިދިލިގޭގެ ހަނި ގޯޅިން އެންމެ އެތެރެ ކަނާ ދިމާލުގައި އެބަޔަށް ވަދެވެން ހުރި ދޮރުގައި ވަނީ ތޭރި ޖަހައި، ފިންގާ ލޮކް ސިސްޓަމެއް ހަރުކޮށްފައިވާ ދަނގަޑު ގޭޓެކެވެ. ފުލުހުން ބުނި ގޮތުގައި އެ ގޭޓް ހުޅުވަނީ، ހިދުމަތް ހޯދަން އަންނަ މީހުން އެ ދޮރުގެ ރަނގަބީލު ޖެހުމުން އެތެރެއިން "އެކްސެސް" ދިނުމުން ނުވަތަ، ކޯޑެއް ޖެހުމުންނެވެ.
ފުލުހުން ލަފާކުރާ ގޮތުގައި އެހާ ސަލާމަތީ ގޮތުން ވަރުގަދަކޮށް ކަންކަން ރާވާފައި ވަނީ، އެ "ކެފޭ" އިން ހިދުމަތް ހޯދަން އަންނަ މީހުންގެ ރައްކަލެއްގެ ގޮތުން ރެއިޑެއް ޖަހައިފި ހާލަތެއްގައި އެ މީހުން ގެންގުޅުނު ތަކެތި ފަސޭހައިން ފޮރުވައި، ހެކި ނައްތާލުމަށް ފަސޭހައަކަށެވެ.
ފުލުހުންނަށް ވެސް ރޭ އެ ބަޔަށް ވަންނަން ޖެހުނީ އެ ގޭޓްގައި ހުރި އިލެކްޓްރޯނިކް ތަޅު ގަދަކަމުން ހަލާކުކޮށްލައިގެނެވެ. ގޭޓުން ވަދެގެންދިޔަ އިރު އަލި ކަމެއް އެތަނަކު ނެތެވެ. އަހަރުމެންގެ ކުރީގައި ހުރި ފުލުސް މީހާ ބައްތިއެއް ދިއްލައި އަލި ކުރަމުން އެތަނުގައި ހުރި ހަނި ވަކަރު ސިޑިން މައްޗަށް އަރަން ފެށި އެވެ. އެ ސިޑިން ގޮސް އެރެނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށެވެ. މުޅި ސިޑި މައްޗަށް ވެސް އުކާލާފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ އެކި އާލާތްތަކެވެ. ސިޑިން އަރައިގެން ގޮސް މޫނު ޖެހެނީ ދެ ކޮޓަރިއެއްގަ އެވެ.

މަސްތުވުމުގެ ހިދުމަތް ދޭ ތަނަށް ވަންނަ ހަދައިފައިވާ ގޭޓު: އެ ގޭޓުގައި ހުރީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅު އަޅައިފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
އެއީ އާދައިގެ ދެ ކޮޓަރިއެއް ނޫނެވެ. ފުލުހުން ބުނި ފަދައިން ހަމަ "ކޭފޭ" އުސޫލުން މަސްތުވުމަށް ބޭނުން ކުރާ އައްޑާއަކަށް އެތަން ހުރީ ފައްކާކޮށްފަ އެވެ. ދެ ކޮޓަރީގައި ވެސް މޭޒެއް ބަހައްޓާފައި ހުރިއިރު، އެ މޭޒުގައި ވަށައިގެން ގޮނޑި ޖަހާފައި ހުއްޓެވެ.
ފުރަތަމަ ކޮޓަރީގައި ހުރީ ސްކޫލުތަކުގައި ހުންނަ ފަދަ ޑެސްކެވެ. އެ ޑެކްސް ވަށައިގެން ރަތް ކުލައާއި ހުދު ކުލައިގެ ދެތިން ގޮނޑި ޖަހާފައި ހުއްޓެވެ. މޭޒާއި ގޮނޑިތަކުގެ އެކި ތަންތަނުގައި ސިނގިރޭޓް ބުރި ޖެއްސުމުގެ ސަބަބުން ވަނީ ވިރިފަ އެވެ. މޭޒު މަތީ ސިނގިރޭޓް ފޮއްޓެއް އޮތް އިރު، ދެން އޮތީ، ފޮއިލްގަނޑަކާއި ޗުއިންގަމް ކަރުދާހާއި ޑުރަގް ނަގަން ބޭނުންކުރާ ޕައިޕެކެވެ. އަދި ކޮންމެ ފޮއިލެއްގައި ކަޅު ކުލައިގެ ތިކި ތަކެއް ހުއްޓެވެ. ކޮންމެވެސް ވަރަކަށް މޭޒުމަތީގައި ހިނިވެސް ދުވެ އެވެ. ބަލާ ބެލުމަށް އެއީ އިއްޔެ އަކު މިއަދަކު އެތާގައި ފެށި ކަމެއް ކަމަކަށް ނުބެލެވެ އެވެ. އާންމު އުސޫލުން ކޮންމެ ދުވަހަކު އެތަނަށް މީހުން ވަދެ ނިކުމެ އުޅޭ ކަމުގެ ނިޝާންތައް ހުއްޓެވެ.

ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސް ކުރުން: މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ވަނީ ފެނިފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ގަދަ އޮރެންޖު ކުލައިގެ ފާރުގައި ގިނަ އަދަދަކަށް ކުރެހުމާއި ލިޔުންތައް ހުއްޓެވެ. ރަނގަޅަށް ކިޔާލުމުން އެނގުނީ، ލިޔެފައި ހުރީ އެތަން ބޭނުން ކުރުމުގެ އާންމު އުސޫލުތަކެވެ. "ތަން ސާފުތާހިރުކޮށް ބާއްވާތި،" "މީހުން ކައިރީ ލާރިއަށް ނުކިޔާތި"، "ނިމޭ އިރަށް ފައިބާ" އެފަދަ ލިޔުންތައް ފާރުގައި ލިޔެފައި ހުއްޓެވެ. އަދި ބައެއް ފާރުތަކުގައި ހަޑި ހުތުރު ބަސްތަކާއި ހަޑި ހުުތުރު ކުރެހުންތައްވެސް ކުރަހާފައި ހުއްޓެވެ.

ޑިސެމްބަރު، 19، 2019: ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސް ކުރުން: މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ވަނީ ފެނިފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ދެން ވަނީ އެ "ކެފޭ" ޖެހިގެން ހުރި ކޮޓަރިއަށެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެ ކޮޓަރީގެ ދޮރުގައި ލިޔެފައި ހުރި ލިޔުންތަކަށެވެ. އެންމެ ބޮޑުކޮށް ލިޔެފައި އޮތީ "ލޮނު ސިޓީ" މިހެންނެވެ. އެ ގޭގެ ނަމާ ގުޅުވައި، އެތަން މަޝްހޫރުވެފައި ވަނީ ލޮނު ސިޓީގެ ގޮތުގަ އެވެ. ކުރިން ވަތް ކޮޓަރީގައި ހުރި ބައެއް ލިޔުންތަކާއި އިރުޝާދުތައް ވެސް އެ ކޮޓަރީގެ ދޮރުގައި ވެސް ލިޔެފައި ހުއްޓެވެ.
"އިންޒާރު! ކޮންމެ މީހެއްވިޔަސް ނިމުނުހާ އަވަހަށް ނުކުމެގެން ދާން ޖެހޭނެ. ނޫނީ އަހަރުމެންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އަރާ ބަލާނަން" ވަކިން ބޮޅު އަޅާ އެ ދޮރުގައި ލިޔެފައިވެ އެވެ.
"މި މައްސަލަ ވަރަށް ބޮޑުވެއްޖެ. ވަރަށް ބޮޑު ވެއްޖެ. ވަރަށް ގިނަ މީހުންގެ ޝަކުވާ ލިބޭ. ވަކި ބަޔަކު މިކަމުގައި ފާހަގަ ކުރެވޭ ވަރަށް ނަން ކިޔާ. މިއީ ދެތިން ހަތަރު މީހަކު ގަދަކޮށް، ތަން އެޅި ކުނާހެން ތިބެން އޮތް ތަނެއް ނޫން،" އެ ކޮޓަރީގެ ދޮރުގައި ލިޔެފައިވެ އެވެ.

ޖެހިގެން ހުރި ކޮޓަރިއަށް ވަން ދޮރުގައި ކުރަހާފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
އެ ކޮޓަރީގައި މޭޒެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ދަބަރު ޖަހާފައި ހުރި ކުޑަ ކަބަޑެކެވެ. ތިން ގޮނޑީގެ އިތުރުން ގޮދަޑިއެއް ނެތް ދަނގަޑު އެދެއް ވެސް ހުއްޓެވެ. އެ އެނދުގައި ފިލައެއް އަޅައި ބޭނުން ކުރަމުން އަންނަނީ، އިށީންނާށެވެ. ކޮޓަރީގައި ކުޑަ ދޮރެއް ހުރި އިރު، އެ ކުޑަ ދޮރު ވަނީ ބާ ފޮތިގަނޑަކުން ނިވާ ކޮށްފަ އެވެ. އޭގެ އިތުރުން ހަލާކުވެފައި ހުރި އެއް ދޮރުލީ އަލަމާރިއެއްވެސް އެ ކޮޓަރީގައި ހުއްޓެވެ. ކުރިން ވަތް ކޮޓަރިއެެކޭ އެއްފަދައިން މި ކޮޓަރީގެ މޭޒުމަތީގައި ފޮއިލާއި "ޕައިޕް" ހުއްޓެވެ.
މާލޭގައި މިފަދަ އެތަކެއް ލޮނު ސިޓީއެއް!

ޑިސެމްބަރު، 19، 2019: ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސް ކުރުން: މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ވަނީ ފެނިފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
މިމަހު ފަސް ވަަނަ ދުވަހުން ފެށިގެން ފުލުހުން ހިންގަމުން އަންނަ މި އޮޕަރޭޝަންގައި ލޮނުމިދިލި ގެއާއެކު ޖުމްލަ ފަސް ގެެއެއް ބަލާ ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ ގެތަކުން މަސްތުވާތަކެއްޗާއެކު ޖުމްލަ 37 މީހަކު މިހާތަަށް ވަނީ ހައްޔަރުކޮށްފަ އެވެ.
ޑްރަގް އެންފޯސްމަންޓް ޑިމާޓްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު "ސަން"އަށް ވިދާޅުވި ގޮތުގައި އެ ފަސް ގެއަކީވެސް ލޮނުމިދިލިގެ ފަދައިން ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ފުޅާ ދައިރާއެއްގައި މަސްތުވުމުގެ ހިދުމަތް ދެމުން އަންނަ ތަންތަނެވެ.
"ފަސް ގެއެއްގައިވެސް ގާތްގަނޑަކަށް ކޮމަން ސެޓަޕެއް ބޭނުން ކުރަނީ. ކޮންމެ ގެއެއްގައިވެސް ވަންނަ އިން ދޮރުގައި ސެކިއުރިޓީ ލެވެލް ހައި ކޮށްފައި. ބޭރުން ނުވަދެވޭ ގޮތަށް. އެތަނުން [މަސްތުވާތަކެތި] ގަނެގެން އެތަނުން ބޭނުން ކުރެވޭ ގޮތަށް އެ ތަންތަން ތައްޔާރުކޮށްފައި މިހުންނަނީ. ހިދުމަތްދޭ ގެތަކުގެ ގޮތުގައި އެ ކޮންސެޕްޓް މިގެން ގުޅެނީ،،" ޝާކިރު ވިދާޅުވި އެވެ.

ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސް ކުރުން: މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ވަނީ ފެނިފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
އޭނާ ވިދާޅުވީ، މި އޮޕަރޭޝަންގެ މައިގަނޑު އަމާޒަކީ ގޭގެ ވެރިފަރާތް ނުވަތަ ގެ ކުޔަށް ނަގައިގެން އުޅޭ ފަރާތް ނުވަތަ އެކަމުގައި އެންމެ އިސްކޮށް އުޅޭ ފަރާތްތައް ޒިންމާ ކުރެވޭ ގޮތަށް އެމީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން ކަމަށެވެ.
ޝާކިރު ވިދާޅުވި ގޮތުގައި މިހާތަނަށް ހައްޔަރު ކުރި 37 މީހަކީވެސް ފުލުހުން އެ ޖަގަހަތައް ބަލައި ފާސްކުރި އިރު އެތަންތަނުގެ ތެރެއިން، ކުށުގެ ވެށިން ހައްޔަރު ކުރި މީހުންނެވެ. އެމީހުންގެ ތެރޭގައި ގޭގެ ވެރިފަރާތް ނުވަތަ، ކުއްޔަށް ހިފައިގެން އުޅޭ މީހުން ވެސް ތިބުން އެކަށީގެންވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.
ޝާކިރު ދެކެވަޑައިގަންނަވާ ގޮތުގައި އެހާ ހާމަކަން ބޮޑު ގޮތެގައި ގެތަކުގައި، މިހާ ފުޅާ ގޮތެއްގައި މަސްތުވުމުގެ ހިދުމަތެއް ދެމުން ގެންދަނީ، ގޭގެ ވެރިފަރާތް ނުވަތަ އެކަމުގެ "ބޮޑުންނަށް" ތިބޭ ފަރާތްތައް ގާނޫނީ ގޮތުން ޒިންމާވާން ނުޖެހޭނެ ކަމަށް އެ މީހުންނަށް ގަބޫލު ކުރެވޭތީ އެވެ.
"ގޭގެ ވެރިފަރާތުން ވެސް އެ ކުރެވެނީ ގާނޫނީ ކުށެއް. އެކަން ތަހުގީގުކޮށް އެ މީހުން ޒިންމާ ކުރެވޭނެ،" ޝާކިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިފަދަ އިތުރު ގެތަކުގެ މައުލޫމަތު މިހާރު ވެސް ވަނީ ފުލުހުންނަށް ލިބިފަ އެވެ. މިފަދަ ހާލިތައް ހުއްޓުމަކަށް ގެނައުމުގެ އޮޕަރޭޝަންތައް ކުރިއަށް އޮތްތާގައިވެސް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ޝާކިރު ދެއްވި އެވެ. އަދި އެފަދަ ތަނެއް ފާހަގަވާ ނަމަ ރިޕޯޓް ކުރުމަށް ވެސް އާންމުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
ޑްރަގާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންގައި ފުލުހުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އެ މީހުން ބޭނުންވަނީ ޑްރަގުގެ އެ ވިޔަފާރި އެކީ ހަލާކުކޮށް މުލުން ލުހެލާށެވެ.