28 Nov 2011, 10:18
މާލެއިން މުދާ ބަރު ކޮށްގެން ކޮކޯ އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދިޔަ އެ ރިސޯޓްގެ ދޯންޏެއް، ކ. ވާދޫ ފަރަށް އުރި ހަލާކުވެއްޖެ އެވެ.
ދެ މީހުންނާއެކު ދަތުރުކުރި ދޯނި ރޭ އިރާކޮޅު ފަރަށް އެރި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ދޯނީގައި ތިބި ދެ މީހުން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
އެމްއެންޑީއެފް، ކޯސްޓްގާޑުން ބުނީ ކޯކޯ އައިލެންޑުގެ "ސަން ރީފް" ފަރަށް އެރީ ދަތުރު ކުރަމުން ދަނިކޮށް އައި ބާރުގަދަ ކޮޅިގަނޑެއްގެ ތެރޭގައި ކަމަށް ދޯނީގެ ކެޕްޓަން ބުނާ ކަމަށެވެ. އަދި ބުނީ ދޯނި އުރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި ބަރުކޮށްފައި ހުރި މުދާތައް އޮޔާ ބެހެމުންދާ ކަމަށެވެ. އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވުމަށް ވެސް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ.
މިދުވަސްވަރަކީ މޫސުމް ގޯސްވެ ކަނޑު ގަދަ ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ވެސް ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.