20 Dec 2019, 09:21
ކުއާލަލަންޕޫރު (ޑިސެމްބަރު 19): މެލޭޝިއާގެ ކުއާލަލަންޕޫރުގައި މިއަދު ފެށި އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ އައު ސްޓްރެޓެޖީތަކެއް އެކުލަވާލުމުގެ ބައްދަލުވުމެއްކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި ބައްދަލުވުން އިފްތިތާހު ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަހާތީރު ވިދާޅުވީ މިއީ އިސްލާމީ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާ ކުރިމަތިލުމުގައި އިސްލާމީ ގައުމުތައް މުސްލިމުންގެ ގައުމީ އަދި ދީނީ މަސްލަހަތަށް ބަލައިގެން ބައިނަލްއަގްވާމީ މުޖްތަމައުގައި ހަރަކާތްތެރިވާނެ ގޮތްތަކެއް ކަނޑައަޅައި އެގޮތަށް ހަރަކާތްތެރިވުމަށް ބާއްވާ ތަފާތު ބައްދަލުވުމެއްކަމަށެވެ. އެ ބައްދަލުވުމުގައި އިސްލާމީ ގައުމުތަކުގެ ވެރިންނާއި މަންދޫބުންގެ އިތުރުން އިސްލާމީ މުފައްކިރުންނާއި އެކި އިލްމުތަކުގެ ދަންނަބޭކަލުން ހިމެނިވަޑައިގަންނަވާ ކަމުގަ އެވެ.

ކުއާލަލަންޕޫރުގެ އިސްލާމީ ސަމިޓްގައި އުރުދުޣާން ވަހަކަ ދައްކަވަނީ
ކުއާލަލަންޕޫރު ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަޥާނެކަމުގެ ޔަގީންކަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ދެއްވިނަމަވެސް ސައޫދީ އަރަބިޔާގެ ފިއްތުންތަކާ ގުޅިގެން އިމްރާންޚާން ވަނީ އެންމެފަހުވަގުތު އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެންފައެވެ. ސައޫދީ އަރަބިޔާ ދެކެނީ މަހާތީރު އިސްނަންގަވައިގެން ބާއްވާ އިސްލާމީ ގައުމުތަކުގެ މިބައްދަލުވުމަކީ އިސްލާމީ ދުނިޔޭގައިވާ ސައޫދީގެ ބާރާއި ނުފޫޒު ކުޑަކުރުމަށް ނޫނީ އިސްލާމީ އުންމަތުގައި ސައޫދީ އަދާކުރާ ލީޑު ރޯލަށް ގޮންޖެހުމަށް ބާއްވާ ބައްދަލުވުމެއްކަމުގައެވެ. އެހެންކަމުން މިބައްދަލުވުމުގައި ބައިވެރިވުމަށް ސައޫދީ ރަސްގެފާނަށް ދިން ދައުވަތު އޭނާވަނީ ގަބޫލުނުކުރައްވާފައެވެ.
ދާދިދަހުން އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި މަހާތީރުވަނީ ސައޫދީގެ މިހާރުގެ ސިޔާސަތުތަކަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފައެވެ. މިގޮތުން މަހާތީރުވަނީ ފަލަސްތީނުގެ މައްސަލައާއި ރޮހިންގްޔާ މައްސަލައާއި ކަޝްމީރުގެ މައްސަލައާއި އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތައް ފަދަ ކަންކަމާއި ޗައިނާގެ ވީގޫރު ދަރިކޮޅުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ އަނިޔާތަކާ އަދި އިންޑިއާގެ މުސްލިމުންގެ ރަށްވެހި ކަމުގެ ހައްގުތަކަށް އިންޑިއާ ސަރުކާރުން ފާޅުގައި އަރައިގަންނަމުންދާ މައްސަލަފަދަ މައްސަލަތަކަކީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ އޯއައިސީ އަށް ކުރިމަތި ނުލެވޭކަމަށް އިޝާރާތް ކުރައްވާފައެވެ.

ކުއާލަލަންޕޫރުގެ އިސްލާމީ ސަމިޓްގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ވާހަކަ ދައްކަވަނީ
މި މައްސަލަތަކާ ކުރިމަތިލުމުގައި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ އެޖަމްއިއްޔާ ނުލައިވެސް އިސްލާމީ ގައުމުތަކުން އިސްލާމީ އުންމަތުގެ މައްސަލަތައް ހައްލުކުރުމުގެ އައު ސްޓްރެޓެޖީތަކެއް އެއް ކަނޑައަޅަން ޖެހިފައިވާ ކަމަށް މަހީތީރުވަނީ ވިދާޅުވެފައެވެ. މިގޮތުން އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަން ގެއްލި ދޭދޭ އިސްލާމީ ގައުމުތަކުގެ މެދުގައި ފިތްނަ އުފެދި އިސްލާމީ ބައެއް ގައުމުތަކުން ހުޅަނގުގެ ދަށު ވެފައިވާކަމަށް މަހާތީރުވަނީ އިޝާރާތް ކުރައްވާފައެވެ.
ސައޫދީގައި މަރުކަޒު ހުންނަ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) އަކީ ސައޫދީ ސަރުކާރުގެ ބާރާއި ނުފޫޒުގެ ދަށުގައިވާ ޖަމްއިއްޔާ އެއްކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ދެކެއެވެ. މަހާތީރުގެ ވާހަކާގައި ގައުމެއްގެ ނަން ވިދާޅުނުވެ މިފަދަ އެތަށް ކަމަކަށް ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވާފައެވެ.
އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ފަހަތުގައި އިސްލާމީ ބައެއް ގައުމުތައްވާއިރު އޭގެތެރޭގައި ސައޫދީ ވާކަމުގެ ތުހުމަތުވަނީ ކުރެވިފައެވެ. އަދި ސައޫދީއާއި ޔޫއޭއީން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގަތުމުގެ ނަތީޖާއެއްގެ ގޮތުން ޔަމަން މުޅިން ހަލާކުވެ އެގައުމުގެ ރައްޔިތުންވަނީ ހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށްވެފައެވެ. އެމެރިކާއިން ފަލަސްތީނުގެ ހައްގުތަކާއި ގުދްސަށް ބޭނުންގޮތެއް ހަދަމުން ގެންދާއިރު ސައޫދީގެ ނުފޫޒު އޮންނަ އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ) ވަނީ ނިދާފައި ކަމުގެ ތުހުމަތު އެޖަމްއިއްޔާގެ މައްޗަށްވަނީ ކުރެވިފައެވެ.
ކުއާލަލަންޕޫރުގައި މިއަދު ފެށި އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި 18 ގައުމު ބައިވެރިވުމަކީ ބޮޑުކާމިޔާބީއެއްކަމަށް އެ ސަމިޓްގައި ބައިވެރިވި އިސްލާމީ ބޮޑެތި ބައެއް ގައުމުތަކުގެ އިސްވެރިން ވިދާޅުވިއެވެ. މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި އިސްލާމީ ބޮޑެތި ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި އީރާނުގެ ރައީސް ހަސަން ރޫޙާނީ ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދުއާއި އިސްލާމީ އެންމެ ބޮޑު ގައުމުކަމަށްވާ އިންޑޮނީޝިއާއާއި މެދުތެރޭ އޭޝިއާގެ އިސްލާމީ ގައުމުތަކުގެ ދެވަނަ ދަރަޖައިގެ ވެރިން މިސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިސަމިޓްގައި އިސްލާމީ ބައެއް ގައުމުތަކުން ބައިވެރިވެވަޑައިނުގަތީ ސައޫދީގެ ފިއްތުންތަކާ ގުޅިގެންކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ސައޫދީ އަކީ އެގައުމުގައި އިސްލާމީ އެންމެ އިސް ދެ ހަރަމްފުޅު ހުރުމުން އިސްލާމީ ގައުމުތަކުގެ މައްޗަށް ޚާއްސަ ބާރަކާއި ނުފޫޒެއް ހިންގުމުގެ ފުރްސަތު ލިބިފައިވާ ގައުމެކެވެ. މީގެއިތުރުން ސައޫދީއަށް ލިބިފައިވާ ތެލުގެ މުއްސަނދިކަމާއެކު އިސްލާމީ ގައުމުތަކަށް ދޭ ފައިސާގެ އެހީތަކާއި ލޯންއެހީތަކަކީވެސް އެގައުމުތަކަށް ސައޫދީ ގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާ ކަމެކެވެ.
ކުއާލަލަންޕޫރުގެ އިސްލާމީ ސަމިޓަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން އެންމެ ފަހުވަގުތު ޙާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަތްކަމަށް ބެލެވެނީވެސް މިސަބަބާ ހެދިއެވެ. އިމްރާންޚާން އަކީ މަހާތީރާއި ތުރުކީގެ ރައީސް އުރުދުޣާން އާ ގުޅިގެން ކުއާލަލަންޕޫރުގެ ސަމިޓަށް ތައްޔާރުވުމުގައި އިސް ދައުރެއް އަދާކުރެއްވި އިސްލާމީ ލީޑަރެކެވެ. އިމްރާންޚާން ސަމިޓަށް ވަޑައިގަތުމަށް އުޒުރުވެވެވަޑައިގަތީ ސައޫދީ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލިއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ފޯން ކޯލަކަށްފަހުގައި ކަމަށްވެއެވެ. ސައޫދީ އާއި ޔޫއޭއީ އަކީ ޕާކިސްތާނުގައި 40 އަށްވުރެ ގިނަ ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކަކަށް ހިލޭ އެހީއާއި ލޯން އެހީ ދެމުން ގެންދާ ދެގައުމެވެ.
ކޮރަޕްޝަންގެ މައްސަލައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގަކީ ސައޫދީ އާއި އާދަޔާ ޚިލާފު މާލީ ގުޅުންތަކެއް ބޭއްވި ލީޑަރެކެވެ. ނަޖީބަށް ލިބިވަޑައިގެންނެވި އެތަށް މިލިޔަން ޑޮލަރަކީ ސައޫދީ ޝާހީ އާއިލާއިން އޭނާއަށް ދިން ހަދިޔާއެއްކަމަށް 2017 ވަނައަހަރު ނަޖީބް ވިދާޅުވި މައްސަލަ މެލޭޝިއާގައި ހޫނުވެގެން ދިޔައެވެ. ނަޖީބުގެ ވެރިކަން ވެއްޓުމަށްފަހު މެލޭޝިއާއި ސައޫދީގެ ގުޅުންތަކަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)