އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވެނަތަމް ޕިއްލޭ އިސްލާމް ދީނާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރައްސާރަކޮށް ދީނުގެ ހައްދުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާތީ، އެކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، ދިވެހި ދއުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމް ގާއިމް ވެފައި އޮންނަންވާނީ އިސްލާމީ ޝާރީއަތާ ހިލާފު ނުވާ ގޮތެއްގެ މަތިން ކަމަށް ގާނޫނު އަސީގައި ބަޔާންކޮށްފައި ވާއިރު، ރާއްޖޭގައި އިސްލާމް ދީނާ ހިލާފު އެއްވެސް ކަމަކަށް ފުރުސަތު ދެވިގެން ނުވާނެކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ.

"ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދީފައި ވަނީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާހާ ހިނދަކު ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނިކޮށް. އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް ޕިއްލޭ ވާހަކަ ދެއްކުމަށް ހުއްދަ، ނުވަތަ ޝުއޫރު ފާޅު ކުރުމުގެ ހުއްދަ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމީ ދެބަސް ވެވެންނެތް ހަގީގަތެއް،" އަފްރާޝީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދީނީ ގޮތުން ރައްޔިތުންގެ މެދުގައި ހިލާފު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ ވެސް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އަދި ދީނާ ހިލާފު ވާހަކަ ދައްކާ ފަރާތްތަކަށް އަދަބު ކަނޑައަޅުމުން ގެންދަނިކޮށް، ރާއްޖެއަށް އައިސްގެން އުޅޭ ވަކި މީހަކަށް ހިތުހުރި ގޮތަކަށް ރާއްޖޭގައި ދީނީ ވާހަކަ ދެއްކެވެންވީ ސަބަބެއް ނެތް ކަމަށެވެ.

އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ޕިއްލޭ ވާހަކަތަކެއް ދައްކާފާއިވާ އިރު ވެސް ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ އިސްލާމްދީނާ ގާނޫނު އަސާސީ ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ކަމަށް ވެސް އަފްރާޝީމް ވިދާޅުވި އެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރަންފެނޭތޯ ވޯޓަށް އެއްސެވުމުން، ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 41 މެންބަރުން މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އެ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ހަމައެކަނި ވޯޓު ދެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

ކުއްލި މައްސަލަ ހުށަހެޅުމަށް ފުރުސަތު ދެއްވުމުގެ ކުރިން 2012 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒަށް މަޖިލީހުގެ ރައީސް ފުރުސަތު ދެއްވުމުން ނިޒާމީ މައްސަލަ ނަންގަވައި އިދިކޮޅު މެންބަރުން ވިދާޅުވީ މަޖިލީހުގެ ރައީސް އެކަން ކުރައްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ނިޒާމީ މައްސަލަތަކުގައި ބައިގަޑިއިރު ވަންދެން މަޖިލީހުގެ ރައީސާއި މެންބަރުންނާ ދެމެދު ހޫނު ބަހުސެއް ކުރިއަށް ދިޔަ އެވެ. ނަމަވެސް ކުއްލި މައްލައަށް މަޖިލީހުގެ ރައީސް ފުރުސަތު ދެއްވީ ބަޖެޓް ހުށަހަޅުއްވައި ނިންމެވުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި މެންބަރުންނާ މުހާތަބު ކުރައްވައި ޕިއްލޭ ވަނީ ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އަންހެނުންގެ ޝަރަފަށް އުނިކަން ލިބޭ ކަމެއްކަމަށް ވިދާޅުވެ އިސްލާމީ ޝަރީއަތާ ހިލާފަށް ވާހަކަފުޅު ދައްކަވައިފަ އެވެ.