ހުކުރު ދުވަސް ހާއްސަވާ އެއް ސަބަބަކީ ކުކުޅު ރިހަ އެވެ. ނިކަން ފެންވަރުގައި އާންމުކޮށް ހުރިހާ ގެއެއްގައިހެން ކުކުޅު ރިހައެއް ތައްޔާރުކޮށްލާއިރު، ގިނަފަހަރު އޮންނަނީ ކެއްކިލެއް ގިނަކަމުން ހުސްނުވެފަ އެވެ. އިސްރާފް ކުރުމަކީ އެއްވެސް ގޮތަކުން ރަނގަޅު ކަމަކަށް ނުވާއިރު، ރިހަތެލި ގިނަވިޔަސް، އުކާލާނެ ކަމެއް ނެތެވެ. އެ މީރު ރިހަައިން ކުރެވިދާނެ ލައްކަ ގިނަ ކަމެއް އެބަހުއްޓެވެ.

1. ހޫނު ކޮށްފައި އަނެއް ދުވަހު ހެނދުނު ސަޔަށް

ރޮށްޓާއި ރިހައަކީ އަހަރެމެންގެ ހެނދުނުގެ ނާސްތާގައި ކައިއުޅޭ އެއް ބާވަތެވެ. އެހެންކަމަށްވާނަމަ، ހުކުރު ދުވަހުގެ ރޭ ނިދަން އޮށޯންނަމުން ރިހަ ތެލި އެންމެ ރަނގަޅަށް ހޫނުކުރުމަށްފަހު އުނދުން މަތީގައި މަތިޖަހާފައި ބަހައްޓާށެވެ. ހެނދުނުގެ ސަޔަށް ހުންނާނީ ހަމަ ނިކަން ރަހަ ހެޔޮވަރުކޮށެވެ. ބަނަހާއި އެކީގައިވިޔަސް، ނޫނީ ޕާނާއި އެކީގައިވެސް ކުކުޅު ރިހަ ހަމަ ވަރަށް މީރުވާނެ އެވެ.

2. ކުކުޅު ކޮއްތުރޮށި

ކޮއްތުރޮށްޓަކަށް ނޫނެކޭ ބުނާނީ ކާކު ހެއްޔެވެ. ސްރީލަންކަން މި ކެއުމަކީ މިހާރު އަހަރެމެން ދިވެހިންނަށްވެސް ހަމަ އެއްވަނައިގެ ކެއުމެކެވެ. ހޫނު ކޮށްފައި ބެހެއްޓި ކުކުޅު ރިހަ ތެލީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ އެއްގޮތަކީ މިއީ އެވެ. ފިޔާ، ތަރުކާރީ ހެޔޮވަރުވަރަކަށް ތެޔޮކޮޅެއްގައި ރޯފިލުވުމަށްފަހު ރިހައާއި ރޮށްޓާއި، ކުކުޅުބިސް އަދި ބޭނުންނަމަ ޗީޒްވެސް އަޅައިން މިއޮތީ ރަނގަޅު ކޮއްތުރޮށްޓެއް ހެދުމުގެ ފުރުސަތެވެ.

3. މެކްސިކަން ޑިޝްއަކަށްވެސް ހަމަ ބަރާބަރު!

ބާކީ ހުންނަ ކުކުޅުރިހައިން ތައްޔާރުކޮށްލެވޭނެ ތަފާތު އެއްބާވަތަކީ މެކްސިކަން ޑިޝްއެވެ. ރިހައިގައި ހުންނަ ކުކުޅުކޮޅުތަކާއި، އެކި ވައްތަރުތަކުގެ ޗީޒްބޭނުން ކޮށްގެން ނާޗޯޒް އާއި ޓަކޯސްވެސް ތައްޔާރުކޮށްލެވިދާނެ އެވެ. ނޫންނަމަ ޓޯޓިލާ ޗިޕްސް އާއި ކުޑަ ރިހަދިޔަކޮޅަކާއި އކީ ފިހެލާ، ބީންސް އަދި ފްރެޝް ތަރުކާރީ ބޭނުންކޮށްގެން ޓޮޕިންގްސް ކޮޅެއްވެސް ތައްޔާރުކޮށްލެވިދާނެއެވެ. ކުޑަކުދިންނަށްވެސް އަދި ފެމިލީ މީލްއަކަށްވެސް ކަމުދާނެއެވެ.

4. ފްރިޖުގައި ބަހައްޓާނަމަ ނިކަން ސަމާލުވާތި

ކައްކާއިރު ނުވަތަ ކައި ނިމިގެންވެސް ބާކީ މާ ގިނަވެއްޖެނަމަ ފްރިޖްގައި ބެހެއްޓުމަކީވެސް އެއްބަޔަކު ކޮށްއުޅޭ ކަމެކެވެ. އެހެެންނަމަވެސް ފްރިޖުގައި އެންމެ ގިނަވެގެންވެސް ބަހައްޓަންވާނީ ދެ ދުވަހެވެ. އަދި ރިހައަޅާފައި ބަހައްޓާ ކޮންޓެއިނަރަކީ އެއާ ޓައިޓް އެއްޗަކަށްވުން މުހިންމެވެ. އަދި ފްރިޖުން ނެގުމަށްފަހު ބޮކި އަރަންދެން ކައްކަން ހަނދާން ބަހައްޓަންވާނެ އެވެ.

މި ނޫނަސް ކުކުޅު ރިހައިން ތައްޔާރުކުރެވިދާނޭ ތަފާތު ބާވަތްތަކެއް އެބަހުއްޓެވެ. އަދި އުކާނުލާ އިތުރު އެއްދުވަހަށް ބޭނުންކުރެވިދާނޭ ގޮތްތަކެއްވެސް އެބަހުއްޓެވެ. މިއަދު ތިގޭގައި ރިހަކޮޅެއް ބާކީވެއްޖެނަމަ މިކަހަލަ ކޮންމެވެސް ތަފާތު އެއްޗެއް ހަދާލުން ކިހިނެއް ވާނެ ހެއްޔެވެ؟