19 Dec 2019, 18:50
ހަރުކަށި ފިކުރުގެ މީހުން ރ.މަޑުއްވަރީގައި ގިނަ ކަމަށާއި ރަށުގެ މާހައުލު އޮތީ ބިރުވެރިކޮށް ކަމަށް މަޑުއްވަރީ ރައްޔިތުންނާ ހަވާލީ ނޫސްތަކުގައި ލިޔެފައިވަނީ ދޮގު މައުލޫމާތު ކަމަށާއި އެފަދަ ބިރުވެރި ނުރައްކާތެރި އަމަލުތަކެއް އެރަށުގައި ހިނގަމުން ނުދާ ކަމަށް މަޑުއްވަރީ ކައުންސިލުން ބުނެފި އެވެ.
މަޑުއްވަރީގައި ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ހަރުކަށި ފިކުރު ހުއްޓުވުމަށް އިއްޔެ ސަލާމަތީ ބާރުތަކުން ވަނީ މަޑުއްވަރީގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
މަޑުއްވަރީގައި ފެތުރެމުންދާ ހަރުކަށި ފިކުރާ ގުޅޭ ގޮތުން މަޑުއްވަރީ މީހުން ދައްކާ ވާހަކަތައް އިއްޔެއާއި މިއަދު ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން މަޑުއްވަރީ ކައުންސިލުގެ މެމްބަރު އަބްދުﷲ އަހުމަދު ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޑުއްވަރީއާ ގުޅޭ ގޮތުން ނޫސްތަކުގައި ލިޔެފައިވަނީ ދޮގު މައުލޫމާތު ކަމަށެވެ.
"ދާދިފަހުން ކަނޑުމަތީގައި ހިންގި އަނިޔާވެރި އަމަލާއި ގުޅުވައިގެން މަޑުއްވަރީގެ ހާލަތު ކަމަށް ބަޔާންކޮށް ގެނެސްދެމުންދާ ހަބަރުތަކުގައި ޒިންމާދާރުކަން ކުޑަ. ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް އެތައް ވާހަކަތަކެއް ދިވެހި ނޫސްވެރިން ލިޔުމުގެ ސަބަބުން މަޑުއްވަރީއާ މެދު މީހުން ދެކެމުން އައިގޮތް ބަދަލުވެ. މަޑުއްވަރީއަކީ ބިރުވެރިންކަމުން ފުރިގެންވާ ނާމާން ތަނެއްގެ ގޮތުގައި ވަނީ ސިފަވާން ފަށާފައި." މަޑުއްވަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މަޑުއްވަރީގައި ފުލުހުން ގެންދާ އޮޕަރޭޝަންގައި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ މަޑުއްވަރީ އޮންލައިން
ނޫސްތަކުން ލިޔާ ހަބަރުތަކުގައި މަޑުއްވަރީއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އެރަށު ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނޫސްތަކުން ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ ކައުންސިލުން ބަޔާނެއް ނެރިފައިވާއިރު، ނޫސްތަކުގައި ލިޔެފައިވާ މައުލޫމާތުގެ ތެރެއިން ދޮގު މައުލޫމާތަކީ ކޮބައިކަމެއް މަޑުއްވަރީ ކައުންސިލުން ބުނެފައެއް ނުވެ އެވެ. މަޑުއްވަރީ ބަދުނާމު ނުވާ ގޮތަށް ނޫސްތަކުގައި ހަބަރު ލިޔަންވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަޑުއްވަރީގައި ކަރުކަށި ފިކުރުގެ އެތައް ބަޔަކު އުޅެމުންދާ ކަމަށް އެރަށުގެ މީހުން 'ސަން' އަށް ދިން މައުލޫމާތު ތަކުން އެނގެ އެވެ. އަދި އަންހެނުންނާ ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް މީގެ ކުރިންވެސް އެތައް ކަމެއް އެރަށުގެ ހަރުކަށި ފިކުރުގެ މީހުންގެ ކިބައިން ފެނިފައިވާކަން އެނގެ އެވެ. ރަސްމީ އިދާރާތަކަށް އެފަދަ މައްސަލަތަކެއް ވަނީ ހުށަހަޅާފަ އެވެ.
މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ އެކަމަށް ހިތްވަރުދޭ ކޭމްޕްތަކެއް ހަދައިގެން ބަޔަކު އުޅޭކަންވެސް އެރަށު މީހުންގެ ވާހަކައިން އެނގެ އެވެ.
އިއްޔެ މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އެރަށުގެ ދެމީހަކާއި އެރަށުގައި ދިރިއުޅެމުންދާ ހަރުކަށި ފިކުރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެރަށުން ހައްޔަރުކޮށްފައި ވަނީ އެރަށު މީޒާން، ހަސަން ސިޔާދު، 34 އާއި، ހަމަ އެރަށު މީރާ، ހަސަން ރާޒީ، 30 ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. ދެން ހައްޔަރު ކުރި މީހާގެ މައުލޫމާތު ވަނީ ލިބޭގޮތް ނުވެފަ އެވެ.