އިސްލާމް އާބާދު (ޑިސެމްބަރު 19): ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފްގެ މައްޗަށް މަރުގެ ހުކުމް ކުރުމުން އެކަމާމެދު ހިތާމަ ކުރާކަމަށް އެގައުމުގެ ސިފައިން ބުނެފި އެވެ.

ކުރިން ސިފައިންގެ އިސް ކޮމާންޑަރަކަށް ހުންނެވި މުޝައްރަފްގެ މައްޗަށް މަރުގެ ހުކުމް އިއްވުމާ ގުޅުގެން ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާއިން ނެރުނު ބަޔާނެއްގައި މުޝައްރަފްގެ މައްޗަށް ކޮށްފައިވަނީ އިންސާފުވެރި ހުކުމެއް ނޫންކަމަށް ބުނެ އޭނާއަށް އިންސާފު ލިބެންޖެހޭނެކަމަށް ބުނެފައިވެ އެވެ. އެ ބަޔާނުގައި މުޝައްރަފް ކުރައްވާފައިވާ ކުށަށް ވުރެ ބޮޑަށް ބަލާފައިވަނީ އޭނާގެ ހިދުމަތްތަކަށެވެ.

މިގޮތުން މުޝައްރަފަކީ އެގައުމުގެ ސިފައިންގެ މަތީ ރޭންކްތަކުގައާއި ސިފައިންގެ އިސް ކޮމާންޑަރު ކަމުގެ އިތުރުން ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ކޮމިޓީގެ ރައީސްގެ ހައިޘިއްޔަތުން 40 އަހަރަށްވުރެ ދިގުމުއްދަތަކަށް ގައުމަށް ޚިދްމަތް ކުރައްވައި ގައުމުގެ ދިފާއުގައި ދުޝްމަނުންނާ ހަނގުރާމަ ކުރައްވާފައިވާ ފަހުލަވާނެއްކަން ފާހަގަ ކޮށްފައިވެ އެވެ.

ޕާކިސްތާނަކީ އެގައުމުގެ ސިފައިންގެ މުއައްސަސާގެ ބާރުވަރަށް ގަދަ ގައުމެކެވެ. ޕާކިސްތާނުގެ ސިޔާސަތަށްވެސް ސިފައިން ބާރު ފޯރުވާއިރު މުޝައްރަފް ފަދަ ސިފައިންގެ އިސް ކޮމާންޑަރުންގެ ގޮތުގައި ތިއްބެވި އެތަށް ބޭފުޅަކު ޕާކިސްތާނުގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލައި އަސްކަރީ އިންގިލާބުތައް ގެނަސް ވެރިކަމަށް އަތްގަދަކޮށްފައިވެއެވެ.

1947 ގައި ޕާކިސްތާން މިނިވަން ގައުމެއްގެ ގޮތުގައި އުފެދުމަށްފަހު މިވީ 70 ވަރަކަށް އަހަރުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުއްދަތުގައި އެގައުމުގައި ވެރިކަން ކޮށްފައިވަނީ ސިފައިންގެ އިސްވެރިންނެވެ. ޕާކިސްތާނުގައި ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކަށް ވެރިކަމުގައި އޮވެވެނީ އެގައުމުގެ ސިފައިންގެ ތާއީދާ އެކުގައެވެ. އެހެންކަމުން ޕާކިސްތާން ސިފައިންގެ އިސް ކޮމާންޑަރަކަށް ހުންނެވި ބޭފުޅެއްގެ މައްޗަށް މަރުގެ ހުކުމެއް އިއްވުމަކީ އެގައުމުގެ ބާރުގަދަ ސިފައިންގެ މުއައްސަސާއަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް މުރާސިލުން ބުނެއެވެ.

މިދިޔަ ހޯމަ ދުވަހު ޖެނެރަލް މުޝައްރަފުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ގައުމަށް ޣައްދާރުވިކަމުގެ ތުހުމަތުގައި އޭނާއާއި ދެކޮޅަށް ޝަރިއަތް ހިންގުމަށް އެކުލަވާލި 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ބެންޗަކުންނެވެ. މުޝައްރަފަކީ ގައުމަށް ޣައްދާރުވުމާއި ގާނޫނުއަސާސީއާ ހިލާފުވުމުގެ ކުށުގައި ޕާކިސްތާނުގައި ޝަރީއަތް ހިންގައި އެކަން ސާބިތުވުމާއެކު މަރުވެ ހުކުމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޕާކިސްތާނުގެ ފުރަތަމަ އަސްކަރީ ލީޑަރެވެ. މިއީ ޕާކިސްތާނުގެ ބާރުގަދަ ސިފައިންނަށް ގަބޫލުކުރަން ފަސޭހަކަމެއް ނޫންކަމަށް މުހައްލިލުން ދެކެއެވެ.

މުޝައްރަފު މެރުމަށް 3 ފަނޑިޔާރުންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. 2016 ވަނަ އަހަރު ޕާކިސްތާން ދޫކުރައްވައި ދުބާއި އަށް ފުރާވަޑައިގެންނެވި ގޮތަށް މުޝައްރަފް އާއި އޭނާގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއީގައެވެ. މަރުގެ ހުކުމަށްފަހު މުޝައްރަފް ވަނީ އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އިންކާރުކުރައްވައި އަދި އޭނާގެ މައްޗަށް ކޮށްފައިވަނީ ބޭއިންސާފު ހުކުމެއްކަމަށް ވިދާޅުވެ ކުރު ބަޔާނެއް ދެއްވާފައެވެ.

ޖެނެރަލް ޕަރްވޭޒް މުޝައްރަފު އަސްކަރީ އިންގިލާބެއްގައި އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު މަގާމުން ދުރުކުރުމަށްފަހު ޕާކިސްތާނުގެ ވެރިކަމަށް އަމިއްލައަށް އިސްވެ ވަޑައިގެންފައިވަނީ 1999 ވަނަ އަހަރުއެވެ. ޕާކިސްތާނުގެ ސިފައިންގެ ވެރިއަކަށް ހުންނެވި ޖެނެރަލް މުޝައްރަފް އާއި އޭރު ބޮޑުވަޒީރަކަށް ހުންނެވި މުހައްމަދު ނަވާޒް ޝަރީފާ ދެމެދު ދެބަސްވުން އުފެދި އިންގިލާބު ގެނަސް ގައުމުގެ ވެރިކަމަށް އައުމުގެ ވިސްނުމާ ދިމާއަށް އޭނާ އެނބުރުނީ 1998 ގައި، އިންޑިއާއާ އެކު ޕާކިސްތާނުން ކުރި ކަރުގީލް ހަނގުރާމައިގެ ދުވަސްވަރުގައެވެ. (ނޫސްއެޖެންސީތައް)