19 Dec 2019, 23:54
ފުލުހުން މިރޭ ހިންގި އޮޕަރޭޝަންގައި ބައި ލައްކައެއްގައި ރުފިޔާއާއި މަސްތުވާތަކެއްޗާއެކު އަށް މީހަކު މ. ލޮނުމިދިލި ގެއިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހަތަރު ކުޑަކުދިންނާއި ދެ ދިވެހި ފިރިހެނުން، އަދި ދިވެހި އަންހެނަކާއި އެކު ބިދޭސީ ފިރިހެނެއް ކަމަށެވެ. އެގެއިން ހޯދާފައިވަނީ މަސްތުވާތެކެތި ކަމަށް ބެލެވޭ 20 ރަބަރު ޕެކެޓާއި އެކި އެކި ގައުމުތަކުގެ ފައިސާއެވެ. އެގޮތުން އެ ފައިސާގެ ޖުމްލަ އަދަދު 41،127 ރުފިޔާއަށް އަރައެވެ.
ލޮނުމިދިލި ގެއިން ހޯދި ފައިސާތަކުގެ ތަފްސީލު:
ދިވެހި ރުފިޔާ: 38،715
- އެމެރިކާ ޑޮލަރު: 142
- ޗައިނީސް ޔުއާން: 15
- ސިންގަޕޫރު ޑޮލަރު: 10
- ތައި ބާތް: 40
- ކުވެއިތް ދީނާރު: 1
- ސައުދީ ރިޔާލް: 1
- ދިވެހި ކުރީގެ ރުފިޔާ: 5
ފުލުހުން ބުނި ގޮތުގައި، ފައިސާތައް ފެނިފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުދިން ދިރިއުޅޭ ކޮޓަރި ތެރެއިން، އެތަނުން ކުއްޖެއްގެ ވޮލެޓް ތެރެއިނެވެ.

ޑިސެމްބަރު، 19، 2019: ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސް ކުރުން: މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ވަނީ ފެނިފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ފުލުހުން މި އޮޕަރޭޝަންގައި ވަނީ އިތުރު ހަތަރު ގެއެއް މީގެ ކުރިން ބަލާ ފާސްކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި، މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ފެށި އެ އޮޕަރޭޝަންގައި މިހާތަނަށް ބަލާ ފާސްކުރި ފަސް ގެއަކީވެސް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއް ގެތައް ކުއްޔަށް ހިފައިގެން "ކެފޭގެ އުސޫލުން" މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ހިދުމަތް ދެމުން އަންނަ ގެތައް ކަމަށެވެ.
"މި އޮޕަރޭޝަންތަކީ، އެ ތަނުގެ ވެރިފަރާތް ޒިންމާދާރުކުރުމަށް ނުވަތަ ޖިނާއީ ތަހުގީގު ހިންގައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި، ހިންގާ އޮޕަރޭޝަންތަކެއްކަން ފާހަގަ ކުރަން" ފުލުހުން ބުންޏެވެ.
ލޮނުމިދިލިގެ އިތުރުން ބަލާ ފާސްކުރި ގެތަށް ހައްޔަރު ކުރި މީހުންގެ އަދަދާއި ތާރީހާއެކު:
ޑިސެމްބަރު 5: މ. ފެޝަންމީޑާ - 11 މީހުން
- ޑިސެމްބަރު 12: މ. ނަދީއިރުމަތީބައި - 4 މީހުން
- ޑިސެމްބަރު 16 ހ. ވެލިރަންގެ - 10 މީހުން
- ޑިސެމްބަރު 18: ގ. މެމޮރީވިލާ - 4 މީހުން
މިރޭ ލޮނުމިދިލި ގެއިން ހައްޔަރު ކުރި އަށް މީހުންނާއެކު ފުލުހުން ވަނީ މި އޮޕަރޭޝަނުގައި ޖުމްލަ 37 މީހަކު ހައްޔަރުކޮށްފަ އެވެ.

ޑިސެމްބަރު، 19، 2019: ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސް ކުރުން: މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތަކެއް ވަނީ ފެނިފައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
މަސްތުވާތަކެތީގެ ގާނޫނު ބުނާގޮތުން އެއްވެސް ތަނެއްގައި ޖަދުވަލު އެކެއް އަދި ޖަދުވަލު ދޭގައި ވާ މަސްތުވާއެއްޗެއް ޓްރެފިކްކުރަން ނުވަތަ ޕެޑްލްކުރަން ނުވަތަ އުފައްދަންވިޔަސް ހުއްދަ ދިނުމާއި ހުއްދަ ކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އަދި އެއްވެސް ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާނެ ކަމަށް ގަބޫލު ކުރެވޭ ހާލު ނުވަތަ އެފަދަ ކަމަކަށް ޝައްކު ކުރެވޭ ހާލަތުގައިވެސް އެތަނުގައި ބަޔަކު އުޅެން ހުދަ ދިނުމަކީ ކުށެއް ކަމަށް މަސްތުވާތަކެތީގެ ގާނޫނުގައި ބުނެފައިވެ އެވެ. އެ ކުށުގެ އަދަބަކީ ދެ އަހަރަށް ޖަލަށް ލުމެވެ.