19 Dec 2019, 20:29
ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިއްޔެ ދެކޮޅު ހެދި އާއިލާއެއްގެ ކުދިންތަކަކަށް މިހާރު ވެކްސިން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ވެކްސިން ދިނުމަށް އެ އާއިލާއިން ދެކޮޅު ހެދުމުން އެމީހުން ފުލުހުންގެ މަރުކަޒަކަށް ހާޒިރުކޮށް ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާއި ގުޅިގެން ނަސޭހަތްތެރި ވުމުން ކުދިންނަށް ވެކްސިން ދޭން އެ އާއިލާއިން އެއްބަސްވި ކަމަށެވެ.
އެގޮތުން ވެކްސިން ނުދީ ތިބި ތިން ކުއްޖަކަށް މިހާރު ވެކްސިން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ހަތަރު އަހަރުގެ ފިިރިހެން ކުއްޖަކާއި، ދެ އަހަރުގެ ފިރިހެން ކުއްޖަކާއި އެއް މަހުގެ އަންހެން ކުއްޖެ ކަމަށް ފުލުހުން ބުންޏެވެ.
އެކުދިން އަދި އެ އާއިލާއަކީ ކޮން ރަށެއްގެ ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން އިއްޔެ ވަނީ ރ.މަޑުއްވަރީގައި ދީނީގޮތުން ހައްދު ފަހަނައެޅި ހަރުކަށި މީހުންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ. އެމީހުންގެ ތެރޭގައި ކުޑަކުދިންނަށް ވެކްސިން ދޭން ދެކޮޅު ހަދާ މީހުން ތިބި ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.
ދާދި ފަހުން ތަސްދީގު ކުރެވުނު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ބިލުގައި ވާގޮތުން ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށާއި، އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމަކީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.