މޭވާއާއި ތަރުކާރީ ބަރުކޮށްގެން އިންޑިޔާގެ ޓުޓިކޮރިން އިން ފުރައިގެން ރާއްޖެއަށް ދަތުރުކުރި އިންޑިޔާގެ ބޯޓެއް ފެތިއްޖެއެވެ.

އިންޑިޔާގެ " ދަ ހިންދޫ" ނޫސް ބުނީ އިންޑިޔާގެ ރަށެއްކަމަށްވާ ވިޒިންޖަމްގެ 40 ކިލޯމޭޓަރު ދުރުން މިދިޔަ ހޮނިހިރު ދުވަހު އަޑިއަށް ދިޔަ އިންޑިޔާގެ ބޯޓްގައި ތިބި 11 ފަޅުވެރިން ފަރަންސޭސިވިލާތުގެ ކޮންޓެއިނާ ބޯޓެއް ކަމަށްވާ ސީއެމްއޭ ސީޖީއެމް އޮތެއްލޯއިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އެ ނޫސް ބުނިގޮތުގައި އިންޑިޔާގެ ރިޔާނެގި ލަކުޑިބޯޓެއް 11 މަސްވެރިންނާ އެކު ތިރިވަނަންތަޕޫރަމްގެ ހުޅަނގުން 90 މޭލު ބޭރުން ބަންޑުން ޖަހާލައި އޮޔާދަމުންދާ ކަމަށް ފަރަންސޭސި ބޯޓް ގެ ކެޕްޓަން އިންޑިޔާގެ ކޯސްޓްގާޑްގެ މެރިޓައިމް ކޯޑިނޭޝަން ސެންޓަރަށް މިދިއަ ހޮނިހިރު ދުވަހުގެ 6.50 ގައި އެންގި ކަމަށެވެ. އަދި އެ ސެންޓަރުން އެދުމުން ފަރަންސޭސި ބޯޓުން އަޑިއަށް ދިޔަ ބޯޓްގެ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

އަޑިއަށް ދިޔަ އިންޑިޔާގެ ބޯޓް އޭވީއީ މާރިއާ އޭރު ދަތުރުކުރަމުން ދިޔައީ ޓެމިލްނާޑޫގެ ޓްޓިކޮރިންއިން މޭވާއާއި ތަރުކާރީ ހިފައިގެން ކަމަށާއި އެބޯޓްގެ ދަތުރު ފަށާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް ވެސް ދަ ހިންދޫގައި ވެއެވެ.

އަޑިއަށް ދިޔަ ބޯޓް ހާލުގައި ޖެހުމާ ގުޅިގެން ކޮޗިންގައި ހުންނަ ކޯސްޓްގާޑްގެ ރެސްކިއު އެންޑް ސާޗް ސެންޓަރަށް ކެޕްޓަން އެ މައުލޫމާތު ދިން ކަމަށާއި ފަރަންސޭސި ބޯޓުން އެ ބޯޓްގެ ފަޅުވެރިން ސަލާމަތް ކުރި އިރު އިންޑިޔާގެ ކޯސްޓްގާޑްގެ އުޅަނދުތައް ދިޔައީ ބޯޓްގެ ފަޅުވެރިން ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް ކޯސްޓްގާޑާ ހަވާލާދީ ނޫހުގައި ވެއެވެ.

ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ކޯސްޓްގާޑްގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅުނު ކަމަށް ކޯސްޓްގާޑްގެ އޮފިޝަލުން ބުނެފައި ވެއެވެ.

އިންޑިޔާއިން ރާއްޖެއަށް ގެންނަ ފިޔަޔާއި އަލުވި އަދި ބިހުގެ އިތުރުން ގިނަ ބާވަތްތަކެއްގެ މޭވާއާއި ތަރުކާރީ ގެންނަނީ އަޑިއަށް ދިޔަ ވައްތަރުގެ ރިޔަލާއި އިންޖީނުގައި ދުއްވާ ލަކުޑިބޯޓް ފަހަރުގައެވެ.