ސިއްހީ ދައިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅު ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ފަސޭހަ ކަމާއެކު ގައިން ގަޔަށް އަރާ ބަލިތައް ކަމުގައިވާ މެލޭރިއާ، ފައިލޭރިއާ، ޕޮލިއޯ، ޓެޓްނަސް އަދި ހިމަ ބިހި ފަދަ ބަލިތައް ރާއްޖެއިން ނައްތާލެވުނީ، އާންމު ސިއްހަތާމެދު ސިއްހީ އެހީތެރިން މެދުވެރިކޮށް ރޭވުންތެރިކަމާއެކު ހިންގި ކާމިޔާބު ހަރަކާތްތަކުން ކަމަށެވެ. އެފަދަ ބަލިތައް ނައްތާލެވުނު ނަމަވެސް، މިއަދު ސިއްހީ ހާލަތައް އޮތް ނުރައްކާ ވަކި ކުޑައެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ސިއްހީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގައިން ގަޔަށް ނާރާ ބަލިތައް ދިވެހިންގެ ތެރޭގައި އިތުރުވުން. މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާ [އަދި] ކިޑްނީއާ ގުޅުން ހުރި ބަލިތަކުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެފަދަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހެނީ، ދިރިއުޅުމުގެ ނުރަނގަޅު އާދަތަކުގެ ސަބުން ކަމަށެވެ. އެގޮތުން ސިނގިރޭޓާއި ދުންފަތް އަދި ގިނައިން ހަކުރު އެކުލެވޭ ބާވަތްތަކާއި، ލުއި ކާނާ ފަދަ ކެއުން ބޭނުން ކުރުމުން އެފަދަ ބަލިތަކަށް މަގުފަހިވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

އެ މައްސަލަ ހައްލު ކުރުމަށް ބޭނުންވަނީ އާންމުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުކޮށް، އާންމު ސިއްހަތުގެ ނިޒާމު މިހާރަށްވުރެ ވަރުގަދަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އާއްމު ސިއްހަތުގެ ނިޒާމެއް ހިންގުމުގައި ދިވެހިންނަކީ ކާމިޔާބު ބައެއް ކަމަށާއި އެހެންކަމުން ކުރީގެ ތަޖުރިބާގެ އަލީގައި ހައްލު ހޯދުމަށް މިހާރު މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"[އެހެން ކަމުން] ސިއްހީ ހިދުމަތް ލިބިގަތުމުގައި އާއި ހިދުމަތް ދިނުމުގައި އަދި ހިދުމަތާ ދޭތެރޭވެސް އަޅުގަނޑުމެން މިހާރު ގެންގުޅެން ޖެހޭނީ މުޅިން އާ ވިސްނުންތަކެއް. އޭގެ އެއް ވިސްނުމަކީ، ޖުމްލަ ގޮތެއްގައި ހިދުމަތް ދިނުމަށް ރޭވުން،" ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ލ. ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ ރައިސް އޮފީސް

އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމު ކުރުމަކީވެސް އެ ވިސްނުމުގައި ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޓާޝަރީ ހޮސްޕިޓަލް އަޅާ ފަސް ސަރަހައްދުގެ ތެރެއިން ލ. ގަންވެސް ހިމެނެއެވެ.

ރައީސް ވިދާޅުވީ، އެ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އެ ހޮސްޕިޓަލާއެކު އެމްއާރުއެމް ހިދުމަތާއި ސީޓީ ސްކޭން ހިދުމަތް އަދި، ބޮޑެތި ޓެސްޓްތައް ހަދައި، ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުުގައި، ހިދުމަތް ހޯދުމަށްޓަކައި ބަލިމީހާ އުފުލަން ޖެހޭ ތަކުލީފް ވީވަރަކުން ކުޑަ ކުރުމަކީ ސަރުކާރުގެ ބޮޑު ސިޔާސަތެކެވެ. އެގޮތުން ލ. އަތޮޅުގައިވެސް މޯބައިލް ލެބޯޓަރީގެ ހިދުމަތްވެސް ފެށިގެން ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މޯބައިލް ލެބޯޓަރީގެ ހިދުމަތަކީ، ރަށްރަށުން ބަލި މީހުންގެ ސާމްޕަލް ނަގައިގެން، ލެބޯޓަރީ ހުންނަ ރަށްރަށަށް ގެންގޮސް، ލެބޯޓަރީގައި ތަހުލީލުކޮށް، ބަލި މީހާ އަށް އޭގެ ނަތީޖާ ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވާޙަކަ ދައްކަަވަނީ: ސިއްހީ ދައިރާ ކުރިއެރުވުމަށް އާ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށް ވިދާޅުވި --- ފޮޓޯ/ ރައީސް އޮފީސް

ތަކުލީފުތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުގެ ދެން އޮތް ވިސްނުމަކީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ލާމަކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގު ކުރުމާއެކު، ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ދައުރު ވަރަށް ބޮޑަ ފުޅާ ވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ ހިދުމަތް ދިނުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޒިންމާވެސް ބޮޑު ވެއްޖެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ގާނޫނީ ގޮތުން ގެނައި ބަދަލާއެކު ދައުލަތުގެ ބަޖެޓުން މުސާރަ ދޭ ގޮތަށް، އަދި ބަޖެޓްވެސް ދޭ ގޮތަށް ކޮންމެ ރަށެއްގައި އަންހެނުންގެ ކޮމިޓީ އިންތިހާބުކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކޮމިޓީތަކުގެ އެންމެ މުހިންމު ޒިންމާއަކީ، އަންހެނުންނާއި ކުޑަ ކުދިންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

""އެ ކޮމެޓީތައް އިންތިހާބު ކުރެވި، ހިނގައި ގަތުމުން ރަށްރަށުގެ އާންމު ސިއްހީ ނިޒާމަށް ވަރަށް ހެޔޮ ބޮޑު ބަދަލުތަކެއް އަންނާނެ،"ރައީސް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވަނީ ސިއްހީ މަރުކަޒަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކޮށް ހަދާނީ ފިލާ އަރުވާފައެވެ.

ހިތަދޫ ސިއްހީ މަރުކަޒުގެ ރަން ޔޫބިލް މިއަދު ފާހަގަ ކުރަމުންދާއިރު، އެ ރަށު ސިއްހީ މަރުކަޒު ހުޅުވާފައިވަނީ، ޑިސެމްބަރު، 19، 1969 ގައެވެ. ލ. އަތޮޅުގައި ފުރަތަަމަ ސިއްހީ ހިދުމަތް ދޭން ފެށި އެ މަރުކަޒުގައި އެންމެ ފުރަތަމަ ޑޮކްޓަރުގެ ހިދުމަތް ދޭން ފެށީ، މަރުކަޒު ހުޅުވިތާ 28 އަހަރު ފަހުން ޖޫން، 9، 1997 ގައެވެ. މިހާރު 29 މުވައްޒަފުންނާއެކު، 24 ގަޑި އިރު ހިދުމަތް ދެމުން އަންނަ އެ މަރުކަޒަކީ ލެވެލް ތިނެއްގެ ސިއްހީ މަރުކަޒެކެވެ.