ބުރިޖުމަތީގައި ގިނަ ކާރުތަކެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ބްރިޖުމަތީގައި ހިނގާފައިވާ އެކްސިޑެންޓްގެ ބައެއް ފޮޓޯތައް ސޯޝިއަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު ކާރުތައް ވަނީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖުން ފައިބާ ހިސާބު ބޮޑުތަކުރުފާނު މަގުގަ އެވެ.

މަންޒަރު ދުއް މީހަކާ ހަވާލާދީ އެ ސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިޔާ ބުނީ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓުގައި މުޑިއެރި ކާރެއް --- ސަންފޮޓޯ/ މުޒައްޔިނު ނާޒިމް

އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އޭނާއަށް މިހާތަނަށް ފެނުނު އެންމެ ނުރައްކާތެރި އެކްސިޑެންޓް ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ ތިން ކާރާއި ސައިކަލު ތަކެއް މުޑިއަރައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކްސިޑެންޓް ހިނގި ވަގުތު ބާރު އަޑުފައްގަނޑާއި އެކު މީހުންގެ ހަޅޭކުގެ އަޑު އިވުން ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.