20 Jun 2010, 14:47
19:00
އައްޑު އަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން 30 އަހަރު ދުވަހަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ ބުނީ ސަރުކާރުން ކުރިއަށް ގެންދާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމްގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން ދުބާއީގެ ސުޕްރީމް ކުންފުންޏާ ބުރާސްފަތި ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން އެއާޕޯޓް ހިންގުމާ ހަވާލުވާނީ ތިން މަސް ފަހުން ކަމަށް ވެސް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެ އެވެ.
ސިވިލް އޭވިއޭޝަން މިނިސްޓަރ މަހްމޫދު ރާޒީ މިއަދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ގަމުގައި ހުންނަ އީކުއޭޓާ ވިލެޖް ސުޕްރީމް ކުންފުންޏާ ހަވާލުކުރެވެންދެން އެ ކުންފުނިން ސަރުކާރަށް ދައްކާނީ އެ ކުންފުނިން ވިއްކާ ތެލުގެ ބާވަތްތަކުގެ ކޮންމެ ލީޓަރަކުން ކަނޑައެޅިފައިވާ މިންވަރެއްގެ އިތުރުން ލިބޭ އާމްދަނީއެއްގެ 10 ޕަސެންޓް ކަމަށެވެ. އަދި އީކުއޭޓާ ވިލޭޖް އެ ކުންފުންޏާ ހަވާލުކުރުމުން އެ ކުންފުންޏަށް ލިބޭ އާމްދަނީގެ 15 ޕަސެންޓާއި ތެޔޮ ވިއްކައިގެން ލިބޭ އެއްޗަކުން ކަނޑައެޅިފައިވާ މިންވަރެއް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަހްމޫދު ރާޒީ ވިދާޅުވި އެވެ.
އައްޑޫ އަތޮޅު ގަމުގައި ސިފައިންނަށާއި ފުލުހުންނަށް އަދި ދޫގަސް ހިންގުމަށް ދީފައިވާ ސަރަހައްދުތައް ނޫން ހުރިހާ ތަނެއް ގޭން އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ހަވާލުކުރާ ސުޕްރީމް ކުންފުންޏަށް ދިނުމަށް އެ ކުންފުންޏާއެކު ސަރުކާރުވެފައިވާ އެ އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ.
ސިވިލް އޭވިއޭޝަން މިނިސްޓަރ ޑރ. މަހްމޫދު ރާޒީ ވިދާޅުވެފައި ވަނީ ގަމުގެ ބައެއްގައި ހުންނަ އީކުއޭޓަރ ވިލެޖަކީ ޓޫރިޒަމް މިނިސްޓްރީން ބަޔަކަށް ކުއްޔަށް ދީފައިވާ ތަނަކަށް ވާތީވެ، އެތަނުގެ ލީސް އެގްރީމަންޓް ހަމަވާނީ 2018 ވަނަ އަހަރު ކަމަށެވެ.