28 Nov 2011, 10:59
އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގެ ޖުމްލަ 14.7 ބިލިއަނަށް އަރާ އިރު ދައުލަތުގެ ދަރަނި އަންނަ އަހަރު ގާތްގަނޑަކަށް 3.8 ބިލިއަނަށް އަރާނެ ކަމަށް ބަޖެޓު ފޮތުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒުގެ މިނިސްޓަރު ކަމުގައި ފުރަތަމަ އެކުލަވާލި، 2012 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާފައިވާ އިރު ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ 2012 ވަނަ އަހަރުގެ ބަޖެޓު ފޮތުން ދައްކާ ގޮތުން އަންނަ އަހަރު 10.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، ހަރަދުގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެ އެވެ.
އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ ވެސް ދަރަނި އަދި، އެ ދަރަނި 3.8 ބިލިއަނަށް އަރާ ބަޖެޓެކެވެ.
މި އަހަރުގެ ބަޖެޓަކީ 12.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓް ވެސް 3.5 ބިލިއަނަށް އަރާ އިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުކޮށްފައި އޮތީ 8.76 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ވެސް ދަރަނި ފޫބެއްދުމަށް ބޭރުގެ ލޯނު އެހީ އާއި ބަޖެޓް ސަޕޯޓު ފައިސާ އާއި ޕްރައިވެޓައިޒޭޝަންގެ ފައިސާ އާއި ޑޮމެސްޓިކް މާކެޓްގައި ޓްރެޒަރީ ބިލާއި ބޮންޑް ވިއްކަން ނިންމާފައިވާ ކަމަށް ފައިނޭންސް މިނިސްޓްރީން ބުންޏެވެ.
ޓްރެޒަރީ ބިލާއި ބޮންޑް ވިއްކައިގެން 2012 ވަނަ އަހަރު 727.8 މިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އިނާޒުގެ ވާހަކައިގައި އޭނާ ވިދާޅުވީ ލިބޭ އެއްޗަކާއި ކުރާ ހަރަދު އެއްވަރު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަހަރު ދައުލަތުގެ ރިކަރަންޓް ހަރަދުތަށް ލިބޭ އެއްޗަކުން ހަމަޖެއްސުމަށް އިސްކަން ދެއްވާފައިވާ ކަމަށެވެ.
އަންނަ އަހަރު ވެސް ބޮޑު ހަރަދެއް ހިނގާނީ ރިކަރަންޓް ހަރަދަށެވެ. އެ ދާއިރާ އަށް 10.7 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެއީ ބަޖެޓުގެ 62.6 ޕަސެންޓެވެ. ކެޕިޓަލް ހަރަދަށް 6383.6 މިލިއަން ރުފިޔާ ހަރަދުވާ އިރު އެއީ ބަޖެޓުގެ 37.4 ޕަސެންޓެވެ.
ކަރަންޓް އެކައުންޓް ޑެފިސިޓް މި އަހަރު 26 ޕަސެންޓްގައި ހުރި ނަމަވެސް އަންނަ އަހަރު 28 ޕަސެންޓަށް އިތުރުވާނެ އެވެ.
ލޯނު އަނބުރާ ދެއްކުމަށް ސަރުކާރުން އަންނަ އަހަރު 2341.1 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރާނެ އެވެ. އަދި ތައުލީމަށް ވެސް 2183.5 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އަދި ސިއްހަތަށް ވެސް 735.7 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރާނެ އެވެ.
އަދި އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާ ކުރާނީ އަލަށް ތައާރަފްކުރި އެކި ޓެކްސްތަކުގެ ގޮތުގަ އެވެ.
ބަޖެޓާ މެދު މަޖިލީހުގެ ފުލޯގައި ބަހުސްކުރުން އޮންނާނީ އަންނަ މަހުގެ ފަހަކުން ހަތަކަށެވެ.